57 ފުޅި ބަނގުރަލާއެކު ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފި

ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ވޭނުގެ ތެރެއިން ފެނުނު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޕެކެޓެއް -- ފޮޓޯ/ ފުލުހުން

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 57 ފުޅި ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ހުޅުމާލޭގައި ފުލުހުން ހިންގި އެ ދެ އޮޕަރޭޝަންގައި ހައްޔަކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް އަދި 19 އަހަރުގެ ފިރިހެނެކެވެ. އެ އެންމެންނަކީވެސް ދިވެހިންނެވެ.

ފުލުހުން މިއަދު ބުނީ، އުމުރުން 28 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް2އިން ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ވޭނެއް ހުޅުމާލެ ހިތިގަސްމަގުން ދުއްވާފައިދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ 10:06 އެހާކަންހާއިރުއެވެ.

"އެމީހާ ދުއްވި ވޭން ހުއްޓުވައި، ބަލައިފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 45 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ޕެކެޓް ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

ހުޅުމާލޭ ހިންގި ދެވަނަ އޮޕަރޭޝަން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާ އެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ބަނގުރާ ފުޅިތަކެއް ހުރި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ވަނަ ދުވަހުގެރޭ 8:20 އެހާކަންހާއިރު ހުޅުމާލެ މެރީނާވިއު ރެސިޑެންސް ބިލްޑިން ކައިރިންނެވެ.

"އެ ދެމީހުން ހުއްޓުވައި، ސައިކަލް ފަހަތުގައި އިން 19 އަހަރުގެ މީހާ ހިފަހައްޓައިގެން އިން ދެ ފޮށިގަނޑު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ހުޅުމާލެއިން ބަނގުރަލާއެކު ތިން މީހަކު ހައްޔަރު ކުރި އިރު، މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ފުލުހުން ހިންގި އޮޕަރޭޝަންގައި ބަނގުރަލާއެކު ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ 480 ބިޔަރު ދަޅާއި 24 ފުޅި ބަނގުރާ އެވެ.

ރާފުޅިތައް އަތުލައިގެންފައިވަނީ، ހަބީބު ބެންކާ ދިމާއިން މާލެ ފަޅުގައި އޮތް ދޯންޏަކާއި އެ ސަރަހައްދުގައި އޮތް ޕިކަޕެއް ބަލައިފާސްކުރަމުންދަނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ އޮޕަރޭޝަންގައިވެސް ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ.

https://sun.mv/149059

comment ކޮމެންޓް