ލައިސަންސް ދޫކުރުމާއި ވެހިކަލް ރެޖިސްޓްރީ ކުރުމުގައި ބޮޑު ކޮރަޕްޝަނެއް!

މާލޭގައި ވެހިކަލްތަކެއް ޕާކު ކޮށްފައި — ސަންފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އެންމެ ބޮޑު ކޮރަޕްޝަނެއް އެކުލެވޭ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ލައިސަންސް ދޫކުރުމާއި ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަމުގައި ކަމަށް ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުން ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ވާހަކަތައް ހާމަކުރައްވައިފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމުގައި މަސައްކަތް ކުރައްވަމުން އަންނަ ކޮންސަލްޓެންޓް ޑރ. ސިމާދު ސައީދު އެވެ.

ކޮމިޓީ ބައްދަލުވުމުގައި ސިމާދު ވިދާޅުވީ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާ ތަކުން އެއްކުރެވުނު ބައެއް މައުލޫމާތުތައް އިއްޔެ މަޖިލީހުގެ ކޮމިޓީގައި ވަނީ ހިއްސާކޮށްފަ އެވެ.

ސިމާދު ވިދާޅުވީ ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީގައި ހިމެނުމަށް އެހެން މުއައްސާސާތަކުން އެއްކޮށްފައި ހުރި މައުލޫމާތައް ބަލާއިރު އެންމެ ބޮޑަށް ކޮރަޕްޝަން އެކުލެވޭ މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ލައިސަންސް ދިނުމުގެ ކަންކަން ކަމަށެވެ.

"ލައިސަންސް ދިނުމުގެ ކަންކަމުގައި. އޭގެތެރޭގައި އެއްގަމު އުޅަނޑު ދުއްވުމުގެ ލައިސަންސް. ދެން ރެޖިސްޓްރޭޝަނުގެ ތެރޭގައި ވެސެލްސް ވެހިކަލްސް އަދި ޕްރޮޕަޓީ ރެޖިސްޓްރޭޝަންވެސް އެބަ ހިމެނޭ. ދެން ވިސާ ދޫކުރުމުގެ ވާހަކަ. މި ތިން ކަންތަކަކީ މިވަގުތު ގިނަ ދުވަސްވެފައި ހުރި ހައްލު ނުކުރެވި ހުރި ކޮރަޕްޝަން ރިސްކް ވަރަށް ހައި ތިން އޭރިޔާ." ސިމާދު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން — ފޮޓޯ/ މަޖިލިސް

ލައިސަންސް ކޮރަޕްޝަން ހުއްޓުވޭނެ ގޮތެއް ކަމަށް ސިމާދު ފާހަގަ ކުރެއްވީ ލައިސަންސް ދިނުމުގެ މުޅި ސިސްޓަމް ޑިޖިޓައިޒް ކުރުމެވެ. މިހާރު ޓްރާންސްޕޯޓް އޮތޯރިޓީގައި ބޭނުން ކުރާ ސިސްޓަމަކީ ރަނގަޅު ސިސްޓަމަކަށް ނުވާތީ އެއާ ވަރަށް ގިނައިން މީހުންނަށް ކުޅެލާ މައުލޫމާތު އޮޅުވާލުމުގެ ފުރުސަތު އޮންނަ ކަމަށް ސިމާދު ވިދާޅުވި އެވެ. ކޮރަޕްޝަން ހުއްޓުމުގެ ގޮތުން ޑިސެންޓްރަލައިޒް ކޮށްގެންވެސް އެ ހިދުމަތް ދެވިދާނެ ކަމަށް ސިމާދު ވިދާޅުވި އެވެ.

ލައިސަންސް ދޫކުރުމުގެ ކަންކަން ޓްރާންސްޕޯޓް އޮތޯރިޓީ އިން ކުރުމުގެ ބަދަލުގައި ކައުންސިލުތައް މެދުވެރިކޮށް އެކަން ކުރެވިދާނެ ކަމަށް ސިމާދު ވިދާޅުވި އެވެ.

"މާލޭގައި ވެސް ޑިސެންޓްރަލައިޒްކޮށްފައި. މާލޭ ސިޓީކައުންސިލް ފަދަ ތަނަކުން ލައިސަންސް ދޫކޮށް ހަދާފައި އަދި ދިވެހިރާއްޖޭގައި ހުރިހާ ލައިސަންސާ ބެހޭ ކަމެއްގައި އެކައުންޓަބިލިޓީއެއްގެ ރޯލު ޓްރާންސްޕޯޓް އޮތޯރިޓީއިން އަދާކުރެވޭނެ ގޮތް ހަމަޖެއްސުން." ސިމާދު ވިދާޅުވި އެވެ.

އޭގެ އިތުރުން ދެން އެންމެ ގިނައިން ކޮރަޕްޝަން އެކުލެވޭ ކަމެއްގެ ގޮތުގައި ސިމާދު ފާހަގަކުރެއްވީ ވެހިކަލް ރެޖިސްޓްރޭޝަންގަ އެވެ. ސިމާދު ވިދާޅުވީ މާލޭގައި ޕާކު ކުރާނެ ޖާގަ ނެތުމުގެ ސަބަބުން އުސޫލަށް ބަދަލު ގެނެސް ގަރާޖެއް ދައްކާފައި ވެހިކަލް ރެޖިސްޓްރީކުރެވޭ ގޮތް ހެދި ކަމަށެވެ.

"ހީވެސް ނުކުރާ ވަރުގެ ބޮޑު ކޮރަޕްޝަނެއް މިކަމުގައި އެބަ އެކުލެވޭ. އެންމެ ގަރާޖަކަށް 70 ވެހިކަލް ރެޖިސްޓްރީ ކުރުުން ކަހަލަ ކަންތައްތައް ވެސް އެބަ ހިނގާ. އަދި އެ ގަރާޖަކީ ހަގީގަތުގައި ވެސް ގަރާޖެއްތޯ ނުވަތަ ފާމަސީއެއްތޯ. ބޯކޮށާތަނެއްތޯ. މިކަން ވެސް ބެލޭނެ ގޮތެއް ނެތް." ސިމާދު ވިދާޅުވި އެވެ.

އޭގެ އިތުރުން ގޭގެ ނަމަށް އުނިއިތުރު ގެނެސްގެންވެސް އެތައް ވެހިކަލެއް ރެޖިސްޓްރީ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަށް އޮތް ހައްލަކީ ޕޮލިސީ ރަނގަޅަށް އެލައިން ކުރުން ކަމަށް ސިމާދު ވިދާޅުވި އެވެ.

comment ކޮމެންޓް