ގޮތް ހުސްވެ ރައީސްއާ ބައްދަލު ކުރަން ކުލަބުތަކުން އެދިއްޖެ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ކެޕްޓަނުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން : ސަން ފޮޓޯ --- ފަޔާޒް މޫސާ

ކޮވިޑްގެ ސަބަބުން ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ސަބަބުން މުޅި ފުޓުބޯޅައަށް ލިބިފައިވާ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް މިހާތަނަށް ކުރި މަސައްކަތުން ވެސް ކަމުގެ އަލިމަގެއް ނުފެނުމުން، އެކަމަށް ހައްލެއް ހޯދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ކްލަބުތަކުން އެދިއްޖެ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އަލަށް ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

އެހެން ނަމަވެސް ލީގާއި، ކުލަބުތަކުގެ ޕްރެކްޓިސްތައް ވެސް ފެށޭނެ މަގެއް މިހާތަަނަށް ކަމާބެހޭ ފަރާތްތަކުން ދައްކައިފައި ނުވާ އިރު، ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބު ގުޅިގެން މިފަހުން ވަނީ އެކަމުގެ ސަބަބުން ކުލަބުތަކާއި، ކުޅުންތެރިންނަށް ލިބޭ މާލީ، އަދި ޖިސްމާނީ ގެއްލުންތައް ބޮޑުވެފައިވާ ކަމުގެ ޝަކުވާތަކާ އެކު ބަޔާން ނެރި، ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައިފަ އެވެ.

އެއަށްފަހު ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ހުއްޓިފައި މި އޮތް މުއްދަތުގެ ސަބަބުން ކުޅުންތެރިންނަށް ވާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސްގެ އަރިހުން އެދުމަށް ކުލަބުތަކުން މިއަދު ވަނީ އެޕޮއިންޓްމެންޓަކަށް އެދި ސިޓީ ހުށައަޅައިފަ އެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު 30 ވަނަ ދުވަހު މާލޭގައި ރާއްޖޭގެ ގައުމީ ޓީމުން ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު ވަނީ ޝެޑިއުލްކޮށްފަ އެވެ. ލީގު މި ގޮތަށް މެދުކަނޑާލާފައި އޮތުމުން އެ މެޗަށް ތައްޔާރުވާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަސަރުކުރާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ވެސް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް