ފުރުސަތުގެ ބޭނުން ހިފައި އިންޓަ އެއްވަނައަށް

އިންޓައާއި ލާޒިއޯ ކުޅުނު މެޗުގައި ލުކާކޫ ޖެހި ގޯލަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//އޭޕީ

އިޓާލިއަން ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން އެއްވަނައިގައި އޮތް އޭސީ މިލާން އެންމެ ފަހުން ސްޕެޒިއާ އަތުން ބަލިވުމުގެ ފައިދާ ނަގައި އިންޓަ މިލާނުން ރޭ ލާޒިއޯ ބަލިކޮށް އެއްވަނައަށް ޖެހިލައިފި އެވެ.

އިންޓަ މިލާނުގެ ހޯމް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ލާޒިއޯގެ މައްޗަށް އެ ޓީމު ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެ ޓީމުން ތާވަލުގެ އެއްވަނައަށް އެރީ 22 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ ފަހަތުގައި އޭސީ މިލާން 49 ޕޮއިންޓާ އެކު އޮތް އިރު ތިންވަނައިގައި 43 ޕޮއިންޓާ އެކު އޮތީ ރޯމާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަތަރުވަނައިގައި 42 ޕޮއިންޓާ އެކު އޮތް އިރު ރޭ މެޗުން ބަލިވި ލާޒިއޯ 40 ޕޮއިންޓާ އެކު އޮތީ ހަތްވަނައިގަ އެވެ.

ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ އޭސީ މިލާނުން ޕޮއިންޓް ގެއްލުވާލުމާ ގުޅިގެން އިންޓައިން ރޭގެ މެޗަށް ނުކުތީ އެއްވަނައަށް އެރުމުގެ އަޒުމުގަ އެވެ. އަދި ރޭގެ މެޗު ފަށައިގެން ގިނަ ހަމަލާތައް އުފައްދައި މޮޅަށް ކުޅުނު އިންޓައިން ފުރަތަމަ ހާފުގެ ތެރޭގައި ވަނީ ދެ ގޯލު ޖަހައިފަ އެވެ.

އެ ދެ ގޯލަކީ ވެސް އެ ޓީމުގެ ބެލްޖިއަމް ސްޓަރައިކަރު ރޮމެލޫ ލުކާކޫ ކާމިޔާބު ކުރި ދެ ގޯލެވެ. ރޭގެ ގޯލުތަކާ އެކު ލުކާކޫ ވަނީ ގޯލް ލިސްޓުގައި ރަނގަޅު ހިސާބަކަށް ދަތުރު ކޮށްފަ އެވެ. ރޭ އޭނަ ޖެހި ގޯލުތަކާ އެކު ފުޓުބޯޅަ ކެރިއަރުގައި 300 ގޯލު އޭނަ ވަނީ ހަމަކޮށްފަ އެވެ. ކުރިން ޗެލްސީއާއި އެވަޓަން އަދި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފައިވާ ލުކާކޫ މީގެ ދެ ސީޒަން ކުރިން އިންޓައަށް ބަދަލުވުމަށްފަހު އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މެޗުގެ ދެވަނަ ހާފު ފަށައިގެން ލާޒިއޯއިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. ސާގެޖް މިލިންކޮވިޗް ޖަހައިދިން އެ ގޯލާ އެކު ލާޒިއޯއިން މެޗުގެ ތެރެއަށް ވަން ނަމަވެސް އޭގެ އިރަކޮޅެއް ފަހުން ލުކާކޫ ދިން ބޯޅައަކުން ލައުޓަރޯ މާޓީނެޒް ވަނީ އިންޓަގެ ލީޑު ފުޅާކޮށްދީފަ އެވެ.

comment ކޮމެންޓް