ގައުމީ ޓީމުތަކަށް ވެކްސީން ދޭން ފަށައިފި

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުގައި ކުޅުނު ފޯރިގަދަ މެޗްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ކޮވިޑްގެ ސަބަބުން ގައުމީ ކުޅިވަރުތަކާއި، ބައިނަލް އަގުވާމީ މުބާރާތްތައް މެދުކެނޑިފައި އޮއްވާ، ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާއްސަ އިސްކަމެއް ދީގެން ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ކޮވިޑުން ސަލާމަތްވުމުގެ ގޮތުން ވެކްސިން ޖަހަން ފަށާފައިވާ އިރު، އެންމެ ފުރަތަމަ އެ ވެކްސިން ފޯރުކޮށްދެމުން ދަނީ ގައުމުގެ އެކި އެކި މުއައްސަސާ ތަކުގައި މަސައްކަތް ކުރާ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކާއި، ހައި ރިސްކ މީހުންނެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ފަސް އިންސައްތަ މީހުންނަށް މިހާތަނަށް ކޮވިޑް ވެކްސިން ދިން އިރު، މާލެ ފިޔަވާ ގިނަ ރަށްރަށުގައި މިހާތަނަށް ވެކްސިން ދެވިފައިވަނީ މަދު ބަޔަކަށެވެ.

އެގޮތުން އެޗްޕީއޭއިން ރޭ އެންމެ ފަހުން އާއްމު ކުރި ހިސާބުތަކުގައި ވާގޮތުން އަތޮޅު ތެރޭގައި މިހާތަނަށް ކޮވިޑް ވެކްސިން ދީފައިވަނީ 6041 މީހަކަށެވެ. އަދި މާލޭގައި ދީފައިވަނީ 27065 މީހުންނަށެވެ. މިއީ ދިވެހި ރާއްޖޭގެ އާބާދީއާއި އަދި ރާއްޖޭގައި މަސައްކަތް ކުރާ އެތައް ހާސް މީހުންގެ ނިސްބަތުން ބަލައި އިރު ކުޑަ ކުޑަ އަދަދެކެވެ. އެހެންމެ ކޮވިޑްގެ ހައި ރިސްކު މީހުންގެ ގޮތުގައި ކަނޑައަޅާފައިވާ ގިނަބަޔަކު އަދިވެސް ވެކްސިން ނުޖެހި އެބަތިއްބެވެ.

އެހެން ނަމަވެސް މިހާރު އަންނަނީ ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ދެމުންނެވެ. މޯލްޑިވްސް އޮއެގޮތުން ލިމްޕިކް ކޮމިޓީން ކުޅިވަރު އެސޯސިއޭޝަންތަކާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އިއްޔެ ގައުމީ ޓީމުތަކަށް ވެކްސިން ދޭން ފެށި އެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހި ގައުމީ ޓީމަކީ ބެޑްމިންޓަން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނެވެ.

ކޮވިޑްގެ ސަބަބުން ހުރިހާ މުބާރާތްތަކެއް ވެސް ފަސްކޮށްފައިވާ އިރު، މިހާރު މިއީ ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ. އަދި އެއާ އެކު ކާފިއުގެ ވަގުތުތައް ވެސް އިތުރުކޮށްފައިވާ އިރު، މިވަގުތަށް ވެކްސިން ދިނުން އެންމެ މުހިއްމީ ކުޅިވަރު ކުޅޭ ފަރާތްތަކަށްތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

މުބާރާތްތައް ވެސް ރޭވިފައި ނެތް ގިނަ ކުޅިވަރުތަކެއްގެ ކުޅުންތެރިންނަށް ވެކްސިން ދެމުން އަންނަ އިރު، ދިވެހި ރާއްޖޭގައި ކުޅިވަރުން އެންމެ ގިނަބަޔަކު އާއްމުދަނީ ހޯދަމުން އަންނަ ދިވެހި ޕްރިމިއާ ލީގުވެސް އޮތީ މެދުކަނޑާލައިފަ އެވެ. މުބާރާތް މި ވަގުތު މެދުކަނޑާލާފައި އޮތީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން އެޅި ފިޔަވަޅުތަކަށް ބޯލެނބުމުގެ ގޮތުންނެވެ.

comment ކޮމެންޓް