ހައެއްކަ މީހުން ނުކުމެ ހޫރުނީމާ މުޒާހަރާއަކަށް ނުވޭ: ނަޝީދު

ފެބްރުއަރީ 22، 2020: އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ / އަހްމަދު ސައީދު

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަގުތަކަށް ނުކުމެ ކުރަމުން އަންނަނީ މުޒާހަރާއެއް ނޫން ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މާލެ ސީޓީގައި ކޮވިޑް ކޭސްތައް ގިނަވެ، ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ރެއިން ފެށިގެން މާލޭގައި 10 މީހުން އެއްފަހަރާ އެއްވުން މަނާކޮށްފަ އެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން މިއަދު ވެސް ވަނީ މާލޭގައި މުޒާހަރާކޮށްފަ އެވެ.

އިދިކޮޅުން ބުނީ މުޒާހަރާ ކުރިއަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް 10 މީހުންނަށްވުރެ ގިނަ ނުވާނެ ގޮތުގެ މަތިން ޓީމްތަކަށް ބަހާލައިގެން ކަމަށެވެ. ނަމަވެސް އިއްޔެވެސް އެއަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެފައިވެ އެވެ.

މިރޭ އެމްޑީޕީގެ ގައުމީ މަޖިލިސްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު އިދިކޮޅުގެ މުޒާހަރާތައް ސިފަކުރެއްވީ "ބޭކާރު ވާހަކައެއް"ގެ ގޮތުގަ އެވެ.

"މަގުމަތީގަ ހައެއްކަ މީހުން އެބަ ލާހޫރޭ. ބުނަނީ މުޒާހަރާ އެކޭ. މުޒާހަރާއަކަށް ވެސް ނުވެސް ވޭ. އަދި ހަގީގަތުގައި އެކައްޗަކަށް ވެސް ނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނުކުމެ ލާހޫރުން އެއީ އަޅުގަނޑުމެންނެއް ނުދެކެން އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށް ވެސް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅުގެ އެއްވުންތަކުގެ ސަބަބުން ފުލުހުން މަގުތަކަށް ނެރެން ޖެހި، ފުލުހުންގެ ވަގުތުތައް ނަގާލަންޖެހުމަކީ ދެރަ ކަމެއް ކަމަށެވެ.

comment ކޮމެންޓް