ހިޔާ ފްލެޓްތަކަަށް އެންމެ ކުޑަ އަގަކަށް އެޗްޑީސީން ހުށަހެޅީ 7،000 ރުފިޔާ، އަދި ގޮތެއް ނުނިމޭ

ޖޫން 24، 2020: ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް.-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ސަރުކާރުން އިމާރާތް ކުރި ހިޔާ މަޝްރޫރުގެ ފްލެޓްތަކަށް މަސް ދުވަހުގެ ކުލީގެ ގޮތުގައި އެޗްޑިސީ އިން ހުށަހަޅާފައި ވަނީ 7،000 ރުފިޔާ ކަމަށާއި އެހެން ނަމަވެސް އަދި ވެސް އެކަމަށް ގޮތެއް ނުނިމޭ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ފްލެޓްތަކުގެ ކުއްޔާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ، އެޗްޑިސީ އިން ހަތަރު އޮޕްޝަނެއް އަގުތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ކަމަށެވެ. އެ ޕްރޮޕޯސަލް އިން އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ، ޑައުންޕޭމަންޓް ދެއްކުމަށް ފަހު، 7،000 ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަތުގައި އެ ޓޭބަލްއެއް ނެތް. އޭގައި އެބައިން ހަތަރު އޮޕްޝަންއެއް. އެންމެ ކުޑަކޮށް އޮތް އޮޕްޝަންގައި ހިމެނެނީ، އަޅުގަނޑު ހަނދާންވާ ގޮތުން 7،000 ރުފިޔާ މަހަކު ދެއްކުމަށް. އެއީ ޑައުންޕޭންޓްގެ ގޮތުގައި ކޮންމެވެސް ވަރެއް ދެއްކުމަށް ފަހު، ދެން މަހުން މަހުން ދައްކާ ގޮތަށް،" އަސްލަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާގައި -- ފައިލް ފޮޓޯ/ މަޖިލިސް

ހިޔާ މަސްރޫއުގެ ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ފްލެޓްތަކުގެ ކުލި ދައްކައި ހަލާސް ކުރުމަށް 20 އަހަރު ދެއްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޑައުންޕޭމަންޓް ނުދައްކާ ނަމަ، މަހު ކުއްޔަށް އަރާ މިންވަރު ވެސް އެޗްޑިސީން ހުށަހެޅި ޕްރޮޕޯސަލްގައި ހުށަހަލާފައިވާ ކަމަށެވެ. އޭގެ އިތުރުން މުޅި ފްލެޓް އަގު އެއްފަހަރާ ދައްކާ ނަމަ، އެ އަގު ވެސް ޕްރޮޕޯސަލްގައި ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އެ އަދަދުތައް މިނިސްޓަރު ހާމައެއް ނުކުރެ އެވެ.

"އަޅުގަނޑު އެބަ ޖެހޭ މި ހަތަރު އޮޕްޝަން [އަދި ޖެހޭ] ފައިނަލައިޒް ކުރަން،" އަސްލަމް ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި އެޕާޓްމަންޓަކުން 7000 ރުފިޔާ ދައްކާ ނަމަ، 20 އަހަރުން ކުލި އަދާކޮށް ނިންމަން ކޮންމެ ޕާޓީތަކުން 1.6 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ އެވެ.

ހިޔާ ފްލެޓްގެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މިދިޔަ ސަރުކާރުން ކަނޑައަޅާފައި އޮތީ، 5.600 ރުފިޔާ ކަމަށް އެ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ފްލެޓްތަކުގެ އަގު އަދާ ކުރުމަށް 20 އަހަރު ދޭނެ ކަމަށާއި ޑައުންޕޭމަންޓަކީ 25،000 ރުފިޔާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިން ބުނެފައި ވަނީ، 20 އަހަރަށް ބަހާލުމުން ފްލެޓްތަކުގެ މަހު ކުލި 11،000 ރުފިޔާއަށް އަރާ ކަމަށެވެ. އެހެން ނަމަވެސް އޭރު ވެސް ހިޔާ ފްލެޓްތަކުގެ ކުއްޔާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާގެ 25 ބުރީގެ 16 ޓަވަރުގައި ޖުމްލަ 7،000 އެޕާޓްމެންޓު ހިމެނެ އެވެ. އޭގެ ތެރެއިން 6،720 ފްލެޓު ދިރިއުޅުމަށް ދޫކުރާއިރު ކޮންމެ އިމާރާތެއްގައި ވެސް އެންމެ ތިރީ އެޕާޓްމެންޓުތައް ވަނީ ކޮމާޝަލް ބޭނުމަށް ހާއްސަކޮށްފަ އެވެ. ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް