އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން އަމުރު ކުރި ތާރީހު ވެސް އޮޅިއްޖެ

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި ތާރީހު ވެސް އޮޅިއްޖެ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލު ކުރީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި އޭނާ ރާއްޖެ ނައިސްފި ނަމަ ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވަނީ ހަމަޖައްސައިފަ އެވެ.

ޕީޖީން އެ އަމުރު އިސްތިއުނާފު ކުރި އިރު، އަލީ ވަހީދުއާ ޖާމިނުވި އައްސަދު އަލީ ސޮއިކޮށް ކޯޓަށް ހުށަހެޅި ލިޔުންތައް ނުލިބޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނަމަވެސް އެ ލިޔުންތައް މިހާރު ވަނީ ލިބިފަ އެވެ.

ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމާ ގުޅޭގޮތުން އަޑުއެހުމެއް ބާއްވާ އަމުރު ނެރުނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބުރުއަރީ ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލީ 10 ވަނަ ދުވަހު ކަމަށް އަމުރުގައި އޮތަސް، ނުވަ ވަނަ ދުވަހުގެ ރޭ އަލީ ވަހީދު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

ކޯޓު އަމުރުގައި 10 ފެބުރުއަރީ އޮތް ނަމަވެސް ޕީޖީ ވިދާޅުވީ އައްސަދުގެ ޖާމިނު ލިޔުމުގައި އޮތީ ފެބުރުއަރީ ނުވަ ވަނަ ދުވަހު އަމުރު ނެރުނު ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިން ވެސް ކްރިމިނަލް ކޯޓަށް އެރި "އިދާރީ އޮޅުމެއް"ގެ ސަބަބުން، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި އަމުރުގައި، އެ އަމުރަށް އެދުނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކަމަށް ލިޔެވިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

comment ކޮމެންޓް