ރައީސް ޔާމީންގެ މައްސަލަތަކުގެ އަޑުއެހުން މިއަދު ކެންސަލް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި --

މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޝްވަތުގެ މައްސަލައާއި މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ކުށްތަކަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި އެ ދެ މައްސަލަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލު ކުރީ މިއަދު ހެނދުނު 9:30 އަށެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުން މިއަދު ބުނެފައި ވަނީ، ރައީސް ޔަމީންގެ ފަރާތްޕުޅުން މިއަދުގެ އަޑުއެހުން ކެންސަލް ކުރަން އެދުމުން އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ފުއްގުރި މައްސަލައިގައި، އެމަނިކުފާނުގެ ދިފާއު ބިނާ ކުރުމަށް ބޭނުންވާ މުހިންމު ލިޔުންތަކެއް ދައުލަތުން ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ނުދީގެން އުޅެނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭސީސީއިން ތައްޔާރު ކުރި ރިޕޯޓެވެ.

ވަކީލުން ވިދާޅުވީ، އެ ރިޕޯޓުގައި ފުއްގުރި މައްސަލައިގެ ތުހުމަތެއް ރައީސް ޔާމީނަށް ނުކުރާ ކަމަށެވެ. އަދި އެމަނިކުފާނު ކުށެއް ނުކުރާކަން އެ ރިޕޯޓުން ސާބިތުވެގެންދާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ލޯންޑާ ކުރި ކަމަށް ބުނާ މައްސަލަ އެވެ.

އެ މައްސަލައިގައި އެމަނިކުފާނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް އެމަނިކުފާނު ގެންދަވަނީ ތަންފީޒު ކުރައްވަމުންނެވެ. ފަސް އަހަރުގެ ޖަލު ހުކުމުގެ އިތުރުން ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.

comment ކޮމެންޓް