ވެކްސިނާ ދެކޮޅު ބްލޮގް ބްލޮކްކުރަން އެދިއްޖެ

ފެބްރުއަރީ 1، 2021: ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ސޯޝަލް ސެންޓަރުގައި ފެށުން: ރާއްޖޭގައި ބޭނުންކުރަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަމިއްލަ ސިއްހަތު ބްލޮގް" ގެ ނަމުގައި ހިންގަމުން އަންނަ ވެކްސިނާ ދެކޮޅު ވެބްސައިޓު ބްލޮކް ކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ކޮމިއުނިކޭޝަންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

މީޑިއާ ކައުންސިލުން ބުނީ ކޮވިޑް19 ވެކްސިނާއި އެހެން ވެކްސިންތަކާ ގުޅޭގޮތުން އެއްވެސް އިލްމީ އަސާސެއްނެތި، އިތުބާރު ނުހިފޭ އެކި މަސްދަރުތަކާ ހަވާލާދީ، އާންމުންގެ ހިތުގައި ސުވާލު އުފެދޭފަދަ އެތައް ލިޔުމެއް އެ ވެބްސައިޓުގައި ޝާއިއު ކުރަމުން އަންނަކަން ފާހަގަވުމާއެކު، މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެކަން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މިނިސްޓްރީ އޮފް ހެލްތްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ.

އެގޮތުން އެނަމުގައި ހިންގާ ބްލޮގް އާއި ޓެލެގްރާމް ޗެނަލް އަދި އެހެނިހެން މީސް މީޑިއާގެ ވަސީލަތްތައް ބްލޮކް ކޮށްދިނުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ގައި އެދިފައިވާނެ ކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ވަނީ އެ ޗެނަލުން ދައުރުކުރާ ލޫމާތަށް ބުރަ ނުވުމަށާއި، އެ މައުލޫމާތު ގަބޫލުނުކުރުމަށް މީޑިއާތަކާއި އާންމުންގެ ކިބައިން އެދިފަ އެވެ.

ބައެއް މީޑިއާތަކުން، ވެކްސިންތަކުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އިތުބާރު ގެއްލޭގޮތަށް ހަބަރާއި މައުލޫމާތު ޝާއިއުކޮށް ފަތުރަމުންދާތީ އިޖުތިމާއީ އެތައް މައްސަލަތަކެއް އުފެދެމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވެސް އެ ކައުންސިލަށް ލިބެމުން ދާކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ކޮވިޑް19 އާ ގުޅޭ ހަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ކޮންމެހެން ހިފަހައްޓަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް އެ ކައުންސިލުން އެކުލަވާލައިފައިވާ ކޮވިޑް19 ނޫސްވެރިންގެ އަތްމަތީ ފޮތުގައި ދީފައިވާ އިރުޝާދުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފެތުރުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް