އަލީ ފުރި މައްސަލައާ ގުޅިގެން ޕީޖީ ކޮމިޓީއަށް ހާޒިރު ކުރަނީ

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރުމާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއާ ސުވާލު ކުރަން އޭނާ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރު ކުރަން އެ ކޮމިޓީއިން ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާއެއް އުފުލާފައި ވަނީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ކުރިން އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހު އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރުމުން މި މަހުގެ 10 ވަނަ ދުވަހު އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފަ އެވެ.

އޭނާ ދޫވުމުން ކަންބޮޑުވުން ފާޅުކޮށް، އެކަން ބަލައިދޭން އެދި މަޖިލީހަށް ހުށަހެޅުއްވީ، މަޖިލީހުގައި ތިއްބެވި ހަތަރު އަންހެން މެމްބަރުން ކަމަށްވާ، މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އެ މައްސަލަ މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފަ އެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީއިން ނިންމާފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރަން ޕީޖީ ހުސެއިން ޝަމީމް ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރާށެވެ. ޝަމީމް ހާޒިރު ކުރަން ތާވަލު ކުރީ އަންނަ ހޯމަ ދުވަަހަށެވެ.

އަންހެން މެމްބަރުން ހުށަހެޅުއްވި މައްސަލައިގައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒުކޮށްފައި ނުވާ ކަމަށް ބުނެފައިވާތީ، އެގޮތަށް އަމަލައިކޮށްފައިވޭތޯއާއި، އެކަމަށް އިއުތިރާޒު ނުކުރީ ކީއްވެތޯ ޕީޖީ ޝަމީމް ގާތުން ސާފު ކުރަން ބޭނުންވާ ކަމަށެވެ. އޭގެ އިތުރުން، އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގަން ޕީޖީ އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަކީ ކޮބާތޯވެސް ސާފު ކުރަން ބޭނުންވާ ކަމަށެވެ.

އެފަދަ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތަކަކީ ވެސް ކޮބައިތޯ ދެނެގަނެ އެ ބަދަލުތައް ތަންފީޒުކުރުމަށްޓަކައި އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ވެސް މެމްބަރުން އެދިވަޑައިގަތެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.

އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ. ހަތަރު މަސް ތެރޭ އަލީ ވަހީދު ގެންނާނެކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ. އެ މުއްދަތުގައި އޭނާ ނައިސްފިނަމަ އަޑުބަރޭއަށް އަދަބު ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ. އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

comment ކޮމެންޓް