އިންޕީޗްމަންޓް ޝަރީއަތުން ކުށްސާބިތުނުވެ ޓްރަމްޕް ސަލާމަތްވެ ވަޑައިގެންފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ވޮޝިންޓަން (ފެބްރުއަރީ 14) : އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ކުރައްވާފައިވާ ގާނޫނާ ޚިލާފު އަމަލުތަކާ ގުޅިގެން ސެނެޓްގައި އޭނާގެ މައްޗަށް އިންޕީޗްމަންޓް ޝަރީއަތް ހިންގުމަށް ޑިމޮކްރެޓިކް ޕާޓީން ކުރި މަސައްކަތް ނާކާމިޔާބުވެ ޓްރަމްޕް ސަލާމަތްވެ ވަޑައިގެންފި އެވެ.

ސެނެޓްގައި ޓްރަމްޕްގެ މައްޗަށް ހިންގި އިންޕީޗްމަންޓް ޝަރީއަތް ނާކާމިޔާބުވެ ޓްރަމްޕް ސަލާމަތްވީ ޓްރަމްޕްގެ ދިފާއުގައި އޭނާގެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓް މެންބަރުން މަސައްކަތް ކުރެއްވުމުގެ ސަބަބުންނެވެ. މިގޮތުން މިދިޔަ ޖެނުއަރީ 6 ވަނަ ދުވަހު ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ކޮންގްރެސްގެ އިމާރާތަށް އަރައިގަނެ އެތަން ލޫޓުވައި ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ހުންނެވީ ސީދާ ޓްރަމްޕްކަމާއި އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ގޮތުން ޓްރަމްޕް ހިންގެވި ބަޣާވާތުގެ އަމަލެއްކަން ސާބިތުކުރުމަށް ސެނެޓްގެ ތަޅުމުގައި ނެގި ވޯޓަށް ތާއީދުކޮށްފައި ވަނީ ސެނެޓްގައި ހިމެނޭ 100 މެންބަރުންގެ ތެރެއިން އެންމެ 57 މެންބަރުންނެވެ.

ޓްރަމްޕް ކުށްވެރިވާކަމަށް ނުފެންނަ ކަމަށް 43 މެންބަރުން ވޯޓު ދެއްވި އެވެ. ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުކޮށް އޭނާ ކުށްވެރިވާކަމަށް ނިންމުމަށް ސެނެޓް ތިންބައިކުޅަ ދެބައި ކަމަށްވާ 67 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ. ޓްރަމްޕް ކުށްވެރިވާކަމަށް ސެނެޓްގައި ވޯޓު ދެއްވީ އޭނާގެ ޕާޓީކަމަށްވާ ރިޕަބްލިކަން ޕާޓީގެ އެންމެ ހަތް މެންބަރުންނެވެ. އެހެންކަމުން ޓްރަމްޕްގެ މައްޗަށް ކުށްސާބިތު ކުރުމުގައި ޑިމޮކްރެޓިކް ޕާޓީ މިވަނީ ނާކާމިޔާބުވެފަ އެވެ.

އިންޕީޗްމަންޓް ޝަރީއަތުން ސަލާމަތްވެ ވަޑައިގަތުމާ ގުޅިގެން ޓްރަމްޕް ދެއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ކުށްވެރި ކުރުމާ ދެކޮޅަށް ވޯޓު ދެއްވި ސެނެޓް ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށާއި ޝަރީއަތުން ސަލާމަތްވުމުން އޭނާގެ ސިޔާސީ މަސައްކަތްތަކާގެން ކުރިޔަށް ދިޔުމުގެ ފުރުސަތު އަލުން ލިބުނީ ކަމުގަ އެވެ. މިގޮތުން އެމެރިކާ އަލުން ވަރުގަދަ ގައުމަކަށް ހެދުމަށްޓަކައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ތާރީޚީ އަދި ވަތަނީ ހަރަކާތްތައް މިހިސާބުން މި ފެށުނީކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ކޮންގްރެސްގައި އިންޕީޗްމަންޓް ޝަރީއަތް ހިންގަނީ އެމެރިކާގެ ރައީސްކަމުގައި ތިއްބަވާ ބޭފުޅުން މަގާމުން ދުރުކުރުމަށެވެ. ޓްރަމްޕްގެ ވެރިކަމުގައި އޭނާ މަގާމުން ދުރުކުރުމަށް 2019 ވަނަ އަހަރު ޑިމޮކްރެޓިކް ޕާޓީން މަސައްކަތްކުރި އެވެ. އެކަން ވަނީ ނާކާމިޔާބުވެފަ އެވެ. ދެވަނަ ފަހަރު އިންޕީޗްމަންޓް ޝަރީއަތް ޓްރަމްޕްގެ މައްޗަށް ހިންގަން ފަށާފައި ވަނީ އޭނާ އެމެރިކާގެ ރައީސް ކަމުން ވަކިވެ އާދައިގެ ރައްޔިތަކަށް ވުމަށް ފަހުގަ އެވެ.

އެމެރިކާގެ ރައީސަކު މަގާމުން ވަކިވުމަށް ފަހު އޭނާގެ މައްޗަށް ކޮންގްރެސްގައި އިންޕީޗްމަންޓް ޝަރީއަތް ހިންގުމުގެ ގާނޫނީ ހައިސިއްޔަތާ މެދު އެތައް ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް އެއީ އެމެރިކާގެ ގާނޫނު އަސާސީގައި މަނާކޮށްފައިވާ ކަމަކަށް ނުވާތީ އިންޕީޗްމަންޓް ޝަރީއަތް ޓްރަމްޕްގެ މައްޗަށް ކުރިޔަށް ގެންދިޔައީ އެވެ. މި ޝަރީއަތް ކުރިޔަށް ގެންދިޔުމުގެ ބޭނުމަކީ ޓްރަމްޕްގެ ވެރިކަމުގައި އޭނާ ކުރައްވާފައިވާ ގާނޫނާ ޚިލާފު އަމަލުތަކުގެ ޒިންމާ އުފުއްލަވަން އޭނާއަށް މަޖްބޫރުކޮށް ފިލާވަޅެއް ދިނުމުގެ ބޭނުމުގައި ކަމަށް މިކަމުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޑިމޮކްރެޓިކް މެންބަރުންގެ ހަގީގީ ބޭނުމަކީ އިންޕީޗްމަންޓް ޝަރީއަތް ޓްރަމްޕްގެ މައްޗަށް ކާމިޔާބުކޮށް ޓްރަމްޕް ކުށްވެރިވާކަމަށް ނިންމައިގެން ޓްރަމްޕް ދެވަނަ ފަހަރަށް އެމެރިކާގެ ވެރިކަމަށް އައުމުގެ ފުރުސަތުން އޭނާ މަހްރޫމް ކުރުންކަމަށް ވަނީ ބެލެވިފަ އެވެ.

ޓްރަމްޕްގެ މައްޗަށް ކުށް ސާބިތު ނުވުމުން އެމެރިކާގެ ރިޔާސީ އިންތިޚާބަށް އަލުން ކުރިމަތިލުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ. ނަމަވެސް ޖިނާއީ އެތައް ކުށެއްގައި އެމެރިކާގެ އެތަށް ސްޓޭޓަކުން ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލާނެކަމަށް ބުނެފައިވެ އެވެ. މީގެތެރޭގައި ޓެކްސް އަށް މަކަރު ހެދުމާއި ވަގު ޑޮކިއުމެންޓްތައް ތައްޔާރުކޮށްގެން އޮޅުވާލުމުގެ އަމަލުތައް ހިންގުމާއި ބައެއް އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ އަމަލުތައް ހިންގުން ފަދަ ކަންކަން ހިމެނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް