ގެއްލުނު ފަތުރުވެރިޔާގެ ހިލަމެއް ނެތް، ބޮޑު ސަރަހައްދެއް ބަލައިފި

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް، މާމުނަގައު ރިސޯޓުން ސްނޯކްލިންގްއަށް ގޮސް އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި އެވެ.

އެކަނި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އަންހެން ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:20 ހާއިރު އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު މިހާތަނަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓު ބޭނުންކޮށްގެން 500 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެ މަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭގެއިތުރުން ޑައިވްކޮށްގެން 1549162 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި ކަނޑުމަގުންވެސް އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ "ކާމިޔާބު" އުޅަނދުން ވަނީ މިހާތަނަށް 66 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފަ އެވެ.

އެ ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ރަތްމާ ޖެހި މޫދު ހެދުމެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ފަތުރުވެރިޔާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދީ އެ ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް އެންގުމަށް އެމްއެންޑީއެފުން އެދެ އެވެ.

comment ކޮމެންޓް