ދެ މިނިސްޓަރުން އަޝްފާގާއި އަކްރަމް ދިފާއުކޮށްފި

އަޝްފާގު އާއި އަކްރަމް ދިފާއުގައި ދެ މިނިސްޓަރުން

ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފަހުގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަކުރަމް އަބްދުލްގަނީ (އަކޫ) އަކީ ހަރުކަށި ފިކުރުގެ ދެމީހުންކަމަށް ސިފަ ކުރުމުން ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފާއި ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ، އެ ދެކުޅުންތެރިންގެ ދިފާއުގައި ތެދުއްވެއްޖެ އެވެ.

އެ ދެކުޅުންތެރިންނަކީ، ހަރުކަށި ފިކުރުގެ ދެ މީހުންކަމަށް ސިފަކޮށް ޓްވީޓް ކުރީ އެމްޑީޕީ އިސްތިއުނާފު ފަނޑިޔާރު ކޮމިޓީގެ މެމްބަރު ސޫޒަން އިބްރާހިމް އެވެ. އަޝްފާގް އާއި އަކްރަމްގެ ފޮޓޯއަކާއެކު އިއްޔެ ސޫޒަން ކުރި ޓްވީޓެއްގައި ލިޔެފައިވަނީ، "ރައްޓެއްސެއް އޭނާ ގާތުގައި ބުނީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވެފައި ތިބި ބައެއް ފުޓްބޯޅަ ކުޅޭތަން ބަލަން މިހާރު ދާނެތޯ. ޓީމު ބަލިވެއްޖިއްޔާ ދަނޑު ވެސް ގޮއްވާލަފާނެޔޯ، ކާކުހޯ ސިޑިބަރީގައި އިންނަން ދާނީ" މިހެންނެވެ. ފަހުން ސޫޒަން ވަނީ އެ ޓްވީޓް ޑިލީޓްކޮށްފައެވެ.

ސޫސަން ކުރި ޓްވީޓްގައި ---

ދެ ކުޅުންތެރިން ދިފާއުކޮށް، މަހްލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އަޝްފާގާއި އަކްރަމްއަކީ މިގައުމުގެ ދެ ބަތަލުން ކަމަށެވެ. އަދި ހިޔާލުތަފާތުވިޔަސް، އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމް ކުރުމަށް މަހްލޫފު އިލްތިމާސް ކުރެއްވި އެވެ.

"ތުބުޅި/ބުރުގާ އަޅާފައި ތިބޭ އެންމެންނަކީ، ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށް ދެކޭ ވިސްނުން ބަދަލު ކުރަން ޖެހޭ. މުޖްތަމައުއެއްގައި އުޅޭނީ ތަފާތު ވިސްނުމުގެ މީހުން. ހިޔާލު ތަފާތުވިޔަސް އެއްބަޔަކު އަނެއްޔަކަށް އިހްތިރާމްކޮށްގެން އުޅެން ދަސްކުރަން ޖެހޭ،" މަހްލޫފު ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފުޓުބޯޅައަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ކުޅިވަރެއް ކަމަށާއި ރާއްޖެއަށް ތަށި ހޯދާދިފައިވާ މިގައުމު ފަހުރުވެރިވާ "ލެޖެންޑްސް"އަށް ފުރައްސާރަ ކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުނުކުރުމަށް އިމްރާން އިލްތިމާސް ކުރެއްވި އެވެ.

އަޝްފާގާއި އަކްރަމަށް ފުރައްސާރަ ކުރުމުން ޝޯޝަލް މީޑިއާގައިވެސް އާންމުން ދަނީ އެކަން ކުށްވެރިކޮށް، އެ ދެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. އަދި އެކަމަށް ސޫސަންވެސް ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ސޫސަންގެ ވާހަކަތައް ދިވެހި ފުޓުބޯޅަ މައި އިދާރާ، އެފްއޭއެމްއިންވެސް ވަނީ ކުއްވެރިކޮށްފައެވެ.

އެކަމާ ގުޅިގެން އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމް އާއި ފީފާގެ ގަވައިދުތަކަށް ފުރިހަމަ އަށް ތަބައަވެ އަމަލު ކުރަމުންދާ ކުޅުންތެރިން ކަމަށެވެ. އަދި އެކުޅުންތެރިންނަކީ ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބައި އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައިވެސް ނަމޫނާ ކުޅުންތެރިން ކަމަށް ބުނެފައި ވެއެވެ.

"މިގޮތުން ހަނގުރާމަ ކުރުމަޢި އިންސާނީ ކަރާމާތް ހިފެހެއްޓުމާއި ނަސްލީ ތަފާތު ކުރުމާއި އިންސާނީ ވަގުފާރި ކުރުން ފަދަ ކުޅިވަރުގެ އަގުމާތްވި އުސޫލުތަކާ ހިލާފުވާ އެންމެހާ ކަންތަކުން ދުރުހެލި ބަޔެއްކަން ޔަގީންކޮށްދޭ" އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް