ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ދައުވާ ކުރި ވަރު އިތުރުވެއްޖެ

ގއ. ކަނޑުހުޅުދޫހައި ކުޑަކުދިންތަކެއް ވެއްޔާ ކުޅެނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ދެ ހާސް ނަވާރަ ވަނަ އަހަރާ އަޅާބަލާއިރު 2020 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލަތަކުގައި ދައުވާ ކުރި މީހުންގެ އަދަދު 65 ޕަސެންޓު އިތުރުވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ ގޮތުން އަމިއްލަ ބްލޮގުގައި ޕީޖީ ޝަމީމް ލިޔުއްވާފައި ވަނީ، 2019 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު އެފަދަ މައްސަލަތަކުގައި ދައުވާ ކުރި މީހުންގެ އަދަދު 65 ޕަސެންޓު އިތުރުވެ، ކުރި ދައުވާތަކުގެ އަދަދުވެސް 63 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.

އެއީ އެކަމަށް ހާއްސަކަމެއް ދީގެން ދައުލަތުގެ އިދާރާތައް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ދައުވާ ކުރި މީހުންގެ އަދަދު އިތުރުވުމުގެ މާނައަކީ ނިޒާމާ މެދު ރައްޔިތުންގެ އޮތް އިތުބާރު އިތުރުމެވެ. އަދި މީހުން އެފަދަ މައްސަލަތައް ރިޕޯޓު ކުރަން ޖެހިލުން ނުވާ ކަމަށާއި، ފިޔަވަޅެއް އެޅޭނެ ކަމުގެ ޔަގީންކަމެއް އޮންނަކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

"ދެހާސް ނަވާރަ ވަނަ އަހަރާ އަޅާ ބަލާއިރު، 2020 ވަނަ އަހަރު ދައުވާ ކުރެވުނު މީހުންގެ އަދަދު 65 ޕަސެންޓު އިތުރުވުމުގެ މާނައަކީ، ރައްޔިތުންގެ އިތުބާރު މިނިޒާމަށް އިތުރުވުމެވެ. މީހުން ރިޕޯޓު ކުރާކަށް ޖެހިލުމެއް ނުވެ އެވެ. ދައުލަތުން ކޮންމެވެސް ކަމެއް ކުރާނެކަމުގެ ޔަޤީންކަމެއް އޮވެ އެވެ. ކަމެއް ކުރޭވެސް މެއެވެ. ތަހުގީގުތައް ވެސް ރަނގަޅު ކުރެވިއްޖެ އެވެ. ދައުވާ ކުރެވޭ ވަރަށް ހެކިވެސް ހޯދެ އެވެ،" ޕީޖީ ޝަމީމް ލިޔުއްވާފައިވެ އެވެ.

ޝަމީމް ހިއްސާ ކުރި ތަފާސްހިސާބުތަކުގައި ވާގޮތުން، ޕީޖީ އޮފީހުން 2019 ވަނަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 23 ބާވަތެއްގެ 142 ދައުވާއެއް ކޯޓުތަކަށް ހުށަހަޅާފައިވެ އެވެ. އެއީ 102 މީހެއްގެ މައްޗަށް ދައުވާ ކުރަން އެދި އެވެ. އެ އަހަރު މަހަކު އެވްރެޖްކޮށް 12 މައްސަލަ ކޯޓަށް ހުށަހަޅަމުން ގެންދިޔަ އެވެ.

އެންމެ ގިނައިން އެފަދަ މައްސަލަތައް ހުށަހެޅީ މާލޭގެ ކޯޓުތަކަށެވެ. އެއީ 70 މައްސަލަ އެވެ. ދެން އެންމެ ގިނައިން އެފަދަ މައްސަލަ ހުށަހަޅީ ހައްދުންމަތީގެ ކޯޓުތަކަށެވެ. އެއީ 14 މައްސަލައެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ކޯޓުތަކުން އެ އަހަރު ތެރޭގައި ނިންމާފައި ވަނީ 15 މައްސަލަ ކަމަށް ޕީޖީ ލިޔުއްވާފައިވެ އެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 10.5 ޕަސެންޓެވެ. ނުނިމި އަދި ވެސް ހިނގަމުން ދަނީ 85 މައްސަލަ އެވެ. އެއީ 60 ޕަސެންޓެވެ. ތިރީސް ހަތަރު މައްސަލައެއްް ކޯޓުން އަނބުރާ ފޮނުވާލާފައިވާ އިރު އެހެނިހެން ސަބަބުތަކާ ހެދި ހުއްޓިފައި ހުރި މައްސަލަތައްވެސް އެބަ ހުއްޓެވެ.

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާތު 29 ބާވަތެއްގެ 232 ދައުވާ ހުށަހަޅާފައިވެ އެވެ. އެއީ 169 މީހެއްގެ މައްޗަށެވެ. މަހަކު އެވްރެޖްކޮށް 19 މައްސަލަ ކޯޓަށް ހުށަހަޅާފައިވެ އެވެ.

އެ އަހަރު ވެސް އެންމެ ގިނައިން މައްސަލަ ހުށަހެޅިފައި އޮތީ މާލޭގެ ކޯޓުތަކަށެވެ. އެއީ 115 މައްސަލަ އެވެ. ދެން އެންމެ ގިނައިން މައްސަލަ ހުށަހެޅި ފުވައްމުލަކު ކޯޓަށް 14 މައްސަލަ އެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ކޯޓުތަކަށް 13 މައްސަލަ ހުށަހަޅާފައިވެ އެވެ.

މިދިޔަ އަހަރު 232 މައްސަލަ ހުށަހެޅި ނަމަވެސް، އެ މައްސަލަތަކުގެ ތެރެއިން، އެ އަހަރު ކޯޓުތަކަށް ނިންމުނީ އެންމެ ދެ މައްސަލަ އެވެ. އެއީ، ހއ. މާރަންދޫ މެޖިސްޓްރޭޓު ކޯޓަށް، 10 ޖަނަވަރީ 2020 ދުވަހު ހުށަހެޅި މައްސަލައަކާއި ހއ. ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް، 1 އޭޕްރީލް 2020ގައި ހުށަހެޅި މައްސަލައެކެވެ.

"މިއީ، އެއަހަރު ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަށް ބަލާއިރު %0.68 މައްސަލައެވެ. ޖުމްލަ މައްސަލައިގެ 89% (207 މައްސަލަ) އަދިވެސް ނުނިމި ހިނގަމުން އެބަދެއެވެ. މިއީ ކުރީ އަހަރުގެ ބާކީ ނުލަ އެވެ،" ޕީޖީ ލިޔުއްވާފައިވެ އެވެ.

ތަފާސްހިސާބުގެ އަލީގައި، ކުށްކުރާ މީހުންގެ އަމުރާއި، ކުށްކުރާ ތަނާއި، އަތޮޅާއި ރަށް ފަދަ ކަންކަން ބަލަމުންދާ ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ. އަދި ކުށްކުރާ ދުވަސްވަރާއި، އެދުވަސްވަރު ކުށް ކުރުމަށް ހުރި އެހެނިހެން ސަބަބުތައް ދެނަގަނެ، ކުރިއަށް އޮތް ތަނުގައި ކުށުން ރައްކާތެރި މާހައުލެއް ގާއިމުކުރަން އެ މައުލޫމާތު ބޭނުން ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ކުށް ސާބިތުވާ ގޮތާއި މިންވަރުގެ މައުލޫމާތު ވެސް އެއްކުރުން މުހިންމު ކަމަށާއި މަސައްކަތުގެ ހަގީގީ ކުރިއެރުން ދެނެގަނެވޭނީ އޭރުން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ. ނަމަވެސް، މިދިޔަ ދެއަހަރު ހުށަހެޅި 374 މައްސަލައިގެ ތެރެއިން ހުކުމާ ހަމައަށް ދެވިފައިވަނީ 17 މައްސަލަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ "ތަފާސް ހިސާބަކުން ކަމެއް ދެނެގަނެވޭ ވަރަށްވުރެ މަދު" އަދަދެކެވެ.

comment ކޮމެންޓް