އަޝްފާގާއި އަކުރަމަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ބުނުމުން އެފްއޭއެމުން ރައްދުދީފި

އަޝްފާގު (ކ) -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުޓްބޯޅަ ލެޖެންޑު އަލީ އަޝްފާގާއި އަކްރަމް އަބްދުލްޣަނީ އާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތައް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުށްވެރިކޮށްފި އެވެ.

އަޝްފާގާއި އަކްރަމްގެ ފޮޓޯ އެއް އާންމުކޮށް ސޯޝަލް މީޑިއާގައި އިއްޔެ މީހަކު ކުރި ޕޯސްޓެއްގައި ވަނީ އެ ދެކުޅުންތެރިންނަކީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވާ ދެ ކުޅުންތެރިން ކަމަށާއި މެޗުން ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އެ ޕޯސްޓު ކުރި މީހާ ގާތު އޭނާގެ ރައްޓެއްސަކު ބުނި ކަމަށެވެ.

ޕޯސްޓާއި ގުޅިގެން، ސޯޝަލް މީޑިއާގައި އެ ފޮޓޯ ޕޯސްޓު ކުރި މީހާ އަށް ދަނީ ފާޑު ކިޔަމުންނެވެ.

އެކަމާ ގުޅިގެން އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ އެފްއޭއެމް އާއި ފީފާގެ ގަވައިދުތަކަށް ފުރިހަމަ އަށް ތަބައަވެ އަމަލު ކުރަމުންދާ ކުޅުންތެރިން ކަމަށެވެ. އަދި އެކުޅުންތެރިންނަކީ ރާއްޖޭގެ ގާނޫނުތަކަށް ބޯލަނބައި އިސްލާމްދީނުގެ ހަމަތައް ހިފެހެއްޓުމުގައިވެސް ނަމޫނާ ކުޅުންތެރިން ކަމަށް ބުނެފައި ވެއެވެ.

"މިގޮތުން ހަނގުރާމަ ކުރުމަޢި އިންސާނީ ކަރާމާތް ހިފެހެއްޓުމާއި ނަސްލީ ތަފާތު ކުރުމާއި އިންސާނީ ވަގުފާރި ކުރުން ފަދަ ކުޅިވަރުގެ އަގުމާތްވި އުސޫލުތަކާ ހިލާފުވާ އެންމެހާ ކަންތަކުން ދުރުހެލި ބަޔެއްކަން ޔަގީންކޮށްދޭ" ކަމަށްވެސް އެފްއޭއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެފްއޭއެމް އިން ބުނީ ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ސީރިއާ އަށް ޖިހާދަށް ދާން ތައްޔާރުވެފައިވާ ބަޔެއް ކަމަށައި ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަ ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށެވެ.

ރާއްޖޭގެ އެއްވެސް ކުޅުންތެރިޔަކީ ހަނގުރާމަވެރި ނުވަަތަ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވމީ ފުޓްބޯޅައިގެ ގަވައިދުތަކާ ހިލާފުވާފަދަ އަމަލުތަކާ ޖަމްއިއްޔާ ތަކާ އެއްވެސް މިންވަރަކަށް ގުޅިފައިވާ ބަޔެއްކަން އެމްއޭއެމް އަށް ފާހަގަ ވެފައި ނުވާ ކަމަށައި މި ވާހަކަތަކާ ގުޅިގެން ފުޓްބޯޅަ އާއިލާ އަށާއި ކުޅުންތެރިންނަށް އަދި އެ ކުޅުންތެރިންގެ އާއިލާތަކަށް ގެއްލުން ކުރިމަތިވަމުންދާކަމަށް ބުނެފައިވެއވެ.

މީގެ އިތުރުން މިއީ ބައިނަލްއަގުވާމީގޮތުން، ދިވެހި ފުޓްބޯޅައަސް ގިނަ ހުރަސްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށާއި އެއީީ ގައުމުގައިވެސް ފިތުނަ އާއި ބިރުވެރިކަން އުފެދިދާނެފަދަ ވާހަކައެއް ކަމަށް ބުނެފައިވެއެވެ.

އެއީ މިހާތަނަށް ފުޓްބޯޅަ އާއި ގުޅިގެން މީގެ ކުރިން ދެކެވިފައިވާފަދަ ވާހަކައެއްވެސް ނޫން ކަމަށާއި މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނުބަލައި، އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށްވެސް އެފްއޭއެމްގެ ބަޔާނުގައި ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

އެފްއޭއެމް އިން ބުނީ ފުޓްބޯޅަ ކުޅުންތެރިންނާ ބެހޭގޮތުން ައިބައިވުން އުފެދޭފަދަ ވާހަކަ ދައްކާފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް