ޑިފެންސުގެ އިމާރާތް އެޅުމަށް އެސްޖޭ އިން ހުށަހެޅި ބީލަން އަލުން އިވެލިއޭޓު ކުރަން އެންގޭނެ ތަނެއް ނެތް: ކޯޓު

ޖަސްޓިސް ބިލްޑިން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ބިޑް ބާތިލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އަލުން ބިޑް އިވެލުއޭޓްކޮށް ބިޑް އެވޯޑުކުރުމަށް އަމުރުކެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީގެ އާ އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން ބިޑަށް ހުޅުވާލީ ނޮވެމްބަރު 19، 2019ގަ އެވެ. އެސްޖޭ ކޮންސްޓްރަކްޝަން އިން އެކަން ކުރަން ބިޑް ހުށަހެޅީ، ޖެނުއަރީ 27، 2020ގަ އެވެ. ނަމަވެސް، ބިޑް ހުށަހެޅުމުގެ ތާރީހު ފަސްވި ފަހުން އުފެއްދި "ނޭޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ދަށުން އެސްޖޭގެ ބިޑް ޑިސްކޮލިފައި ކުރި އެވެ.

އެ އުސޫލުގައި ވަނީ އެސްޖޭ ހިމެނޭ ރޭންކުގެ ކުންފުންޏަކަށް އެންމެ ގިނަވެގެން ދެވޭނީ 300 މިލިއަން ރުފިޔާގެ މަސައްކަތް ނުވަތަ ގިނަވެގެން އަށް މަޝްރޫއު ކަމަށެވެ. އެ ޝަރުތު އެ އެސްޖޭގެ ހަމަ ނުވާ ކަމަށް ބުނެ ޑިފެންސުގެ އިމާރާތް ހަދަން އެ ކުންފުނި ޑިސްކޮލިފައި ކުރީ އެވެ.

އެހެންވެ، އެސްޖޭ އިން ސިވިލް ކޯޓުގައި ފިނޭންސް މިނިސްޓްރީގެ މައްޗަށް ދައުވާކުރީ، ޑިފެންސްގެ އިމާރާތް އެޅުމަށް ބީލަން ހުށަހެޅުމަށް ހުޅުވާލުމުން އެސްޖޭ އިން ބީލަން ހުށަހަޅާފައި ވަނިކޮށް، ބީލަން ބާތިލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

ފަހުން އެކުލަވާލި އުސޫލެއްގެ މައްޗަށް ބިޑް ބާތިލު ކުރުމަކީ މާޒީއަށް ގާނޫނު ނުހިންގާނެ ކަމަށް ބަޔާން ކުރާ ހަމައާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި ފިނޭންސް މިނިސްޓްރީ އިން ބިޑް އިވެލުއޭޓު ކުރަން ޖެހޭނީ ބިޑް ޑޮކިއުމެންޓުގައިވާ އުސޫލުތަކަށް އެކަނި ރިއާއަތްކޮށް ކަމަށް ބުނެފައިވެ އެވެ.

އެސްޖޭ އިން އެދުނީ، އަލުން ބިޑް އިވެލުއޭޓުކޮށް ބިޑް އެވޯޑު ކުރާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ބީލަން ބާތިލު ކުރި ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށާއި އެ ނިންމުންތަކުގެ މައްޗަށް ތަރުތީބުވި އެންމެހާ ނިންމުންތައް ވެސް ބާތިލުކޮށްދިނުމަށް ކަނޑައަޅައިދިނުމަށެވެ.

ދައުލަތުން ފާހަގަކޮށްފައި ވަނީ ވަނީ، ބިޑް އިވެލުއޭޓްކުރުމާއި އެވޯޑްކުރުމަކީ ދެ މަރުޙަލާއެއް ކަމަށެވެ. ބިޑް އިވެލުއޭޓު ކުރިޔަސް، ބިޑް އެވޯޑް ކުރާނީ އެވޯޑުކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން އުސޫލުގައިވާ ގޮތާ އެއްގޮތަށް އޮތްތޯ ބަލާފައި ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ދައުލަތުން ބިޑް އިވެލުއޭޝަން ކްރައިޓީރިއާ ބަދަލުނުކުރާކަން ވެސް ފާހަގަ ކުރި އެވެ. ބިޑް އިވެލުއޭޓް ކޮށް، ބިޑް އެވޯޑްކުރުމުގެ މަރުހަލާގައި އަމަލު ކުރަން އެކުލަވާލި އުސޫލަށް ރިއާޔަތްކޮށް، ބިޑް އެވޯޑުކުރުމުގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމަކީ ބިޑް އިވެލުއޭޓްކުރުމުގެ ކްރައިޓީރިއާ ބަދަލުކުރުން ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ސިވިލް ކޯޓުން މި މަހުގެ ދެވަނަ ހުކުމް ކުރީ ދައުލަތާ އެއްކޮޅަށެވެ. އެ ކޯޓުން ނިންމީ އެސްޖޭގެ ބީލަން ހިމަނައިގެން، ބީލަންތައް އިވެލުއޭޓްކޮށް ބިޑް އެވޯޑުކުރުމަށް އަންގައި އަމުރުކުރާނެ ތަނެއް ނެތްކަމަށެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އެސްޖޭ އިން ބިޑް އެވޯޑު ކުރުމުގެ މަރުހަލާގައި ހިނގާ ދިޔަ ކަމަކަށް ހައްލު ހޯދަން އެދިފައި ނެތް ކަމަށެވެ. އެސްޖޭ އިން ދައުވާގައި ހައްލު ހޯދަން އެދުނީ ބިޑް އިވެލުއޭޝަންއަށް ކަމަަށާއި އެހެންކަމުން ބިޑް އެވޯޑު ކުރުމުގައި އަމަލު ކުރި ގޮތަށް ހައްލެއް ކޯޓަށް ހޯދައިނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.

އަދި އެސްޖޭއިން ޝަރީއަތަށް އައުމުގެ ކުރިން މަރުހަލާތަކެއް ފުރިހަމަ ކުރަން ޖެހޭ އިރު، އެ މަރުހަލާތަކުގައި ބިޑު އެވޯޑުކުރުމާ ގުޅޭ ގޮތުން ހިލާފެއް އޮވެގެން މައްސަލައެއް ޖައްސާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

comment ކޮމެންޓް