ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ފުރަން ބޭނުން ދަރިވަރުންގެ މައުލޫމާތު ހޯދަނީ

ފެބްރުއަރީ 9، 2021: ކޮވިޑް ވެކްސިން ސެންޓަރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ރާއްޖެއިން ބޭރަށް ފުރޭނެ މުއްދަތު އޮތް ދަރިވަރުން އެކަން އަންގަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓްރީ މެދުވެރިވެގެން ސްކޮލާޝިޕް ފުރުސަތުތަކުގައާއި މަތީތައުލީމާއި ތަމްރީނަށްދޭ ލޯނު އެހީ އަދި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޮވިޑް19 ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖޭން ބޭރަށް ދިއުމަށް މިނިސްޓްރީގައި އެދެމުން އަންނަ ކަމަށެވެ.

އެހެންކަމުން އެނބުރި ކިޔަވަން ދިއުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު މަދުވެގެން ހަތަރު ހަފްތާ ހަމަކޮށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ މުއްދަތު އޮތް ދަރިވަރުން ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ރަޖިސްޓްރީވާން ޖެހޭނީ ގޫގުލް ފޯމް މެދުވެރިކޮށެވެ.

ރާއްޖޭގައި މިހާތަނަށް ދެމުން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރަން ޖެހޭތީ ކުރިން ނިންމާފައި އޮތީ 50،000 މީހުނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް މިމަހު އިތުރު އެއް ލައްކަ ޑޯޒް ލިބޭނެކަން ޔަގީންވެފައިވާތީ، ފުރަތަމަ ބުރުގައި އެއް ލައްކަ މީހުންނަށް ވެކްސިން ދޭން ވަނީ ނިންމައިފަ އެވެ.

އިއްޔެއާ ހަމައަށް ރާއްޖެއިން ޖުމުލަ 43،817 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 35،289 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 8،429 މީހުންގެ އިތުރުން ރިސޯޓުތަކުން ވެކްސިން ޖެހި 99 މީހުންނެވެ.

comment ކޮމެންޓް