އަލީ ވަހީދު ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ، ލިޔެކިޔުންތައް ނުލިބޭ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިމް ޝަމީމް ވާހަކަފުޅު ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މުސާ

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ކުރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު އޭނާގެ ޕާސްޕޯޓް ދޫކޮށްލުމާ އެކު ވަނީ ރާއްޖެ ދޫކޮށް ފުރައިފަ އެވެ.

އެކަން ހޫނުވެފައި ވަނިކޮށް ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރުމިނަލް ކޯޓުން ނިންމި ނިންމުން އެ އޮފީހަށް ލިބުނީ ބުރާސްފަތި ދުވަހުގެ މެންދުރު 11:30 ހާއިރު ކަމަށެވެ. އަދި މިހާރު އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރަމުންދާއިރު، އަދިވެސް ކޯޓުގެ ލިޔެކިޔުންތައް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެވަގުތުން ފެށިގެން 48 ގަޑިއިރު ތެރޭ ހައިކޯޓަށް ހުށަހަޅަންޖެހޭ. އެމަސައްކަތް މިދަނީ ކުރަމުުން. ޖާމިނުވިގޮތާބެހޭ ލިޔެކިޔުން އަދިވެސް ނުލިބޭ!،" ޝަމީމް ވިދާޅުވި އެވެ.

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލު ކުރީ ހަތަރު މަސްދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި އޭނާ ރާއްޖެ ނައިސްފި ނަމަ ޒިންމާ ނަގާނެ ފަރާތެއްގެ ގޮތުގައި އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ވަނީ ހަމަޖައްސައިފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެވެ.

އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

އަލީ ވަހީދު މަގާމުން ވަކި ކުރީވެސް ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެންނެވެ. އޭނާ މަގާމުން ވަކިކުރީ، އިސްތިއުފާ ދެއްވުމަށް އެންގުމަށްފަހު މަގާމުން އިސްތިއުފާ ނުދިނުމުންނެވެ.

comment ކޮމެންޓް