ވެކްސިން ޖެހި ފަހުންވެސް ބައެއް މީހުން ޕޮޒިޓިވްވެފައިވޭ، މަސައްކަތް ކުރަން ވަގުތު ނަގާނެ: ޑރ. ނަޒްލާ

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެކްސިން ޖެހި ފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ބައެއް މީހުން ރާއްޖޭގައި އެބަ ތިބި ކަމަށާއި ވެކްސިން މަސައްކަތް ކުރަން ވަގުތު ނަގާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ވެކްސިން ޖެހިތާ ފަސް ވަރަކަށް ދުވަސް ފަހުން ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ މީހުން އެބަ ތިބި ކަމަށެވެ.

"ބައެއް މީހުން އެބަ އުޅޭ ވެކްސިން ޖަހާފަ ފަސް ދުވަސް ފަހުން ޕޮޒިޓިވްވާ މީހުން. އެއީ އަސްލު ވެދާނެ އޭނަ ކުރިން ވައިރަސްއަށް ހުށަހެޅިފައި ހުރީމަ ޕޮޒިޓިވްވީކަން ނޫނީ ވެކްސިން ޖެހުމަށްފަހުވެސް އެ ފައިދާ ލިއްބައިދިނުމުގެ ފަހުންވެސް ޕޮޒިޓިވްވެދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަކީ މުޅިން ބަލިން ރައްކާތެރިވުން ނޫން ކަމަށާއި ފުރަތަމަ ޑޯޒް ޖެހުމަށްފަހުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ވެކްސިން މަސައްކަތް ކުރަން ވަގުތު ނަގާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ފުރަތަމަ ޑޯޒް ޖެހުމުގެ ދެ ހަފްތާ ފަހުން ކޮވިޑް ޖެހުމުގެ ފުރުސަތު 60 ޕަސެންޓު ކުޑަކޮށްދެ އެވެ. އަދި ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ބަލި ޖެހުމުގެ ފުރުސަތު 70 ޕަސެންޓު ކުޑަކޮށްދެ އެވެ. ނަމަވެސް، ކޮވިޑް ޖެހިގެން ބޮޑަށް ބަލިވުމުން ރައްކާތެރިކޮށްދޭނެ އެވެ.

"އެހެންވެ އަސްލު އެހާ މުހިންމީ ވެކްސިން ޖެހިޔަސް، މާސްކު އެޅުމާ ގައިދުރުމިނާއި، މި ކަންތައްތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ރައްކާތެރިކަން އެއްވެސް ވަރަކަށް ނާރާނެ ކަންނޭނގެ [ވެކްސިން ޖަހާތާ] ފަސް ދުވަސް ފަހުން ދެއްތޯ. އެޓް ލީސްޓު [ފުރަތަމަ ޑޯޒް ޖަހާތާ] ދެ ހަފްތާ ފަހުން 60 ޕަސެންޓަށް އަރާނީވެސް،"

މިހާރު ވެކްސިން ޖަހަމުންދާތީ ފަރުވާ ކުޑަ ކުރާ ކަމަށް ކަމަށް ވިދާޅުވެ، ރައްޔިތުން ފަރުވާ ކުޑަ ނުކުރުމަށް މިރޭ ޑރ. ނަޒްލާ އިލްތިމާސް ކުރެއްވި އެވެ. އަދި އާބާދީގެ ބޮޑު ބަޔަކަށް ފުރަތަމަ ޑޯޒްވެސް ނުޖެހި އުޅޭ އިރު އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދަން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިހާތަނަށް 56،218 މީހުންނަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. ދެވަނަ ޑޯޒް ޖަހާނީ މީހާއަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

comment ކޮމެންޓް