އިދިކޮޅުން ލާހޫރެނީކަމަށް މަޖްލީސް ރައީސް ނަޝީދު ވިދާޅުވުވުން ރައްދު ދީފި

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނިކުމެ ކުރަނީ މުޒާހަރާ ނޫންކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އިދިކޮޅުން އެކަމަށް ރައްދު ދީފި އެވެ.

އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވާ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ "ސަން" އަށް ވިދާޅުވީ އިދިކޮޅުން މުޒާހަރާ ކުރާތީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ކަންބޮޑުވެއްޖެ ކަމަށެވެ.

"ހަގީގަތަކީ މުޒާހަރާ ކުރާތީ ކަންބޮޑުވެގެން އެއުޅެނީ. އަޅުގަނޑު ގަބޫލުކުރަނީ ރައީސް ނަޝީދާއި އެމްޑީޕީ އަދި މި ސަރުކާރު ވަރަށް ކަންބޮޑުވެއްޖެ އިދިކޮޅުން އަޑު އުފުލަން ފެށީމާ. އޭގެ ފާޅުކަން ބޮޑު ހެކި ރޭ ފެނިގެން އެއޮތީ ގޮސްފައި،" އަދުރޭ ރޭ ވިދާޅުވި އެވެ.

ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ އިދިކޮޅުން ހަޔެއްކަ މީހުން މަގުމައްޗަށް ނެރެ ލާހޫރެނީ ކަމަށެވެ.

"އަދި ހަގީގަތުގައި އެކައްޗަކަށް ވެސް ނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނުކުމެ ލާހޫރުން އެއީ އަޅުގަނޑުމެންނެއް ނުދެކެން އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށް ވެސް،" ރައީސް ނަޝީދު ރޭ ވިދާޅުވި އެވެ.

އިދިކޮޅުން މަގުމައްޗަށް ނިކުމެ އަޑު އުފުލުމަށް ހަރަކާތްތައް ހިންގާއިރު ކޮވިޑު19 ކޮންޓްރޯލު ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން މާލޭގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

ހުކުރު ދުވަހު އިދިކޮޅުން ވަނީ ހިޔާ ފްލެޓުތައް ދިން ގޮތާ މެދު ހިތްހަމަ ނުޖެހިގެން ވެސް މަގުމައްޗަށް ނިކުމެފަ އެވެ. އެ މުޒާހަރާގެ ނަތީޖާ ރޭ ފެނުނު ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ރައީސް ސޯލިހް ވިދާޅުވެފައި އޮންނާނެ ހިޔާ ފްލެޓްތަކުގެ ފައިނަލް ލިސްޓުގައި މައްސަލައެއް ހުރިނަމަ އެކަން ރަނގަޅު ކޮށްދެއްވާނަމޭ. އެބޭފުޅުން އެއްބަސްވާން ބޭނުން ނުވަނީ އިދިިކޮޅުގެ މި ހަރަކާތްތަކުން ސަރުކާރަށް ޕްރެޝަރުވާކަން. ސަރުކާރަށް އިދިކޮޅުގެ ސަބަބުން ޕްރެޝަރުވެގެން ރޭ ކުއްލި އަކަށް ގައުމީ މަޖިލީސް ބާއްވައިގެން އެ ހުރިހާ ވާހަކައެއް އެ ދެއްކީ. އޭގެން އެނގޭ އެއްޗަކީ ވާދަވެރި ފަރާތްތަކުން މި އަޑު އުފުލާ އަޑުއުފުލުމަށް ސަރުކާރުން ކަންބޮޑުވެއްޖެކަން. ރައްޔިތުންގެ ހިތްހަމަނުޖެހުން މި ސަރުކާރާ މެދު އޮތް މިންވަރު އެބޭފުޅުންނަށް ކޮންމެވެސް ވަރަކަށް ފަހުމުވާކަން އެ ދެ ރައީސުންގެ ވާހަކައިން އެނގިގެން ދިޔައީ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މުޒާހަރާތައް ކުރިއަށް ގެންދެވެން އޮތް ގޮތަކަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އެމްޑީޕީ އަކީ މުޒާހަރާ ދެކެ ވަރަށް ބިރުގަންނަ ބައެއް. އެއީ މުޒާހަރާއެއް ނޫނޭ ނަޝީދު ވިދާޅުވި އިރު، އެމްޑީޕީއަށް މުޒާހަރާއެއް ކޮށްގެން މި ގައުމުގައި ހާސިލު ކުރެވިފައި އޮތް ކަމެއް އަޅުގަނޑަށް ވިދާޅުވެ ދެއްވާ. ރައީސް ޔާމީނުގެ ވެރިކަން ނިމެންދެން އެބޭފުޅުން ކުރި މުޒާހަރާ އިން ހާސިލްވި ކަމެއް އެބައޮތްތޯ. ހަމަ ރައީސް ޔާމީން ފަސް އަހަރު ވެރިކަން ފުރިހަމަ ކުރެއްވި ނޫންތޯ.؟" އަދުރޭ ވިދާޅުވި އެވެ.

ގިނަ މީހުން ތަންތަނަށް އެއްވުމަކީ މުޒާހަރާގެ ނަތީޖާ ބިނާވާ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މޭޑޭގައި އެބޭފުޅުން ނުކުތީ ވަރަށް ގިނަ މީހުންނާ އެކު ނޫންތޯ. ކޮން ކަމެއްތޯ ކުރެވުނީ. އެހެންވީމަ ރައީސް ނަޝީދަށް އެ އުޅެނީ މުޒާހަރާ ނޭނގިގެން. މުޒާހަރާ ކުރުމަކީ މުޅި މާލެ ފުރާ މީހުން ނެރުމެއް ނޫން. މުޒާހަރާ ކުރަނީ ނަތީޖާ ނެރެން. ނަތީޖާ އެބަފެނޭ މިހާރު އަޅުގަނޑުމެން ކުރާ މުޒާހަރާގައި. ބަލަ އެއްކަލަ ހައްވާތައަށް ފްލެޓް ދިނީ ނޫންތޯ. އެއީ އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީޖާ.
ކީއްވެގެންތޯ އިދިކޮޅުން ހައެއްކަ މީހުން ނުކުމެ ލާހޫރެއޭ ބުނި އިރު އެ ވާހަކަ ކީއްކުރަންތޯ އެވަރުގެ ބާރުގަދަ ސަރުކާރަކާ އެކު ތިބި، އެވަރުގެ ވަރުގަދަ ބަޔަކު ގައުމީ މަޖިލިސް ބާއްވައި ދައްކަން ޖެހުނީ ހުއްޓާނުލާ. އެއީ މުޒާހަރާއަކަށްވީމަ ދެއްކީ. މުޒާހާރަގައި އަސަރުކުރީމާ ދެއްކީ. އެ މުޒާހަރާގައި ކަންބޮޑުވީމާ ދެއްކީ." އަދުރޭ ވިދާޅުވި އެވެ.

comment ކޮމެންޓް