އުތުރު ކޮރެއާއިން ފައިޒާގެ ވެކްސިނާ ބެހޭ މައުލޫމާތު ހެކްކޮށްގެން ހޯދަން އުޅުނު: ދެކުނު ކޮރެއާ

އުތުރު ކޮރެއާއިން ފައިޒާގެ ސިސްޓަމްތައް ހެކް ކުރަން މަސައްކަތް ކުރި -- ފޮޓޯ: ގެޓީ

ސޯލް (ފެބްރުއަރީ 17): އުތުރު ކޮރެއާއިން ކޮވިޑް-19އިގެ ވެކްސިން އާއި ފަރުވާއާ ބެހޭ މައުލޫމާތު ހޯދުމަށް އެމެރިކާގެ ފައިޒާ ކުންފުނި ހެކް ކުރަން މަސައްކަތް ކުރި ކަމަށް ދެކުނު ކޮރެއާއިން ތުހުމަތުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ޕާލިމެންޓަރީ އިންޓެލިޖެންސް ޕެނަލްގެ މެމްބަރެއް ކަމަށްވާ ހާ ޓޭ-ކެއުންގް ވިދާޅުވި ގޮތުގައި "އުތުރު ކޮރެއާއިން ކޮވިޑް ވެކްސިން އާއި ފަރުވާއާ ގުޅުން ހުރި ޓެކްނޮލޮޖީއާ ބެހޭ މައުލޫމާތު ފައިޒާ ހެކްކޮށްގެން" ހޯދަން މަސައްކަތް ކުރިކަން ޕާލިމެންޓަށް އެންގީ ދެކުނުގެ ޖާސޫސީ އިދާރާއިންނެވެ.

ނަމަވެސް އުތުރު ކޮރެއާއިން އެ މަސައްކަތް ކުރީ ކޮން އިރަކު ކަމެއް ނުވަތަ އެކަން ކާމިޔާބުވި ކަމެއް މެމްބަރު ހާ ވިދާޅުނުވެ އެވެ.

އެ ތުހުމަތުތަކާ ބެހޭ ގޮތުން ފައިޒާއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓު ކުރި އެވެ.

މިދިޔަ އަހަރު ޖޯންސަން އެންޑް ޖޯންސަން އާއި ނޯވާވެކްސް އާއި އެސްޓްރާޒެނެކާ ހިމެނޭ ގޮތަށް އެފަދަ ނުވަ ކުންފުންޏެއް ހެކް ކުރަން އުތުރު ކޮރެއާއިން މަސައްކަތް ކުރި ކަމަށް މީގެ ކުރިން ތުހުމަތުކޮށްފައިވެ އެވެ. އަދި ދެކުނު ކޮރެއާއިން ވަނީ އެ ގައުމުގައި ކޮރޯނާވައިރަސް އުފައްދާ ކުންފުނިތައް ހެކްކުރަން އުތުރުން މަސައްކަތް ކުރި ކަމަށާއި އެކަން ނާކާމިޔާބުކޮށްލި ކަމަށް ބުނެފަ އެވެ.

އުތުރު ކޮރެއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެގައުމުން ވަނީ ބޯޑަރުތައް ބަންދުކޮށްފަ އެވެ. އަދި ލީޑަރު ކިމް ޖޮންގް އުން ވަނީ އެގައުމުގެ އެއްވެސް މީހަކަށް ކޮވިޑް ޖެހިފައި ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅުން ހުރި ކޯވެކްސް ޕްރޮގްރާމްއިން މި އަހަރު އެގައުމަށް ދެ މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ފޮނުވާނެ އެވެ.

comment ކޮމެންޓް