ކޮވިޑާ ގުޅިގެން ހުކުރު ހުތުބާ ކުރުކުރަން ނިންމައިފި

އޮކްޓޫބަރު 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުކުރު ހުތުބާ ކުރުކުރަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 19 ފެބްރުއަރީ ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން ތިން މަހަށް މާލޭގައި ހުކުރު ނަމާދުކޮށްފައެއް ނުވެ އެވެ. އަދި ވައިރަސްއާ ގުޅިގެން އެއްތަނަކަށް އެއްވެ އުޅުމުގައި ހޭދަކުރާ ވަގުތު މަދުކުރުމަށް، ނަމާދުކުރުމަށް ހޭދަކުރާ ވަގުތު ކުޑަކުރުމަށް ހުކުރު ނަމާދު ހުތުބާ ކުރުކޮށް، ނަމާދު ކުރުމަށް ހޭދަކުރާ ވަދުތު ކުރު ކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން މީގެކުރިން އެންގި އެވެ.

ހުކުރު ހުތުބާ ކުރުކުރަން ނިންމާފައިވާ އިރު، ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑްގެ ހާލަތު ވަނީ ގޯސްވެފަ އެވެ. ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، ބަލީގައި ހާލު ސީރިއަސްވެ ފަރުވާ ދޭން ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުން ވެސް ވަނީ އިތުރުވާން ފަށައިފަ އެވެ.

ބަލީގެ ހާލަތު ގޯސްވާތީ އަނެއްކާ ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފަ އެވެ. މިވަގުތު މާލެ ސިޓީގެ އިތުރުން ފުވައްމަލަކު ސިޓީ އާއި އައްޑޫ ސިޓީގައި ވެސް ކާފިއު ވަނީ އިއުލާނުކޮށްފަ އެވެ. އައްޑޫ އަދި ފުވައްމުލަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

comment ކޮމެންޓް