ޗައިނާގައި ފޭކު ވެކްސިން ވިއްކި ގުރޫޕުގެ ލީޑަރު ހައްޔަރުކޮށްފި

ޗައިނާއިން ވަނީ މިހާތަނަށް ގާތްގަނޑަކަށް 40 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދީފަ -- ފޮޓޯ: ރޮއިޓާސް

ބެއިޖިން (ފެބްރުއަރީ 16): ޗައިނާގައި ފޭކު ކޮވިޑް-19 ވެކްސިން ވިއްކި ގުރޫޕެއްގެ ލީޑަރު އެގައުމުން ހައްޔަރު ކޮށްފި އެވެ.

ޗައިނާގައި ފޭކު ވެކްސިން ވިއްކި މައްސަލަ ބަލާ ކޯޓުގެ ލިޔެކިޔުންތަކުގައިވާ ގޮތުން ކޮންގް ނަމަކަށް ކިޔާ މީހާ އާއި އޭނާގެ ޓީމުން ވަނީ މިދިޔަ އޮގަސްޓު މަހުން ފެށިގެން ފޭކު ކޮވިޑް ވެކްސިން ވިއްކާ، 2.78 މިލިއަން ޑޮލަރު ހޯދާފަ އެވެ. އަދި އެ މީހުން ވެކްސިން ކަމަށް ބުނެ ވިއްކަމުން ދިޔައީ ސޭލައިން ސޮލިއުޝަން އާއި ފެން އަޅާފައިވާ ފުޅިތަކެވެ.

އެ ލިޔެކިޔުންތަކުގައިވާ ގޮތުން ކޮންގްގެ ޓީމުން 58،000އަށް ވުރެ ގިނަ ފޭކު ވެކްސިން ފުޅި ތައްޔާރު ކުރި އެވެ. އަދި މިދިޔަ ނޮވެމްބަރު މަހު އޭގެ ތެރެއިން 600 ފުޅި ބޭރުގެ ބަޔަކަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެ ފުޅިތައް ފޮނުވާފައި ވަނީ ކޮން ގައުމަކަށްކަން އެނގިފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކޮންގް އާއި އޭނާގެ ޓީމުން އެ ވެކްސިން ވިއްކީ އަސްލު ވެކްސިން އުފައްދާ ފަރާތްތަކާ އޮތް ގުޅުމެއްގެ ސަބަބުން ލިބުނު ޑޯޒްތައް ކަމަށް ބުނެ، އޮޅުވާލައިގެންނެވެ. އަދި ބައެއް ޑޯޒްތައް އަގުބޮޑުކޮށް ހޮސްޕިޓަލްތަކުގައި ވިއްކި އިރު އެ ޓީމުގެ ބައެއް މީހުން ވަނީ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އަމިއްލައަށް ކުރިއަށްގެންގޮސްފަ އެވެ.

ޗައިނާގައި ފޭކް ވެކްސިން ވިއްކުމާ ގުޅުން ހުރި މައްސަލަތަކުގައި 70 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެގައުމުން ވަނީ އެފަދަ ހަރަކާތްތައް ހުއްޓުވާނެ ކަމަށް ބުނެފަ އެވެ.

ޗައިނާއިން 2019 ވަނަ އަހަރު ތަންފީޒު ކުރަން ފެށި ގާނޫނެއްގައިވާ ގޮތުން ފޭކު ވެކްސިން އުފައްދާ، ވިއްކާ މީހުން އެ ވެކްސިން ވިއްކި އަގުގެ 15 އާއި 50 ގުނައާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ފެންވަރު ދަށް ސިއްހީ އުފެއްދުންތައް ތައްޔާރުކޮށް، ވިއްކާ މީހުން އެ ތަކެތި ވިއްކި އަގުގެ 10 އާއި 30 ގުނައާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ޗައިނާއިން ދަނީ އެގައުމުގެ ސައިނޯވެކް އާއި ސައިނޯފާމްއިން އުފެއްދި ކޮވިޑް ވެކްސިން މީހުންގެ ގަޔަށް ޖަހަމުންނެވެ. އެގޮތުން އެގައުމުން ވަނީ މިހާތަނަށް 40 މިލިއަން މީހުންގެ ގަޔަށް ވެކްސިން ޖަހާފަ އެވެ.

comment ކޮމެންޓް