މިމަހު އައި ފަތުރުވެރިންގެ އަދަދު ބައިލައްކައިން މައްޗަށް

ބަޔަކު ރާއްޖެ އައިސް ވެލާނާ އެއާރ ޕޯޓްގައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

މިމަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ބައި ލައްކަ އަށްވުރެ އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި ތަފާސް ހިސާބަށް ބަލާއިރު އިއްޔެ އާއި ހަމައަށް މިމަހުގެ ތެރޭގައި ޖުމްލަ 52،943 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ.

އިއްޔެގެ ނިޔަލަށް އަހަރުގެ ތެރޭ އައި ފަތުރުވެރިންގެ ޖުމްލަ އަކީ 145,046 އެވެ.

މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެއްދުވަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހު 4,856 ޓޫރިސްޓުން އައިސްފައިވެ އެވެ.

އޭގެ ކުރިން އެންމެ ގިނަ ޓޫރިސްޓުން އައި ކަމަށް ރެކޯޑު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެދުވަހު 4,809 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު 4،480 ޓޫރިސްޓުން އައިސްފައިވާ ކަމަށްވެސް ހިސާބުތައް ދައްކަ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމު

ރަޝިއާ - 31،798
އިންޑިއާ - 31،739
ޔޫކްރެއިން - 10،130
ކަޒަކިސްތާން - 6،595
ރޯމޭނިއާ - 6،110

މީގެ އިތުރުން ޖަރުމަނު، ފްރާންސް، ސްވިޒަލޭންޑް، އިނގިރޭސިވިލާތް އަދި ޗެކްރިޕަބްލިކަކީ އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭ ހިމެނޭ މާކެޓުތަކެވެ.

އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،000 އެއްހާ ޓޫރިސްޓުން އަންނަ ކަމަށް މިނިސްޓްރީގެ ހިސާބުތައް ދައްކަ އެވެ.

މިވަގުތު ޓޫރިސްޓުންނަށް ހިދުމަތްދޭ 641 ފެސިލިޓީ ހިންގަމުންދާއިރު އެއީ ޖުމްލަ 43,976 އެނދެވެ.

މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުން 28 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓާގެޓަކީ މި އަހަރުގެ ތެރޭ 1.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށެވެ.

comment ކޮމެންޓް