އަންދަލުސްގެ ޕްރިންސް 19

އަންދުލުސް ޕްރިންސް

ފްލޮރިންޑާއަށް ލުދްރީކްގެ ފަރާތުން ސަލާމަތް ނުވެވުމުން އަމިއްލައަށް ކަރުގައި ހިފާ މަރުވެގަންނަން މަސައްކަތްކުރިއެވެ. އޭނާގެ ދެ ލޯ ބޭރަށް ނުކުމެ މޫނުގެ ފިޔާތޮށިކަން އެއްކޮށް ކެނޑުނެވެ. ލުދްރީކްއަށް އެ މަންޒަރު ފެނުމާއެކު ފްލޮރިންޑާގެ އަތުގައި ހިފާ ނެއްޓުވިގޮތަށް އެ އަތުގައި ހިފެހެއްޓީ ތަދުވާހާ ބާރަށެވެ. ފްލޮރިންޑާގެ ހަށިގަނޑުގައި ވި ނަމަ ވީހާ ހަކަތައެއް ހަށިގަނޑު ދޫކޮށް އޭނަ ދޫލަމައްޗަށް ދެމިއްޖެ އެވެ. އެއްވެސް ހަރަކާތެއް ނެތް ބުދެއް ފަދައިން ފްލޮރިންޑާ އޮތްތަން ފެނި އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ހިތުގައި ފިޔަޖަހައިލި އެވެ. ތަންކޮޅެއް އޯގާތެރިވާން ނިންމި އެވެ. އޭނާ ފްލޮރިންޑާ ގާތުގައި ކަކޫ ޖައްސާލައިގެން އިށީނދެފައި ފްލޮރިންޑާގެ އަތުގައި ހިފާ ކޮޅަށް ނަގަން މަސައްކަތްކުރި އެވެ. އޭނާގެ މޭގައި ލައްކޮށްލައިގެން އިނދެ މަޑުމަޑުން ގޮވާލައިފި އެވެ. އޭނާ އުންމީދުކުރީ ފްލޮރިންޑާ ހޭ އަރާނެކަމުގަ އެވެ.

އިރުކޮޅެއްވާންދެން ފްލޮރިންޑާގެ މޫނަށް ކަޅި ހުއްޓާލައިގެން އިނުމަށްފަހު އެކުއްޖާ މަރުވަނީކަން ނޫނީ މަރުވެފައިވާކަމުގެ ބިރު ހީވެ އަވަހަށް ފެންކޮޅެއް ބަލާ ނުކުތެވެ.

ދުޢާކުރުމުގައި އަވަދިނެތި ގެއްލިފައިން އިން ބޮޑުދައިތައަށް ގުގުރިއާއި ވިދުމާއި ތޫފާންގެ ވަރުގަދަކަން އެނގުމެއްނުވި އެވެ.

"އަވަހަށް ފެން ތަށްޓެއް ގެނޭ.." ދޮރުމައްޗަށް އެރި ލުދްރީކް އަމުރުކުރި އެވެ.

އަވަސްވެގަނެގެން ފެންތަށްޓަކާއިގެން އެކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު ބޮޑުދައިތަގެ ދެފައި ރޫރޫއަޅަ އެވެ. ފްލޮރިންޑާއަށް ދިމާވި ހާދިސާއަކާމެދު ހިތުގައި ސުވާލު އުފެދުނެވެ.

"ފްލޮރިންޑާ...ކިހިނެއްވީތަ؟ "ބޮޑުދައިތައަށް ހަޅޭއްލަަވައިގަނެވުނެވެ.

"މޫނުގައި ފެން ހާކަބަލަ. އަނބުރައިގަތީކަމަށް ވާނީ.." ލުދްރީކް އެދުނެވެ.

މޫނުގައި ޖެހުނު ފިނިފެނުން ލިބުނު ހޭވެރިކަމާއެކު ފްލޮރިންޑާ ތެދުވެ އިށީނދެ ވަށައިގެން ހޯދާލިއިރު ލޮލުން ހާސްކަމާއި ބިރުވެރިކަން ފެންނާން ހުއްޓެވެ. ލުދްރީކްގެ މޫނަށް ނަޒަރު ހުއްޓާލުމާއެކު އޭނާ ހަޅޭއްލަވައިގަތީ ފުރޭތައެއް ފެނުނުފަދައިން ސިހުމާއެކުގަ އެވެ.

"އާހް. އަހަރެން އަދިވެސް ދުނިޔޭގައި އެބަހުރި. އަދިވެސް މި ޝައިތާނީ މަޚުލޫގު މިހިރީ ކުރިމަތީގައި. މަރުގެ ސަބަބުން މީނަގެ ވަކިތަކުން ސަލާމަތްވެވިދާނެކަމަށް އުއްމީދުކުރިން...."

ފްލޮރިންޑާގެ ހިތާމައިން ފުރިފައިވާ އުދާސްތައް އެސިކުނޑިއަށް ނެގި ކަމަށް ނަހަދާ އޭނާ ބޮޑުދައިތައާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ.

"ފްލޮރިންޑާ އަމިއްލަ ނަފުސަށް ހަދައިލިގޮތް ފެނިއްޖެއެއްނު. އެހާވެސް މޮޔަ އަދި ބޯހަރު. އަހަރެން ދުނިޔޭގައި ލެއްވިހާ އުފާތައް ދޭން ހުށަހެޅީމަ ދެކޮޅުހަދަނީ...."

ބޮޑުދައިތަގެ ޖަވާބަކަށްވީ އެލޮލުން ބޭލި ކަރުނަތަކެވެ. ފްލޮރިންޑާއަށް މިތަނުން އެހާ ފަސޭހައިން ސަލާމަތް ވެވޭނެގޮތެއް ނެތްކަން އެނގިގެން އޭނައަށް ޖެހުނީ ޚުޝާމަދުކޮށް ރަސްގެފާނުގެ ރުހުން ހޯދުމެވެ.

"މާތް ސާހިބާ. އަޅުގަނޑު އާދޭސް ކުރަން. މި ޟައީފު ކުއްޖާއާއިމެދު އޯގާތެރިވެދެއްވާ،" ބޮޑުދައިތަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ނިމުމެއް ނައެވެ. އެ އަޑުވެސް ރޫރޫ އެޅިއެވެ.

"މިގަނޑުވަރުގައި މިފަދަ އެތައް އަންހެންކުދިންނެއް ސާހިބާގެ އަރިހަށް އައުމަށް އެދި ތިބޭނެ......."

އެވާހަކަތަކުން ރަސްގެފާނުގެ ރުޅިވެރިކަން އިތުރުވެ މޫނު ބަނަވެގެން ދިޔުމާއެކު ޖަހަން އަތް މެޅި އެވެ.

"ހަމަ މިހާރު މިތަނުން ނުކުމޭ ނުބައި މުސްކުޅިޔާ. އޭނައާ އެއްވަރަށް ކަލޭވެސް ނުލަފާ...."

ބޮޑުދައިތަ އެތަނުން ނުކުމެގެން ދިޔައިރު ހަދާންކުރީ އަލްފަންސޫއާއި އޭނަގެ ބައިވެރިންގެ ރޭވުމެވެ. ކުޑަދޮރުން އަރާ އެމީހުން އެކުއްޖާ ސަލާމަތްކޮށްދޭނެ ބާވަ އެވެ. ގަދަބަދަހިކަމުން ނަމަވެސް ހެވެވެ. މި ނުބައި އިންސާނާގެ ވަކިތަކުން މައުސޫމް ކުއްޖަކު ކޮންމެ ގޮތަކުން ނަމަވެސް ސަލާމަތް ކުރުމަކީ މަޖުބޫރުކަމެކެވެ. ފްލޮރިންޑާ ދިރިއުޅޭ ބަޔަށް ގޮސްފައި ކުޑަދޮރު ކުޑަކޮށް ހުޅުވާލައިފި އެވެ. ވައިރޯޅިއާއެކު ވިއްސައިލި ވާރޭގެ ބޮޑު ތިކިތަކުން އޭނާ ތެމުނެވެ. ކޯރާއި ދިމާލަށް ބަލައިލިއިރު އެދިމާލުން ތިނެސްކަން ނޫން އައްޔެއްވެސް މިހާރު ފެންނާކަށް ނެތެވެ. ދޮރު ލައްޕާލާފައި އޭނަ އުޅެގަތީ ދުޢާކުރުމުގައެވެ. އެނޫން ކަމެއް އޭނައަށް ކުރެވޭނެހެއްޔެވެ؟

***

ލުދްރީކް ދޮރު ލައްޕާލާފައި އަނެއްކާވެސް ފްލޮރިންޑާ ގާތަށް ފިޔަވަޅު އެޅިއެވެ. އޭރު ކުޑަކޮށް އަރާމުކުރެވި ފިޔާތޮށި މޫނުގެ ކުލަވެސް އަލުން ރުޖޫއަވެއްޖެއެވެ. އަދިވެސް އޭނަ އިނީ ދޫލަމަތީގައެވެ. ލުދްރީކްގެ އަތް އޭނަގެ އުނަގަނޑުގައި އަޅުވާފައިވާ ކަމަރާއި ދިމާލަށް ގެންދިޔައެވެ. އެއް އަތުން ނެގީ ވިހައިން ކަޅިކޮށްފައި އޮތް މިޔަ ތޫނު ޚަންޖަރެކެވެ. އަނެއް އަތުގައި އޮތީ އަނގޮޓިއެކެވެ.

"އަހަރެންގެ ކެތްތެރިކަން ކޮޅުންލައިފި ފްލޮރިންޑާ." އޭނަ އަތް ދިއްކޮށްލިއެވެ." އެންމެ ފަހު ފަހަރަށް އަހަރެން މި ހުށަހަޅަނީ އުފާވެރިކަން އަދި މި އަނގޮޓި ނަގާ. އެ ގޮތް ގަބޫލުނުކޮށްފިއްޔާ މި ޚަންޖަރު މެޔަށް ހަރާލާނަން. ޖަވާބެއް ދީ. ކޮން ގޮތެއް ބޭނުމީ؟"

ފްލޮރިންޑާ ދޫލަމަތިން ތެދުވިއެވެ.

"އަވަސްކުރޭ. މި ނުބައި ހުރަގެއިން އަހަރެން މިންޖުކޮށްދީ. ތި ޚަންޖަރުން އަހަރެން ކަތިލާ. އޭރުން އަހަންނަށް ހެއްދެވި ފަރާތުގެ ހަޟުރަތަށް ދެވޭނެ.. އެވެސް މައުސޫމް ސާފު މީހެއްގެ ގޮތުގައި.."

"ދެވަނަ ފަހަރަށްވެސް ވިސްނާ. އަހަރެން ހަމަ އެކަނި ބިރުގަންނަވަން ބުނެލާ ބަހެކޭ ހިތަށް ނާރުވާތި. ކަލޭ ކަހަލަ މީހެއްގެ ފުރާނަ ދުއްވައިލަން އަހަރެން ޖެހިލުމެއް ނުވާނެ. ހަމަހޭވެރިކަންވެ މި ހުށަހެޅުން ގަބޫލުކޮށްފިއްޔާ މި އަނގޮޓި މަގޭ ލޯބީގެ ތުހުފާއަކަށް ދޭނަން. އޭރުން ކަލޭ ޓޮލެޑޯގައި ހުރި އެންމެ އުފާވެރި އަންހެންކުއްޖާ ކަމުގައިވާނެ...."

" އަހަރެންވެސް ސަމާސާކުރަނީކަމަށް ހީނުކުރޭ. އަމިއްލަ ނަފުސަށް ވަފާތެރިކަން މަތީ މަރުވާން ތައްޔާރަށް މިހުރީ. އެގޮތްވެސް މާރަގަޅު. ހަމަހޭޖެހި ވަގުތު ފާއިތުވުމުގެ ކުރިން ތައުވާބާން ޖެހޭ މީހަކީ ތިއީކަން ނޭނގޭ. ކޮންމެ ގޮތެއް ވިޔަސް އަދި މިދުވަހާމެދު ހިތާމަކުރާނެ. ނުބައި އަމަލުތައް ހިންގުމަށްފަހު ފަހުން ހިތާމަކުރިޔަސް ރަނގަޅުކަމެއް ކުރެވުނުކަމަކަށް ނުވާނެ. އަހަރެން މަރާލައިފިއްޔާ ހެއްދެވިފަރާތަށް ބޯލަނބާ ކުށެއްނެތް ޚާދިމާއެއް ގަތުލުކުރެވުނު ކަމުގެ ހިތާމަ ކުރާނެ ދުވަހެއްވެސް އަންނާނެ." ފްލޮރިންޑާ އެހެން ބުނުމަށްފަހު އަނެއްކާވެސް ދުޢާއަށް އަތް އުފުލާލައިފިއެވެ.

"އަދިވެސް ވިދުމާއި ގުގުރީގެ ތޫފާނެއް އަންނާނެކަމަށް ކުށްހީ ކުރަނީ؟ ކުރީފަހަރު ފަދައިން އެގޮތަށް ދުޢާއައްސަވާވޮޑިގެންވާނެ ކަމަށް؟ މި ޒަމާނަކު މުއުޖިޒާތްތަކާއި ކަރާމާތެއް ނުފެންނާނެ...." ލުދްރީކް އޭނަގެ ޚަންޖަރު އަތުކޮޅަށް އުފުލައިލީ ސީދާ ފްލޮރިންޑާގެ މެޔަށް އަމާޒުކޮށްފައެވެ.

ކުއްލިއަކަށް އެ ދެއަތުގެ ހަރަކާތް ހުއްޓުނީ ފިޔަވަޅުތަކުގެ އަޑު ކަންފަތުގައި ޖެހިފައެވެ. އެ އަޑު ގާތްވަމުން އަންނާތީއެވެ. އޭނަ ވަގުތުން ހިތް އަވަސްވެ ފިނިވާގޮތްވިއެވެ. އޭނަގެ މައިންބަފައިންވެސް ތަރުބިއްޔަތު ކުރީ ދީންވެސް އޮޅުން ފިލުވާދީފައި ކަމަށްވާތީ އެވަގުތު އަނެއްކާވެސް ފްލޮރިންޑާގެ ދުޢާ އިޖާބަވީ ބާވައޭ ހިތަށް އެރިއެވެ. މާތްރަސްކަލާގެ މަލާއިކަތެއް ފޮނުއްވީބާވައެވެ. މިގަޑީގައި އޭނަގެ ހުއްދަނެތި އެއްވެސް މީހަކަށް މި ގަޑުވަރާއި ވައިއެޅޭކަށް ނުކެރޭނެއެވެ. ގަޑުވަރަށް އަދި ވަދެވުނަސް މިހިސާބަށް ނާދެވޭނެއެވެ. އޭނައޮތީ ހުރިހާ ދޮރުތައް ތަޅުލާ އެއްވެސް މީހަކު ރަސްގެފާނަށް އުދަގޫކޮށްގެން ނުވާނެކަމަށް އަންގާފައެވެ. އެ އަމުރާއި ޚިލާފަށް ދޮރު ފާރަވެރިންވެސް އެއްވެސް އިންސާނަކަށް ހުއްދައެއް ނުދޭނެކަމާއިމެދު ޝައްކެއް ނެތެވެ.

އެހިނދުކޮޅު ލުދްރީކްއާއި ފްލޮރިންޑާގެ ނަޒަރު ތަތްވެފައިވަނީ ދޮރުގައެވެ. ލުދްރީކް ޚަންޖަރު ކަމަރުގައި ޖަހާފައި ދޮރާއި ދިމާލަށް ދާން ހިނގައިގަތެވެ. ދޮރުގައި މީހަކު ޓަކިދިންލެއް ބާރުކަމުން މުޅި ތަނުގައި އަޑު ގުގުމައިގެން ދިޔައެވެ. ލުދްރީކްގެ ކަށިތަކުގެ ތެރެއަށްވެސް ހީލި ގަނޑު ދަތުރުކުރިއެވެ. ދޮރުމަތީގައި ހުރި މީހަކު ފެނި އޭނަ ސިހި ހައިރާންކަމެއްލިބުނެވެ. އޮޕާސް ލައިގެން ހުރި ފާދިރީ ހެދުން ތެމިގެން ފެންތިކިތައް ކުދި ކޯރެއް ހަދާލައިފިއެވެ. ފްލޮރިންޑާއަށް އޮޕާސް ފެނުނީ މަލާއިކަތެއް ފަދައިންނެވެ. ނޭވާހިފަހައްޓާލައިގެން ހުރިއިރު ކަރުތެރެވެސް ހިކިއްޖެއެވެ.

"މިގަޑީގައި ތިޔަ ދުރުވީޔޯ؟ އަދި އަޅުގަނޑުގެ ހުއްދަނެތި ގަނޑުވަރަށް ވަދެވުނީ ކިހިނެއްތޯ؟" ލުދްރީކްއަށް ލިބުނު ޝޮކް އަދިވެސް މޫނުން ފައުޅުވާން ހުއްޓެވެ.

ހޭނުޖެހޭ ކުޑަ ފިރިހެންކުއްޖަކު ކުރި ސުވާލެއްފަދައިން އެ ސުވާލަށް އަޅާލުމެއްނެތި އޮޕާސް ވާހަކަދެއްކިއެވެ.

"ރަސްކަމާއި ގުޅޭ މުހިއްމު ވާހަކައަކާއިމެދު މަޝްވަރާކޮށްލަން މިއައީ. މި ގަނޑުވަރަށް ވަދެވުނުގޮތާއިމެދު ސުވާލުކުރާއިރު ފާދިރީއިންގެ މި ފެންވަރުގެ މީހުންނަށް ރަސްގެފާނުގެ އިޒުނަ ނެތި ވަދެވޭނެކަން ކުދި ބޮޑު އެންމެނަށް އެނގޭނެ. އިޒުނަނެތި ހެއްދެވިފަރާތާއިވެސް ވާހަކަ ދެއްކޭ......."

އޮޕާސްގެ ވާހަކަތަކުން އޭނައަށް ވާހަކަ މިދެއްކެނީ ފާދިރީއިންގެ ނުފޫޒުގަދަ ބާރުހުރި އަދި އޭނަ ރަސްކަމަށް ގެނައުމުގައި އިސްދައުރެއް އަދާކުރި ފަރާތްތަކުގެ ވެރިއަކާކަން ދެނެގަނެވުނެވެ. އޮޕާސް އޭނަ ވެރިކަމަށް ގެނައުމުގައި އެއްވެސް ބަޔެއް އަދާ ނުކުރިޔަސް އޭނަ އަށް އޮޕާސްގެ އާރާއި ބާރުވިސްނެއެވެ. މިގޮތަށް ފާދިރީ އައުމުން ކިތަންމެ ވަރަށް ރުޅިގަދަވި ކަމުގައިވިޔަސް އޭނަ ކުރަން އުޅުނީ ފާފައެކެވެ.

"މަޖިލިސް ކުރާ ކޮޓަރީގައި މަޑުކޮށްލަދީ..އިރުކޮޅަކުން އެބަ އަންނަން....."

"އަހަރެން މިއައީ ތިގޮތަށް އިންތިޒާރުކުރެވޭ ކަހަލަ ކަމަކަށް ވާނަމަ މި ވަރުގަދަ ތޫފާން ތެރޭ ބޯ ވާރެއާއި ތެމިގެން މިތާކަށް ނައީމު........" އޮޕާސް ވާހަކަދެއްކީ ރަސްގެފާނާއި ކަމުގައިވިޔަސް އިޝާރާތްކޮށްލީ ފްލޮރިންޑާއަށެވެ.

"ކުޑަދޮރުން ބޭރަށް ކޯރާއި ދިމާލަށް ބަލައިފިއްޔާ މިބުނަނީ ތެދެއްކަން އެނގޭނެ. ހަމައެކަނި ވާރެއެއްނޫން ވެހެނީ. މިހާރު ސްނޯ ފައިބަން ފަށައިފި. މިއީ ސީރިޔަސްކަމަކަށް ނުވާނަމަ މި ދަންވަރު ރަސްގެފާނަށް އުނދަގޫކުރާކަށް ނާންނާނަން. އަހަރެން މިތަނުން ނުކުމެގެން ދާނީ ގިނިކަންޏާ އެއް ނޫން..."

ފްލޮރިންޑާ އެވާހަކަތައް އެހީ ކަންފަތާއި ލޯ ރަގަޅަށް ހުޅުވާލައިގެންނެވެ. ދޮރުން ބޭރަށް ކޯރަށް ބަލަން ބުނުމުން އޭނަ ސަލާމަތްކުރަން އަންނާނެކަމުގެ އިޝާރާތެއްކަން އެނގި ހިތާހިތުން އުފާކުރިއެވެ.

"ފްލޮރިންޑާ ނިދާ ބަޔަށް ދޭ، އަހަރެން އަންނަންދެން...." ރަސްގެފާނު އަވަސް އަރުވާލައިގެން ކޮރިޑޯއިން ދިގު ފިޔަވަޅުތަކެއް އަޅަމުން ދިޔަސް ފާދިރީގެ ހިނގުން އެހެން ދުވަހާއި ތަފާތެއްނެތެވެ. ރަސްގެފާނު އަވަސްވިޔަސް އޭނަ ކޮންމެހެން ތެޅިފޮޅޭކަށް ނުޖެހެއެވެ. ކޮރިޑޯގެ އެންމެ ކޮޅާއި ހަމަަޔަށް ގޮސްފައި ލުދްރީކް ބަލައިލިއިރު ދޮރު ތަޅުނުލާ ހުރިތަން ފެނި އޭނަގޮސް ދޮރު ތަޅުލިއެވެ. އެހެން މީހަކު ފްލޮރިންޑާ ޖަހައިގެންފާނެތީ އޭނަ ކަންބޮޑުވިއެވެ. މަޖިލިސް ކުރާ ކޮޓަރިއާއި ހަމަވެފައި ލުދްރީކް އިށީދެފައި އޮޕާސްއަށްވެސް އިޝާރަތްކޮށްލިއެވެ.

"ދައްކަން މިއުޅޭ ވާހަކަތައް މިތާގައި ނުދެއްކޭނެ."

"ދެން ކޮންތާކު؟" ލުދްރީކް ހައިރާންވިއެވެ.

"އެކަނިވެރި ތަނެއްގައި....."

އޮޕާސްގެ މި ގޮތްދޫނުކުރުމުގެ ސަބަބުން ލުދްރީކްގެ ރުޅި ފަޅައިގެންދާ ވަރުވިއެވެ. އޮޕާސް އެދުނު ފަދައިން ކޮޓަރިއަކަށް ވަންއިރު އެތަނުގައި ހުރީ މަޑު އަލިކަމެކެވެ. ދެމީހުން އިށީނީ އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ.

"ވީއިރު ކޮންކަމެއް އޮތީ؟" ރަސްގެފާނު ލުދްރީކް އެހިއެވެ.

"މިއައީ މާތް ރަސްކަލާނގެ އަންގަވާފައިވާ ގޮތުގެ މަތިން ކަންތައްތައް އޮތްތޯ ބެލިއިރު ބުނަން ޖެހޭ ވާހަކަ ހުރީމަ...."

ފާދިރީގެ ވާހަކައިން ލުދްރީކް ހަށިގަނޑު ސީދާކޮށްލިއެވެ. އަދި ސަމާލުވިއެވެ. އޮޕާސްގެ ޖުމްލަތައް ސާދާވެފައި މަޑުމައިތިރިކަމެއް ވިއެވެ.

"މާތްރަސްކަލާނގެ ވެރިކަމުގެ އާރާއި ބާރު ދެއްވީ އިންސާފުން ވެރިކަން ކުރަން. ހައްގު ގޮތުގައި އިންސާފު ގާއިމުކުރަން. އަނިޔާވެރިވާ މީހުންނަށް ފިޔަވަޅު އަޅަން. ތިމާއަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން ހެއްދެވިފަރާތުގެ ލައުނަތް ލިބިގަންނާކަށް ނޫން...."

އެ ޖުމްލަތަކުން ލުދްރީކްގެ ބުމަ ގޮށްޖެހި މޫނުމަތި ރަތްކޮށްލައިފިއެވެ. އޭނަގެ ގަދަރަށް ގޮން ޖަހާ ޖެހިލުމެއްނެތި ދެއްކި ވާހަކަތަކަށް އޭނަ ކެތްކުރާންވީ ސަބަބެއް ނެތެވެ. އޮޕާސްއަށްވެސް ރަސްގެފާނުގެ ރުޅީގެ މިންވަރު އަންދާޒާ ކުރެވުނެވެ. އޮޕާސްއަކަށްވެސް ރަސްގެފާނުގެ ކޮންމެ އަމަލަކަށް އަޅާނުލާ ދޫކޮށްގެން ހުރެވޭކަށް ނެތެވެ.

"އަހަރެން މިދައްކަނީ ބޭކާރު ތާކުންތާކު ނުޖެހޭ ވާހަކައެއްކަމުގައި ދެކެނީތަ؟"

"މި ގަނޑުވަރުތެރޭ ކުރާ ކަންތައްތަކާއި ޒާތީ ދިރިއުޅުމާއި ބެހި ގޮތްކިޔަން ޖެހޭނެކަމަށް ނުދެކެން. ވެރިކަން ކުރާ ގޮތާއި މީހުންގެ ސަލާމަތާއިމެދު ކަންކުރާ ގޮތް އަދި ސިޔާސީ ކަންތައްތަކުން އުދަގޫވަންޏާ އެވާހަކަ ބުނެވިދާނެ......"

"އިއްޒަތްތެރި ސާހިބާ. މި ރަށާއި ގަނޑުވަރާއި ގަނޑުވަރުން ބޭރުގެވެސް ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭކަން އެނގިވަޑައެއް ނުގަންނަވާތޯ؟ ރައްޔިތުންގެ މުދަލާއި އިއްޒަތާއި ދިރިއުޅުމާއި އެމީހުންގެ ގަދަރަށްވެސް ބަލަން ޖެހޭ. މާތްރަސްކަލާނގެ ތި ހުރިހާ ބާރެއް ދެއްވި ސަބަބަކީ އެހުރިހާ އެއްޗެއް ދިފާއުކުރަން. އެކަމަކު އޭގެ ބަދަލުގައި މީހުންގެ އަތުން ހުރިހާ އެއްޗެއް ފޭރިގަނެ އަދި އެހުރިހާ ނުބައި ކަމެއްގައި ޝާމިލުވާން ޖެހިއްޖެއްޔާ ވެދާނެގޮތަކާއިމެދު އެއްފަހަރުވެސް ވިސްނާލެއްވިންތޯ؟ އެކަން ވިސްނި އެހެން މީހަކު ނަސޭހަތްތެރިވުމުން އިންޒާރު ދިނުމުން ގަބޫލު ނުކުރައްވާނީ؟ އަދި އެމީހަކާއި ދޭތެރޭ އިހާނެތިކޮށް ކަންތައް ކޮށް ޖަދަލުކުރުމަކީ އެކަށީގެންވާ ކަމެއްތޯ؟ ތިއީ ފޮތުގެ އަހުލުވެރިންގެ މެމްބަރުންކަމުގައިވާ ރަސްކަލުންގެ އުޅުއްވުން ހުންނަން ޖެހޭނެގޮތެއް ނޫން...." އޮޕާސް ޖެހިލުމެއްނެތި ހިތުގައިވާ އެއްޗެއް ދިމާލަށް ކިޔާލައިފިއެވެ.

"ވީއިރު މަރުހޫމް ބޭބޭފުޅުގެ އުޅުއްވުމާއި އަމަލުތައް ވެސް އަޅުގަނޑާއި އެއްގޮތަކަށް ހުރީ ތޯ؟" ރަސްގެފާނު މަލާމާތުގެ ފާޑަކަށް ސުވާލުކުރިއެވެ.

ރަސްގެފާނު އެ އިޝާރާތްކުރީ ވިޓިޒާގެ ރަސްކަން ބީވުމަށްކަން ވިސްނި އެ މަލާމާތުން ކެތްނުކުރެވުމާއެކު ތަންކޮޅެއް އަޑު ބާރުވިނަމަވެސް އޭނަގެ މަޑުމައިތިރިކަމަށް ބަދަލެއް ނައެވެ.

"މަރުވެފައިވާ މީހުންގެ ވާހަކަ ނުދައްކަމާ. އެމީހުން ކުރިމަތިލާން ޖެހޭ އެހެން ކަންތައް އެބަހުރި. މިވަގުތު މިދައްކަނީ ދިރިތިބީންގެ ވާހަކަ އެހެން ވިޔަސް ވިޓިޒާ މަނިކުފާނުފަދަ ޝައިތާނީ އަމަލެއް ހިންގަފާނެހެން ހިޔެއްނުވޭ......"

އޮޕާސްގެ އެ ޖުމްލައިން ލުދަރީކްއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އޭރު ނިތްކުރިއަށް ރޫތައް ގިނަވެ ދެ ދަތްޕިލާ ޖައްސާ ބާރުކޮށްލެވިއްޖެއެވެ. އަދި ފުރަގަސްދީފައި ދާން ހިނގައިގަތީ އެ މަޖިލިސް ނިމުނުކަން އަމަލުން ދައްކުވަމުންނެވެ. އަދި ހަރުކަށި އަޑަކުން ބުނެލިއެވެ. "އެންމެ ރަގަޅުވާނީ އެމީހަކާއި ނުބެހޭ ކަންތަކަށް ނުވަނިއްޔާ. ރައްޔިތުންނާއިމެދު ކަންތައް ކުރަންޖެހޭގޮތް އެހެން މީހަކު ކިޔާދޭކަށް ނުޖެހޭނެ."

"ތިމާގެ ވަޒީފާއަކީ ކޮބާކަން ދަންނަ މީހެއް ވެއްޖެއްޔާ އިއްފަތްތެރި އަންހެންކުއްޖަކަށް އުދަގުލެއް ނުކުރާނެ. އަދި އެވެސް ކައިވެނީގެ މަތީގައި ހުރެ. އެކަމަކު ތައުބާ ވުމުގެ ބަދަލުގައި އެކަން ދިފާއުކުރަން މަނިކުފާނު މަސައްކަތް ތިކުރައްވަނީ." އޮޕާސް ތެދުވެ ހިންދެމިލިއެވެ. "ތިކަހަލަ ފާހިޝް އަމަލުގައި ބައިވެރިވެ އެފަދަ ނުބައި ނިޔަތް ގަތުމުން ރަސްކަން ވެއްޓި ތިމާގެ ހަލާކަށް މަގުފަހިކުރަނީކަން ހަދާނުގައި ބަހައްޓަވާ......."

ރަސްކަން ވެއްޓި ތިމާގެ ގަދަރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަދެއްކުމުން އޭނަގެ ފިޔަވަޅުތައް ހުއްޓި ބާރަށް ހަޅޭއްލަވައިގަތެވެ.

" މިހާރު ރަސްކަން ވައްޓާލާނެކަމުގެ އިންޒާރު ދޭންފެށީތަ؟ ތިކަމެއް ނުވާނެ. ދުނިޔެއާއި ކާއިނާތުގެ ހުރިހާ ބާރެއް އެއްވިޔަސް ތިއީ ވާނެކަމެއް ނޫން."

"ތި ރަސްކަމާއި ތަޚުތާއި ހެދި އަހަރެމެން އުޅޭނަމަ ރަސްކަން ވީދައިގެންފީމު. އަދި ހެއްދެވި ފަރާތަށް މަނިކުފާނުގެ ރަސްކަން ނިމުމަކަށް ގެންނެވުމަކީ ދާދި ލުއި ފަސޭހަކަމެއް..." އޮޕާސްގެ ޖުމްލަ ނުނިމެނީސް ފާދިރީ މާޓިން އެއްޗެކޭ ބުނަމުން އެތަނަށް ވަނެވެ. އަޅަ އަޅައިގެންފާ އޭނަ އަނގަ ހަލުވަމުން ދިޔަސް ކުރިންކީ އެއްޗެއް ދޭހަވީ މީހެއް އެތާކު ނެތެވެ. އޭނަ މާ ރުޅިގަދަވެފައި ހުރުމުން އެ ބަސްތައް އަމުނަން ނުކުޅެދުނީއެވެ. ފަހުން ވަރަށް މަސައްކަތްކޮށްގެން އޮޕާސްއަށް އޭނަގެ ލަފުޒުތައް އިވޭވަރު ކޮށްލައިފިއެވެ.

"އޮޕާސް. ތިޔަ....ތިޔަ އަހަރެމެންގެ އިއްޒަތްތެރި ސާހިބާއަށް...އިންޒާ...ރު ދެނީތަ؟ ރަސް...ކަން ވެއްޓެނީއޭ؟ ކީ....ކީކޭ؟ ކޮންކަހަލަ...ފޮނި......ބޮޑާ ނުބައި އެއްޗެއް ތިކީ......" މާޓިންގެ ވާހަކަތައް ނުނިމެނީސް އަނގައިން ބުރައިގެން އައި ކުޅުތައް ތުނބުޅީގައި ހަރުލައިފިއެވެ. އޭނަ ރުމާލުން ތުނބުޅީ ފޮހެލާފައި ކޮޓަރީގައި ދެކޮޅަށް ހިނގަން ފެށީ ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުންނެވެ. ލުދްރީކްއަށް ކާމިޔާބަކަށްވިއެވެ. ފާދިރީ މާޓިން ހަމަ އެންމެ ރަނގަޅު ގަޑިއަށް ވަދެ އޭނަ މިކަންތަކުން ސަލާމަތްކޮށްދީފި އެވެ. އޭނައަށް ރުޅިއާއިއެކު ކާމިޔާބުގެ ކުލަވެސް މޫނުމަތިން ދެއްކޭނެ ހިތްވަރު ލިބިއްޖެއެވެ.

"ކޮންމެ ގޮތެއްވިޔަސް އެއް ދުވަހުގެ ތެރޭ ރަނގަޅާއި ނުބައިކަމުގެ ވާހަކަ ފުދޭވަރަށްވުރެ ގިނައިން ދެއްކިއްޖެ......" ލުދްރީކްގެ ފަހަތް ފަހަތުން ފާދިރީ މާޓިންވެސް ކުރިޔަށް ދިޔައެވެ. މިކޮޓަރީގެ ތެރޭ ދެކެވުނު ވާހަކަތަކާއިމެދު އެއްވެސް ވަރަކަށް ހާސްކަމެއް ނެތަސް އޮޕާސްގެ ޚިޔާލު ވީ ފްލޮރިންޑާއާއެކުގައެވެ. އެކުއްޖާ ސަލާމަތް ކުރުމަކީ އެންމެ އިސް ވާޖިބެވެ. މިގަޑީގައި ބޯ ވާރޭގެ ތެރޭގައި ތެމިފޯވެގެން އޭނަ ގަނޑުވަރަށް އައުމުގެ މަގުސަދަކީ ޗަންޓިލާއާއި އަޖިއްލާއަށް ފްލޮރިންޑާ ސަލާމަތްކުރަން ފުރުސަތު ހުޅުވާލަދިނުމެވެ. އެމީހުން ދަތުރު ފެށިތަނާ ވިއްސާރައިގާ ޖެހުނީއެވެ. ކޯރުގެ ފެންގަނޑުގެ ބާނިތައް ވަރުގަދަވެ ވައިގަދަވުމުން ލިބުނު އިތުރު ހިތްވަރަކަށްވިއެވެ. އެމީހުންނަށް ގަނޑުވަރުގެ ފާރާއި ހަމަޔަށް ދެވުނުއިރު ފްލޮރިންޑާއާއި ލުދްރީކް ވީ ކޮޓަރީގައެވެ. ބޮޑުދައިތަ އަޅުކަމުގައި ކޮޓަރީގައެވެ. ކުޑަދޮރުތައް ހުރީ ތަޅުލާފައެވެ. އޮޕާސްގެ އެންގުމަށް ޗަންޓިއްލާ އަދި އަޖިއްލާ އެތާހުރި ފަތް ފައިބާފައި ހުރި ގަހުގެ އެހީތެރިކަމާއެކު އެހިސާބަށް އެރިއެވެ. ފާރަވެރިއަކަށް އަދި ދޮރުވާނަކަށްވެސް އެމީހުން ފެނުނުކަމުގައި ނުވިއެވެ. ޗަންޓިއްލާ ކުޑަދޮރުގައި ކޭއްތޭ ހިސާބުގައިވާ ގޮފިގަނޑާއި ހަމަޔަށް ފޯރިއެވެ. އަދި ކަނޑިން މަޑުމަޑުން ދޮރުގައި ތެޅިއެވެ. އެވަގުތަކީ ބޮޑުދައިތަވެސް ފެންބަލާ ދިޔަ ވަގުތުކޮޅުކަމުން ޗަންޓިއްލާގެ އެ މަސައްކަތް ނާކާމިޔާބުވީއެވެ.

"އެކަކުވެސް ޖަވާބެއް ނުދިން...."

"ފްލޮރިންޑާ ކޮންމެވެސް ކަމެއްގައި ބެދުނީހެން ލަފާކުރެވޭ. އެހެންނޫންނަމަ އެކުއްޖާ އާލްފްގެ އިންތިޒާރުގައި ކުޑަދޮރު ކައިރީގައި އިންނާނެ. އެހެންވީމަ ހީވާގޮތުން ލުދްރީކްގެ އުނދަގޫ ޖެހުނީ.." އޮޕާސްއަށް ޔަގީންވީ ފްލޮރިންޑާގެ ޖިސްމު ނުރައްކަލަށް ހުށަހެޅިފައިވާ ކަމެވެ. އެވަގުތުން ވަގުތަށް އެގަނޑުވަރަށް ވަދެ ސަލާމަތްނުކޮށްފިއްޔާ ރަސްގެފާނު އެކުއްޖާ ގަތުލުވެސްކޮށްފާނެއެވެ. އޮޕާސް އެދުނީ އޭނަގެ އަމުރެއް އަންނާންދެން އެމީހުން ދަތުރުކޮށްފައި އައި ކުޑަ ބޯޓު އައްސޭރިފަށުގައި ވާ އަޅާ ހައްޔަރުކޮށްލުމަށެވެ. ކުޑަދޮރު ހުޅުވާލައިފިއްޔާ ވަދެ ފްލޮރިންޑާ އެތަނުން ބާލުވަން އިރުޝާދު ދިނެވެ. ދެން އޮޕާސްގެ މިސްރާބު ހުރީ ގަނޑުވަރުގެ މައި ދޮރާއި ދިމާލަށެވެ. ދޮރާށި ކައިރީ ތިބި ފާރަވެރިން ކައިރީ ރަސްގެފާނު ހުރިތަން އެހުމަށްފަހު އޭނަ ވަނުމުން އެކަކުވެސް ހުރަސް އަޅާކަށް މަސައްކަތެއް ނުކުރިއެވެ. އެގޮތަށް ފާދިރީއިން ގަނޑުވަރަށް ވަނުން އާއްމުކަމަކަށް ވާތީއެވެ. އަދި ލުދްރީކްއަކީ ފާދިރީންގެ ސަބަބުން ރަސްކަމަށް އިސްވީ މީހެއްކަން ނުދަންނަ މީހަކު މަދުވާނެއެވެ.

އޮޕާސް ފަހަރަކު ދޮރެއް ހުރަސްކޮށް އެތެރެއަށްވަދެ ރަސްގެފާނު ދިރިއުޅޭ ބަޔާއި ދިމާލަށް ފިޔަވަޅުތައް އަޅަމުން ދިޔައެވެ. މިގަނޑުވަރުގެ ހުރިހާ ސިއްރެއްދާންދެން އޮޕާސް ދަނެއެވެ. ސަބަބަކީ މިއީ ކުރިން އޭނަގެ ބޭބެ ދިރިއުޅުނު ގަނޑުވަރަށް ވީކަމެވެ. ރަސްގެފާނު ދިރިއުޅޭ ގަނޑުވަރަށް ވަނުމާއެކު އޭނައަށް ހުރިހާ ކަމެއް އެނގެން ހިދުކޮޅެއްވެސް ނުނެގިއެވެ. ފްލޮރިންޑާ އުޅޭބަޔަށް ދެވޭ ދޮރުތައްވެސް ހުރީ އަޑާއަށް ހުޅުވާފައެވެ. ވާރެއާއި ގަދަ ވަޔާއެކު ދޮރުތައް ތެޅޭ އަޑު މާހައުލުގެ ހިމޭންކަން ކަނޑުވައިލިއެވެ. އެއްވެސް ޚާދިމެއްގެ ހިލަމެއްނުވިއެވެ. ހުރިހާ ތަނެއްވަނީ ފަނޑު އަލިކަމުގެ ތެރެއަށް ގެނބިފައެވެ. އޮޕާސް އެތަން މިތަން ހޯދަމުން ދަނިކޮށް ކޮޓަރިއެއްގެ ތެރެއިން އަރައިރުންވާ ކަހަަލަ އަޑެއް އިވުނެވެ. އަޅުވެރި ހެއްދެވި ފަރާތްދެކެ ބިރުގަންނަ މީހުން މީހުންނަށް ޖާސޫސްކުރަން ބޭނުމެއްނުވާނެއެވެ. އަދި އެހެން މީހުންގެ ޒާތީ ކަންތައްތަކުގެ ތެރެއަށް ނުވަންނާނެއެވެ. ނަމަވެސް މިއީ މަރާއި ދިރިހުރުމުގެ ސުވާލެކެވެ. އޭނަ އަވަހަށް އެކޮޓަރީގެ ދޮރުފަތުގައި ތަންކޮޅެއް ބާރަށް ޓަކި ދިނެވެ.

އެތެރެއަށް ވަދެ ފްލޮރިންޑާއަށް ނަޒަރު ހިންގައިލުމާއެކު އެކުއްޖާ އަދި ހުރީ ގަދަވެ ސަލާމަތުންކަން ދެނެގަނެވުނެވެ. ވީހާ އަވަހަށް ލުދްރީކް މިތަނުން ގެންދެވޭނެ ގޮތެއް އޭނަގެ ސިކުނޑީގައި ރޭވިއެވެ. އޭނަ އެތަނުން ލުދްރީކް ގެންދިޔައީ ދެ ސަބަބަކާއިހެދިއެވެ. ފުރަތަމަ ސަބަބަކީ ފްލޮރިންޑާއަށް ސަލާމަތްވާން ފުރުސަތު ފަހިކޮށްދިނުމެވެ. ދެވަނަ ސަބަބަކީ ލުދްރީކްއަށް އޭނަގެ ކުށް ވިސްނައިދިނުމެވެ. ލުދްރީކް ރުޅިއަޔަސް ނަޔަސް އޭނަގެ ފަރުވާލެއް ނެތެވެ. އޭނަ ބޭނުންވާކަންތައް އޭނަ ހާސިލުކޮށްފިއެވެ. ރުޅީގައި ހުރެ ލުދްރީކް ކޮށްފާނެ ކޮންމެ ފަދަ ސަޒާއެއް އޭނަ ގަބޫލުކުރާނެއެވެ. ލުދްރީކް އަދި ބަދަލު ހިފާނެކަމީ އިރު ފެންނަ ފަދައިން ޔަގީންކަމެކެވެ.

***

ލުދްރީކް ރުޅިއައިސް ފުފިފައި ހުރެ އެތަނުން ނުކުތެވެ. މާޓިންވެސް ކުދި ކިޔަމުން ފަހަތުން ދިޔައިރު އަދިވެސް އޮޕާސް ކަންތައް ކުރި ގޮތާއިމެދު ހައިރާންވެ އާގަމަވެފައެވެ. އެފަދަ ހިތްވަރެއް ލިބުނު ގޮތެއްވެސް ނޭގެއެވެ. އޭނަ ރަސްގެފާނުގެ އިންތިޒާރުގައި އޭނަ ދިރިއުޅޭ ބައިގާ އެތައް އިރެއްވާންދެން އިންއިރުވެސް ލުދްރީކްގެ ޚަބަރެއްނުވިއެވެ.

ލުދްރީކް އަވަސްވެގަތީ ފްލޮރިންޑާގެ ކޮޓަރިއަށް ވަނުމަށެވެ. އެ ގަނޑުވަރު ތެރެއިން އެއްވެސް މީހެއްގެ ޚަބަރެއްނުވުމުން ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. ފްލޮރިންޑާގެ ކޮޓަރިއަށް ބޭރުގައި އުފެދުނު ތޫފާން އަރާފައިހެން ހީވިއެވެ. ސާމާނުތައް އެކި ދިމާލަށް އުކާލާފައެވެ. އެންމެންގެ ނަމުން ގޮވާފައި މޮޔައެއްހެން ދެކޮޅަށް ހިނގިއިރު ދިރޭ ފުރާނައެއް ހުރިކަމުގެ އެއްވެސް ޖިލަމެއް ނުވިއެވެ. އޭނަ ދިރިއުޅޭ ބަޔާއި ދިމާލަށް ހިނގައިގަތްއިރު ރުޅީގެ ސަބަބުން މޮޔަވެދާން އުޅެއެވެ. ދަންވަރުގެ ވަގުތު ކަމަށް ވިޔަސް އޭނަ ގަނޑުވަރު ބަލަހައްޓަން އިސްވެ އުޅޭ ހާކިމަށް ގޮވާލިއެވެ. އަދި މި ގަނޑުވަރަށް މިރޭ ވަނީ ކޮން ބަޔެއްކަން އެނގޭތޯ ސުވާލުކުރިއެވެ. އޭނަ ޚާދިމުން ކުރެން އެހުމުން އެންމެންވެސް ބުނީ ފުރަތަމަ ފަންގިފިލާގައި ތިބުމުން އެކަމުގެ އެނގުމެއް ނުވިކަމަށެވެ. އެކަމަކު އެމީހުންނަށް ޔަގީން ވާކަމަކީ ގަނޑުވަރުގެ އެއްވެސް ދޮރެއް ހުޅުވާފައި ނެތްކަމެވެ. ކަޅުފޮއި އަނދިރި ރެއެއްކަމުން އެހެން ވަނަސް އެނގޭނީއެއްވެސް ނޫނެވެ. ވާރެއާއި ތޫފާނީ މޫސުމްގެ ސަބަބުން ތަހުގީގު ކުރަން ދާންވެސް ނުކުޅެދުނެވެ. އެހާ ފިނިކަން ގަދައެވެ.

ނުނިމޭ

comment ކޮމެންޓް