އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި އަމުރު އިސްތިއުނާފު ކޮށްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާ އާއި ފުރައްސާރައިގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

އެ އަމުރު އިސްތިއުނާފު ކުރިކަން ޕީޖީ އޮފީހުން ވަނީ "ސަން" އަށް ކަށަވަރު ކޮށްދީފަ އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރަކާއެކު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ އިނގިރޭސި ވިލާތަށް ފުރައިގެން ގޮސްފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު ޑރ ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުންނެވެ.

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލު ކުރީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި އޭނާ ރާއްޖެ ނައިސްފި ނަމަ ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވަނީ ހަމަޖައްސައިފަ އެވެ.

މިއަދު އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއިރުވެސް އަލީ ވަހީދުއާ ޖާމިނުވި އައްސަދު އަލީ ސޮއިކޮށް ކޯޓަށް ހުށަހެޅި ލިޔުންތައް ނުލިބޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

comment ކޮމެންޓް