ހުއްދަ ނުނަގާ ޖާބިރު މަތިވެރިއަށް ދިއުމުން، ޖޫރިމަނާ ކުރުމަށްފަހު ރަށުން ފޮނުވާލަނީ

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު-- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެޗްޕީއޭގެ ހުއްދައާ ނުލައި އއ. މަތިވެރިއަށް ދިއުމުން ޖޫރިމަނާ ކުރުމަށްފަހު އެރަށުން ފައިބާވަޑައިގަތުމަށް ޓާސްކްފޯހުން އަންގައިފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މަތިވެރި ޓާސްކްފޯހުގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ ޖާބިރު މަތިވެރިއަށް ވަޑައިގެން އުޅުއްވާތާ ގާތްގަނޑަކަށް ހަތަރު ދުވަސްވެދާނެ ކަމަށެވެ.

އެހެން ނަމަވެސް ޖާބިރު އެ ރަށަށް ވަޑައިގަތީ އެއްވެސް ހުއްދައެއް ނުނަންގަވާ ކަމަށާއި، ހުއްދައަކަށް އެޕްލައި ކުރެއްވިކަން ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް އެ ބޭފުޅާ [ޖާބިރު] ތަކުރާރުކޮށް މިހެން އައިސްފައި އެބަހުރި އެއްވެސް ހުއްދައެއް ނެތި. ރައްޔިތުންގެ ޝަކުވާ މާ ގިނައިން އަންނާތީ މިއަދު ކައުންސިލާއި ފުލުހުންނާއި ހެލްތު ސެންޓަރު ފޯކަލް ޕޮއިންޓާ އެއްކޮށް ގުޅިގެން މިކަން ހިނގީ." އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާންމުންގެ ޝަކުވާ ލިބުމުން ޓާސްކް ފޯހުން ޖާބިރަށް ގުޅި ކަމަށެވެ. އަދި ގުޅުމުން ޖާބިރު ވިދާޅުވީ ހުއްދައަށް އެޕްލައި ކުރެއްވި ކަމަށާއި ހުއްދަ އަދި ނުލިބެނީ ކަމަށެވެ.

އެގޮތަށް ކަން ހިނގަމުން ގޮސް ޖާބިރު ރޭގެ ވަގުތެއްގައި މަތިވެރީގެ ގެސްޓްހައުސްއަކަށް ވަދެވަޑައިގެން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރެއްވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ގެސްޓްހައުސްއިން ފުލުހުންނަށް މައްސަލައެއް ހުށަނާޅާ. ނޭނގޭ ކީއްވެގެން ކަމެއް. މީގެ ކުރިން ވެސް މިކަހަލަ ބައިވަރު މައްސަލަ އެބަހުރި ޖާބިރުގެ ފަރާތުން ހިނގާފައި. އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ބައިވަރު ކަންތައްތައް." އޭނާ ވިދާޅުވި އެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން ހުއްދަ ނުނަގާ ހުންނެވުމުން މަތިވެރިން ފޭބުމަށް އެ ރަށުގެ ޓާސްކްފޯހުން ޖާބިރަށް ވަނީ އަންގާފަ އެވެ.

"އެގޮތަށް އެންގުމުން ޖާބިރު ވިދާޅުވީ މިއަދު ހައެއް ޖަހާއިރަށް ހުއްދަ ނުލިބިއްޖެއްޔާ ދާނަމޭ މި ރަށުން. ހައެއް ޖަހާ ބޮޑުވެއްޖެ އެކަމަކު އަދި އެއްވެސް ލޯންޗެއް އައިތަނެއް ނުފެނޭ ބަނދަރުން." އޮފިޝަލް ވިދާޅުވި އެވެ.

ޖާބިރު މަތިވެރިއަށް ވަޑައިގެން އުޅުއްވާތާ ހަތަރު ވަރަކަށް ދުވަސްވެފައިވާއިރު، ކޮވިޑް ޓެސްޓެއް ހަދާފައި ނުވާ ކަމަށްވެސް އޮފިޝަލު ފާހަގަކުރެއްވި އެވެ. އަދި ޓެސްޓު ނުކޮށް ހުންނަވަނިކޮށް އެރަށުގެ ބައިވަރު މީހުންނާ ޖާބިރު ބައްދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު މައްސަލައެއް މިއީ. ރޭގައިވެސް ކޮންމެެވެސް މަސައްކަތެއް ކުރަން ކުޑަކުދިންތަކެއް ވެސް ގެންދިޔަ ކަމަށް ވަނީ. އޭގެ އިތުރަށް އިއްޔެ ހައިރިސްކު އަންހެނުންތަކެއް ގެންގޮސް އެތަނުގައި މަސައްކަތް ކުރުވައިފި. މި ރަށުގައި ކަރަންޓީނުގައި ހުރި މީހެއްގެ އިހުމާލުން މުޅި ރަށަށް ބަލި ފެތުރިގެން ގޮސްފައިވެސް އެބަހުރި މީގެ ކުރީގައި." އޮފިޝަލު ވިދާޅުވި އެވެ.

ތަކުރާރުކޮށް ޖާބިރުގެ ފަރާތުން މިފަދަ އަމަލުތައް ފެންނަމުންދާ ކަން ފާހަގަކުރައްވައި އޮފިޝަލު ވަނީ ހަމަހަމަކަމާއެކު ޖާބިރާ މެދު ފިޔަވަޅު ނޭޅޭތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އއ. މަތިވެރިއަށް ދަތުރުކުރި 11 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް