ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ޑޯނިއާ ފްލައިޓު ބޭނުން ކުރަން ފަށައިފި

ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ހަރަކާތްތެރި ވަނީ — ފޮޓޯ/ އެމްއެންޑީއެފް

އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން ސްނޯކްލިންގްއަށް ގޮސް އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ޑޯނިއާ ފްލައިޓް ބޭނުން ކުރަން ފަށައިފި އެވެ.

އެކަނި ސްނޯކްލިން އަށްގޮސް އުޅެނިކޮށް އަންހެން ފަތުރުވެރިޔަކު ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ ރޭ 8:20 ހާއިރު އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު މިހާތަނަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓު ބޭނުންކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވައިގެ މަގުން ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އޭގެއިތުރުން ޑައިވްކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި ކަނޑުމަގުންވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ބުންޏެވެ. އެ ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ރަތްމާ ޖެހި މޫދު ހެދުމެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ފަތުރުވެރިޔާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެ ހިސާބުގެ ރަށްތަކުން ބަލައިދެއްވާ މި ފަތުރުވެރިޔާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި ދިނުމަށް އެމްއެންޑީއެފުން އެދެ އެވެ.

comment ކޮމެންޓް