ޑޯނިއާ ފްލައިޓުގެ އެއްބަސްވުން ނުދޭން ނިންމީ ރަނގަޅަށް: އައިކޮމް

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު --- ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގައި އިންޑިއާގެ ނޭވީގެ ޑޯނިއާ މަތިންދާބޯޓެއް އޮޕަރޭޓު ކުރުމާ ގުޅޭގޮތުން އެ ގައުމާއި ދިވެހި ސަރުކާރާ ދެމެދު ހެދި އެއްބަސްވުން ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީއިން ނިންމީ ރަނގަޅަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ނިންމައިފި އެވެ.

ނޫސްވެރިއެއް ކަމަށްވާ އަހުމަދު އަޒާން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ޑޯނިއާ މަތިންދާބޯޓުު އޮޕަރޭޓު ކުރުމާ ގުޅޭގޮތުން އިންޑިއާއާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ކޮޕީއެއް ދިނުމަށް ޑިފެންސް މިނިސްޓްރީގައި އެދިފަ އެވެ.

އެ މައުލޫމާތު ނުދޭން މީގެ ކުރިން ޑިފެންސް މިިނިސްޓްރީއިން ވަނީ ނިންމައިފަ އެވެ. އަދި އެ ނިންމުން މުރާޖައާ ކުރުމަށްފަހުވެސް ނިންމީ އެއީ އާންމު ނުކުރެވޭނެ މައުލޫމާތެއް ނޫން ކަމަށެވެ. އެއީ އެ މައުލޫމާތު ހާމަކޮށްފި ނަމަ ދޭދޭ ގައުމެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާފާނެތީއާއި، ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބުނެ އެވެ. އަދި ސިފައިންގެ ލަފާދޭ މަޖިލީހުން އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ނިންމާފައި ވަނިކޮށް، އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ޑިފެންސުން ބުނެފައިވެ އެވެ.

ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާ ވުމަކީ، ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހުންގެ ޖިސްމާނީ ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވުމަށެވެ. އޭގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ހިމެނޭ ކަމަށް އެ މާއްދާގައިވެ އެވެ.

ޑިފެންސުން މައުލޫމާތު ހާމަ ނުކުރި މައްސަލަ އަޒާންގެ ފަރާތުން އައިކޮމްއަށް ހުށަހެޅުމުން މިއަދު އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ނިންމަވާފައި ވަނީ އަޒާން ހޯދަން ހުށަހެޅި އެ އެ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ މައުލޫމާތެއް ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުން ކަމަށް ނިންމަވާފައިވެ އެވެ.

އަދި އެ މައުލޫމާތަކީ ހާމަ ކުރުމުން ދޭދޭ ގައުމެއްގެ ގުޅުމަށް އަސަރުކޮށްދާނެ ފަދަ މައުލޫމާތެއް ކަމަށާއި، އެ މައުލޫމަތަކީ ހާމަ ކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތަށްވުރެ ހާމަ ނުކުރުމުން ރައްކާތެރިކޮށްދޭ މަސްލަހަތު ބޮޑު މައުލޫމާތެއް ކަމަށް ނިންމަވާފައިވެ އެވެ.

އެހެންކަމުން، ޑިފެންސް މިނިސްޓްރީއިން އެ މައުލޫމާތު ހާމަ ނުކުރަން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމަވާފައިވެ އެވެ.

އަޒާން މިއަދު "ސަން"އަށް ބުނީ އައިކޮމްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގައިވެ އެވެ.

މީގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު ހާމަ ކުރަން އަޒާން އެދުމުން ޑިފެންސުން އެ މައުލޫމާތު ހާމަ ނުކުރީ ރަނގަޅަށް ކަމަށް އައިކޮމްއިން ނިންމާފައިވެ އެވެ. އެ ނިންމުން އަޒާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ މައްސަލަ ބަލައިގެންފަ އެވެ. ނަމަވެސް އަދި އަޑުއެހުމެއް ތާވަލު ނުކުރެ އެވެ.

comment ކޮމެންޓް