އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ. ބަކިންހަމް ޕެލެސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޕްރިންސް އެޑްމިޓްކޮށްފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ.
ޑޫކް އޮފް އެޑިންބާގްގެ ލަގަބު ލިބިވަޑައިގެންފައިވާ އުމުރުންް 99 އަހަރުފުޅުގެ ޕްރިންސް ފިލިޕް އެޑްމިޓް ކުރެވިފައި ވަނީ ކިންގް އެޑްވާޑް 7 ހޮސްޕިޓަލްގަ އެވެ.
ޕެލަސް އިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ފިލިޕް ހޮސްޕިޓަލަށް ވަޑައިގަތީ އަމިއްލަފުޅު ކާރުކޮޅުގަ އެވެ. ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ފިލިޕްގެ ހާލުކޮޅު ހުރިގޮތުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ހޮސްޕިޓަލްގައި އެޑްމިޓްވެ ވަޑައިގަތުމަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފިލިޕްގެ އާލާސްކަންފުޅާއި މިހާރު އިނގިރޭސިވިލާތުގައާއި އަދިި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަކާ އެއްވެސް ގުޅުމެއް ނެތެވެ.
ރާނީ އެލިޒަބަތ މިވަގުތު ހުންނެވީ ވިންޑްސާ ކާސަލްގަ އެވެ. ރާނީގެ އުމުރުފުޅަކީ 94 އަހަރެވެ. ދެބޭފުޅުންގެ ކައިވެންޏަށް މިއަހަރު 74 އަހަރު ވާނެ އެވެ.