ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ދިނުމުގެ ކަންކަމަށް ދަރުމަވެރިން ބޭނުންވެއްޖެ

ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ލިޔެކިޔުން ނެތި ދިރިއުޅޭ ބިދޭސީންނަށް ކޮވިޑް19 ވެކްސިން ދޭން ފަށަން ތައްޔާރުވަމުން އަންނަ އިރު، އެކަމާ ގުޅުންހުރި މަސައްކަތްތަކަށް ދަރުމަވެރިން ބޭނުންވާ ކަމަށް ދިވެހި ރެޑް ކުރެސެންޓުން ބުނެފި އެވެ.

ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ ވަރަށް އަވަހަށް ލިޔެކިޔުން ނެތި ދިރިއުޅޭ ބިދޭސީންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށަން އެޗްޕީއޭ އިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ލިޔެކިޔުންތަކާ އެކު، ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެކްސިނޭޝަން ޕޯޓަލްގައި ރަޖިސްޓާވެގެން ވެކްސިން ޖެހޭނެ އެވެ. ނަމަވެސް ވޯކް ޕާމިޓާއި އެެހެނިހެން ލިޔެކިޔުން ނެތް ބިދޭސީންކަމުގައި ވާނަމަ ވެކްސިން ޖެހޭނީ ރެޑް ކްރެސެންޓްގެ ބެނެފިޝަރީ ސިސްޓަމްގައި ރެޖިސްޓާވެގެން ކަމަށް ހިމްޔާ ވިދާޅުވި އެވެ.

އެފަދަ ބިދޭސީން ރެޖިސްޓާވާން ޖެހޭނީ ރެޑް ކްރެސެންޓްގެ މާލޭ ގޮފީގެ މައިގްރަންޓް ސަޕޯޓު ސެންޓަރުގެ ހޮޓްލައިން (9114584 9114512) އަށް ގުޅައިގެންނެވެ. ގުޅައިގެން ރެޖިސްޓާވުމުން، ވެކްސިން ޖަހަން ދިއުމަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެ އެވެ.

ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ރެޖިސްޓާކުރަން ފަށާނީ މާދަމާ އެވެ. އަދި ދުވާލެއްގެ މައްޗަށް 250 މީހުން ރެޖިސްޓާކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ހިމްޔާ ވިދާޅުވި އެވެ.

ހިމްޔާ ވިދާޅުވީ ރާއްޖޭގައި ލިޔެކިޔުން ނެތި ދިރިއުޅޭ ހުރިހާ ބިދޭސީން ރެޖިސްޓާކުރުމަކީ ވަރަށް ބޮޑު އަދި އެހާމެ ބުރަ މަސައްތަކަށް ވާނެ ކަމަށެެވެ. އަދި އެ މަސައްކަތް ގިނަ ދުވަސްތަކަކަށް ދިގު ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ބިދޭސީން ރެޖިސްޓާކުރުމުގެ އިތުރުން، ވެކްސިން ސެންޓަރުތަކުގައި ފޯރުކޮށްދޭން ޖެހޭ އެހެނިހެން އެހީތެރިކަމަށް ވެސް ގިނަ އަދަދެއްގެ ދަރުމަވެރިން ބޭނުންވެފައިވާ ކަމަށް ހިމްޔާ ވިދާޅުވި އެވެ.

ހިމްޔާ ވިދާޅުވީ ރެޖިސްޓްރޭޝަން އާ ގުޅޭގޮތުން ބިދޭސީންނަށް މައުލޫމާތު ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކުންފުނިތައް މެދުވެރިކޮށް ވެސް މައުލޫމާތު ދިނުމަށް ރާވާފައިވާ ކަމަށެވެ.

comment ކޮމެންޓް