ދިވެހި ބަހުގެ ހާލަތާ މެދު ބައެއް ވާހަކަތަކާއި ސުވާލެއް

ފަތްތޫރަތަކެއް-- އެކެޑަމީއިން ވަނީ އެޕްލިކޭޝަނެއް ހަދަން ނިންމާފަ--

މި ހިނގާ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ މާދަރީ ބަހުގެ ދުވަހެވެ.

ބަހަވީ އިލްމުގެ ފަންނީ ބަހުރުވައިން ދަންނަވާ ނަމަ، މާދަރީ ބަހަކީ ކުއްޖަކު އެ މާހައުލެއްގައި އުފަން ވެ ބޮޑު ވެގެން އަންނަ މާހައުލުން، އޭނާގެ ފުރަތަމަ ބަހެއްގެ ގޮތުގައި ލިބިގަންނަ ބަހެވެ. ބަހަވިއްޔާތާއި ނަފްސިއްޔާތުގެ އިލްމުވެރީން ވިދާޅުވާ ގޮތުން މާދަރީ ބަހަކީ ކުއްޖެއްގެ ވިސްނުމާއި އަޚްލާގާއި ޝަޚްސިއްޔަތު ހެޔޮ ގޮތުގައި ބިނާ ކުރުމަށް ޓަކައި ބޭނުން ކުރެވޭ އެންމެ އަސާސީ އެއް ފާލަމެވެ. ކުއްޖެއްގެ ހިތާއި ސިކުނޑިޔާ ދޭއްޗަށް އެއް ގޮތެއްގައި ވާސިލު ވެވޭ ހަމައެކަނި ގޮތަކީ، އެ ކުއްޖާގެ މާދަރީ ބަހުން އެ ކުއްޖާޔާ މުއާސަލާތު ކޮށް މުއާމަލާތު ކުރުމެވެ. 1992 ވަނަ އަހަރު ރިޗަރޑް ސްޓެންޖެލަށް ދެއްވި ބަސްދީގަތުމެއްގައި ނެލްސަން މަންޑޭލާ ވިދާޅުވި ބަސްފުޅުތަކެއްގެ ތެރެއިން މަޝްހޫރު ވެފައި ވާ ހަވާލާގައި ފާހަގަ ކުރެއްވި ނުކުތާޔަކީ މިއެވެ. އެ ހަވާލާގައި އޮންނަނީ "ތިބާ މީހަކާ ވާހަކަ ދައްކާ އިރު، އޭނާ ދަންނަ ބިދޭސީ ބަހަކުން ވާހަކަ ދައްކައިފިއްޔާ ތިބާ ބުނާ އެއްޗެއް ވަންނާނީ އޭނާގެ ބޮލަށް އެކަންޏެވެ. ނަމަވެސް ތިބާ އޭނާގެ މާދަރީ ބަހުން އެ ވާހަކަ ބުނެފިއްޔާ، އޭނާގެ ބޮލަށާއި ހިތަށް އެއް ގޮތެއްގައި އެ ވާހަކަ ވަންނާނެއެވެ." މި ބަހުގެ މުރާދަކީ މީހަކުގެ މާދަރީ ބަހުން ބުނެވޭ އެއްޗަކުން ހަމައެކަނި މާނައެއް ދޭހަ ވާނީ ނޫންކަމާއި، އެއިން އެ މީހެއްގެ ހިތަށާއި ހިތުގެ ޝުއޫރުތަކަށާއި ޖަޒުބާތުތަކަށް ވެސް އެންމެ ފުން ގޮތުގައި އަސަރު ކުރާނޭ ކަމެވެ. ބިދޭސީ ބަހަކުން ބުނާ އެއްޗެއް ސިކުނޑިޔަށް ދޭހަ ވެގެން އެއިން ދެން ހިތަށް ކުރާ އަސަރަށް ވުރެ މާނަވީ، ފުން، އަދި ހަގީގީ އަސަރެއް، މާދަރީ ބަހުން ބުނާ އެއްޗަކުން ކުރާނޭކަމެވެ.

މިއީ މި ޒަމާނުގައި އިލްމުވެރީން ދެބަސް ވާ ކަމެއް ނޫނެވެ. ކުއްޖަކަށް ތައުލީމު ދިނުން ހުރިހައި ގޮތަކުން ވެސް ރަނގަޅީ އެ ކުއްޖެއްގެ މާދަރީ ބަހުންނެވެ. މި ނުކުތާގެ އަލީގައި އަޅުގަނޑުމެން ވިސްނައިލުމުން، ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ދުވަސްވަރުން ފެށިގެން މިއަދާ ހަމަޔަށް، ދިވެހިރާއްޖޭގެ މަދަރުސާތަކުގައި އިނގިރޭސި ބަހުން ކިޔަވައިދިނުމުގެ ނަތީޖާއެއްގެ ގޮތުން، އެއްވެސް މާއްދާޔަކުން ހަގީގީ މާނައިގައި އެއްޗެއް ނޭނގި، ތައުލީމީ ހަޔާތް ބަރުބާދު ވެގެން ދިޔަ އެތައް ހާސް ދިވެހި މުވާތިނުންނަށް ޓަކައި ހިތާމަ ކުރެވެއެވެ. އާދޭހެވެ! ވެރިކަމުގައި ތިބޭ ބަޔަކުގެ ކިބައިގައި ހިކުމަތްތެރިކަމާއި ހެޔޮ ވިސްނުމާއި ހަރުދަނާކަން ނެތިއްޖެއްޔާ، ގައުމަކަށް ލިބިގެން ދާ ދެރަޔާއި ނިކަމެތިކަމުގެ ފުރިހަމަ މިސާލެކެވެ.

އިއްޔެއެކޭ އެއްފަދައިން މިއަދު ވެސް ދިވެހި ކުދީންނަށް ތައުލީމު ދެވެނީ ބިދޭސީ ބަހަކުންނެވެ. ޔުނިސެފުގެ ތަޖުރިބާކާރުންނާއި ދުނިޔޭގެ ޔުނިވަރުސިޓީތަކުގެ ޕްރޮފެސަރުންނާ ހަމައިން ފެށިގެން ގޮސް ދިވެހި ބަހުގެ ހައްގުގައި ދޭތެރެދޭތެރެއިން ބަސް ބުނެ ލިޔެ ހަދާ ލިޔުންތެރީންނާ ހަމަޔަށް، އެތައް ބަޔަކު ދައްކާ ވާހަކަތަކަށް ދިވެހި ގައުމުގެ ސަރުކާރުތަކުން ދެމުން ގެންދަނީ ބީރު ކަންފަތެކެވެ. ރަބިންދުރަނާތު ޓޭގޯރުގެ އިބާރާތަކުން ދަންނަވާ ނަމަ، "ތައުލީމީ ނިޒާމުގެ ސަވާރީއަކަށް" ދިވެހި ކުދީންގެ މާދަރީ ބަސް ހެދުމަށް ގޮވައިލައި ދެކެވޭ ހުރިހައި ވާހަކަތަކެއް ކުނިވަށިގަނޑަށް އަޅައިލެވެނީއެވެ. ކީއްވެގެން ކަމެއް ވެސް ނޭނގެއެވެ. މިއީ "އިލްމުވެރީންގެ މެދުގައި އިޚްތިލާފު" އޮންނަ ބާވަތުގެ މައްސަލައެއް ވެސް ނޫނެވެ.

އިއްޔެއާ ތަފާތުކޮށް މިއަދު ވަމުންދާ ކަމަކީ ދިވެހި އާއިލާތަކުގައި، ދިވެހި ބެލެނިވެރީން އެމީހުންގެ ދަރީންނަށް ދިވެހި ބަސް އެއްގޮތަކަށް ވެސް ދަސް ކޮށްނުދީ، ކުދީންނަށް މާދަރީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ދަސް ކޮށްދެމުންދާ ކަމެވެ. މިފަދައިން ކަންތައް ކުރާ ބެލެނިވެރީންގެ އަދަދު ދަނީ ގިނަ ވަމުންނެވެ. މީގެ އަހަރުތަކެއް ކުރީން އެކަން އޮތީ ހަމައެކަނި މާލޭގަޔާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާއިލާތަކުގެ ތެރޭގައި އެކަނި ކަމަށް ވެދާނެއެވެ. ނަމަވެސް މިއަދު ރާއްޖޭގެ އެންމެ ކުދިކުދި ރަށްތަކުގައި ވެސް މި ދަންނަވާ މަންޒަރު ދަނީ އެކި ދިމަދިމާއިން ފެންނަމުންނެވެ. ގޭގައި ޓީވީ އެބަ ހުރެއެވެ. އެ ޓީވީން މީޑިޔާނެޓުގެ އަސާސީ ޕެކޭޖެއް ނެގީމާ ކުޑަކުދީންނަށް ދައްކާނެ އިނގިރޭސި އެތައް ޗެނަލެއް ލިބެއެވެ. މާލޭގެ ފިހާރަތަކާއި ރަށްރަށުގައި ހުންނަ ފިހާރަތަކުގައި ހުންނަ ކުޑަކުދީންގެ ފޮތްތަކުގެ ހަމަ ޔަގީނުން ވެސް އަށްޑިހަ އިންސައްތަޔަކީ އިނގިރޭސި އެއްޗެއްސެވެ. އެހެންކަމުން މިއަދު ކުދީންގެ މާދަރީ ބަހަކީ އިނގިރޭސި ބަސް ކަމުގައި ހެދިދާނެ މާހައުލެއް މުޅި ގައުމުގައި ވަނީ ގާއިމު ކުރެވިފައެވެ. ދެން ގިނަ ބެލެނިވެރީންނަށް ގަބޫލު ކުރެވޭ ގޮތުގައި، އިނގިރޭސި ބަހުން ކުއްޖާޔާ ވާހަކަ ދެއްކުމަކީ "މޮޅު" ކަމެކެވެ. އެއީ "ޒަމާނީ ވުން" ކަމަށް ދެކެވެއެވެ. އެއީ ފާޑެއްގެ "ޝަރަފެއް" ކަމަށް ބެލެވެއެވެ. އެއީ "ގިންތީގެ މަތިވެރި ދަރަޖައެއް" ހާސިލުވުން ކަމަށް ބެލެވެއެވެ.

ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟ އަމިއްލަ ގައުމިއްޔަތުގެ އަސާސް އެއްލައިލާން ރުހެވެނީއެވެ. އަމިއްލަ ދީބުގެ ޝަނާކަތު ނުވަތަ ހުވިއްޔަތު ނުވަތަ "އައިޑެންޓިޓީ" ގެ އެންމެ ވަރުގަދަ ބުންޔާދު ކަމަށް ވާ އަމިއްލަ ބަހަކީ އަގެއް ނެތް އެއްޗެއް ކަމުގައި ހަދައިލެވެނީއެވެ. އަޅުގަނޑުމެން ފިޔަވައި މިފަދަ ކަމަކަށް ރުހުނީ ކޮން ބަޔަކުތޯއެވެ؟ ތާރީޚު ބައްލަވާށެވެ!

ދުނިޔެ ދައުރު ވަމުންދާ ދިޔުމުގައި، އަބަދުވެސް ކޮންމެވެސް ގައުމެއް ދުނިޔޭގެ އެންމެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮވެއެވެ. އެއް އިރެއްގައި ދުނިޔޭގެ ބޮޑު ބާރަކީ ސޫމާރީ ބަހުން ވާހަކަ ދެއްކި ސޫމާރީންނެވެ. އެހެން އިރެއްގައި ބާބިލުގެ ބަހުން ވާހަކަ ދެއްކި ބާބިލީންނެވެ. މިޞްރުގެ ބަހުން ވާހަކަ ދެއްކި މިޞްރު މީހުންނެވެ. ފާރިސީ ބަހުން ވާހަކަ ދެއްކި ފާރިސީންނެވެ. ޔޫނާނީ ބަހުން ވާހަކަ ދެއްކި ޔޫނާނީންނެވެ. ލެޓިން ބަހުން ވާހަކަ ދެއްކި ރޯމަނުންނެވެ. ޢަރަބި ބަހުން ވާހަކަ ދެއްކި މުސްލިމުންނެވެ. ތުރުކީ ބަހުން ވާހަކަ ދެއްކި މުސްލިމުންނެވެ. ދެން އިސްޕޭނު ބަހުން ވާހަކަ ދެއްކި އިސްޕޭނު މީހުންނާއި، ފަރަންސޭސި ބަހުން ވާހަކަ ދެއްކި ފަރަންސޭސީންނާއި، އިނގިރޭސި ބަހުން ވާހަކަ ދެއްކި އިނގިރޭސީން ފަދަ ގައުމުތަކެވެ. މިއިން ކޮންމެ ގައުމަކަށް ވެސް ބާރުވެރިކަން ލިބުނީ ވަރަށް ނިކަމެތި ބަޔެއްގެ ގޮތުގައި ތިބުމަށް ފަހުއެވެ. ދެތިން މިސާލެއް ދަންނަވާ ނަމަ، ވަރުގަދަ ރޯމަނުންގެ ދައުލަތަކީ ޓައިބަރ ކޯރުގެ އައްސޭރީގައި އޮތް ކުޑަކުޑަ އަވަށެއް ތަރައްގީ ވަމުން ގޮސް އުފެދުނު ރަސްކަމެކެވެ. ދުނިޔެ ދުށް ހުރިހައި ގޮތަކުން އެންމެ މަތިވެރި ހަޒާރަތް ކަމަށް ވާ އިސްލާމީ ހަޒާރަތަކީ މަދީނާގައި ގާއިމު ކުރެވުނު ކުޑަކުޑަ އިސްލާމީ މުޖުތަމައު ތަރައްގީ ވެގެން ގޮސް އުފެދުނު ހަޒާރަތެކެވެ. މިއަދު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަދި އެންމެ އާއްމު ބަސް ކަމަށް ވާ އިނގިރޭސި ބަހަކީ އިނގިރޭސި ވިލާތުގައި މެދު ޒަމާނުގައި އޮތް މުޖުތަމައެއްގައި މަދު ބަޔަކު ވާހަކަ ދެއްކި ބަހެއްގެ ބަހުރުވައެކެވެ.

މި ބަސްތައް ތަރައްގީ ވެގެން އައީ ކީއްވެގެންތޯއެވެ؟ ޖަވާބު ވަރަށް ސާފެވެ. މިއިން ކޮންމެ ބަޔަކުގެ ވެސް ބަހާއި ސަގާފަތަށް ދުނިޔޭގައި ނުފޫޒާއި ބާރު ލިބުނީ، ގައުމީ ތަރައްގީގައި އެ ބަޔަކު ކުރިޔަށް ދިޔަދިޔުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ގައުމީ ތަރައްގީގައި އެ ބަޔަކު ކުރިޔަށް ދިޔައީ ކީއްވެގެންތޯއެވެ؟ މި ސުވާލުގެ ޖަވާބު ވެސް ވަރަށް ސާފެވެ. އޭގެ އެންމެ އަސާސީ ސަބަބަކީ އެ ބަޔަކު އެހެން ގައުމުތައް ކޮޕީ ކުރުމަށް ދެކޮޅު ހެދުމެވެ. "އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފުސު ކަމަކު ނުދޭ، އަހަރެންނަށް ކަމުދަނީ އެހެރަ ދާ މީހާ، އޭނާ މާ ރީތި، އޭނާ މާ މުއްސަނދި، އޭނާ މާ ބާރުގަދަ، އޭނާ މާ މަޝްހޫރު، އަހަރެން ވާނީ އޭނާޔަށް، އަހަރެން އަޅާނީ އޭނާ އަޅާ ޒާތުގެ ހެދުން، އަހަރެން ކާނީ އޭނާ ކާ ބާވަތުގެ ކާނާ، އަހަރެން ވާހަކަ ވެސް ދައްކާނީ އޭނާގެ ބަހުން" މި އަޅުވެތި ވިސްނުން ގެންގުޅޭ ދެކޮޅު ހެދުމެވެ. އަމިއްލަ ގައުމިއްޔަތާއި އަމިއްލަ ޝަނާކަތާއި އަމިއްލަ ޝަޚްސިއްޔަތާ އެކު ކުރި އަރައި ތަރައްގީ ވެގެން ދާން ކުރި މަސައްކަތެވެ.

މިސާލަކަށް، މެދު ޒަމާނުގައި ޔޫރަޕު އޮތީ ޖަހާލަތުގެ އެންމެ އަނދިރި ހާލަތުގައެވެ. އެއްވެސް ހަޒާރަތްތެރިކަމެއް ނެތް ބަޔެކޭ ބުނެވޭ ފަދަ ހާލަތެއްގައެވެ. މުޅި ޔޫރަޕުގައި ލިޔާންކިޔާން ދަންނަ ތިބީ މަދު އަދަދެއްގެ ފާދިރީންކޮޅެކެވެ. ނަމަވެސް ދެން އައީ އިސްލާމީ ހަޒާރަތުގެ ތެރެއިން އެމީހުންނަށް ތަހުޒީބާއި ހަޒާރަތްތެރިކަމާއި ތަމަންދުންގެ މަގުތައް ފެންނާން ފެށި ދުވަސްވަރެވެ. އެއިރު ޔޫރަޕުގައި ވެސް ބައެއް މީހުން އިސްލާމުން އަޅާ ގޮތަށް ހެދުން އަޅައި، އިސްލާމުން ކައިބޮއި އުޅޭ ގޮތަށް ކައިބޮއި ހަދައި، އިސްލާމުންގެ "ލިންގުއާ ފްރާންކާ" ކަމަށް ވާ ޢަރަބި ބަސް ދަސް ކޮށްހެދިއެވެ. އެތައް ބަޔަކު، ތަހުޒީބު ވުމަކީ އިސްލާމުން އުޅޭ ގޮތަށް އުޅުން ކަމަށް ދެކެގެން ޔޫރަޕުގައި ވެސް އެގޮތަށް އުޅުނެވެ. ނަމަވެސް ޔޫރަޕުގެ ވަރުގަދަ ގައުމުތަކުގެ ފިކުރީ ލީޑަރުން ދާދި އަވަހަށް އެކަމާ ދެކޮޅަށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅިއެވެ. ނަތީޖާޔަކީ ފަރަންސޭސީން ކަމަށް ވިޔަސް، ޖަރުމަނުން ކަމަށް ވިޔަސް، އަދި އިނގިރޭސީން ކަމަށް ވިޔަސް، ތަރައްގީ ވެގެން އައުމުގައި އެ ބަޔަކުގެ އަމިއްލަ ބަހާއި ސަގާފަތް ގެއްލިގެން ނުދާނޭ ގޮތުގެ މަތީން ތަރައްގީ ވުމުގެ މަގު ހޯދުމެވެ. ވިސްނަވާށެވެ! އެހެން ނުހަދައި، އެ ގައުމުތަކުގެ މީހުން އެއިރުގެ ދުނިޔޭގައި އެންމެ ބާރުގަދަ މީހުން ކަމަށް ވާ މުސްލިމުންގެ ބަހާއި ސަގާފަތާއި ކޮޕީ ކުރި ނަމަ، މިއަދު ދުނިޔޭގައި ފަޚުރުވެރި ގައުމުތަކެއްގެ ގޮތުގައި އެ ގައުމުތައް ތިބީސްތޯއެވެ؟

ވީމާ، ދެން ވެސް ތަކުރާރު ކޮށް ދަންނަވާން ޖެހެއެވެ. މިއޮތް ބޮޑު ދުނިޔޭގައި ވެސް، އަޅުގަނޑުމެން ދިވެހީން މި ވެގެން ދަނީ އަމިއްލަ އަތުން އަމިއްލަ ގައުމިއްޔަތު މަރާ ވަރަށް ވެސް މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. އަމިއްލަ ނަފުސަށް އިހުތިރާމު ކުރާ، އަމިއްލަ ގައުމީ ޝަޚްސިއްޔަތުގެ އިއްޒަތާއި ޝަރަފާއި ފަޚުރަކީ އެއްވެސް އެއްޗެއް ނޫން ކަމަށް ދެކޭ މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ. މި ދަންނަވާ ގައުމުތަކުގެ ތެރޭގައި މުޅީން ވެސް ހުރީ ފިކުރީ ގޮތުން އަޅުވެތި ވެފައި ވާ ގައުމުތަކެވެ.

މި ކަންކަން މިހެން ހުރި އިރު، އަދި މި ކަމާ ބެހޭގޮތުން އެތައް ވާހަކައެއް ދެކެވޭން، އެތައް ސުވާލެއް ކުރިމަތި ކުރެވޭން އޮތް އިރު، މި ދަނޑިވަޅުގައި އަޅުގަނޑު ކޮށްލާން ބޭނުން ވާ އެއް ސުވާލު އެބައޮތެވެ. އެ ސުވާލަކީ، ދިވެހި އެތައް ދަރީންނަކަށް އެ ކުދީންގެ މައިންބަފައިން، ދިވެހި ތައުލީމީ ނިޒާމާއި އެ ނިޒާމު ހިންގާ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އެހީތެރިކަމާ އެކު، ދިވެހި ބަސް ދަސް ކޮށްނުދީ ހަމައެކަނި އިނގިރޭސި ބަސް ދަސް ކޮށްދެމުން ދާ އިރު، އެ ކުދީން ބޮޑެތި ވެގެން ދިވެހި މުޖުތަމައުގައި ޝާމިލު ވާނޭ ގޮތަކީ ކޮބައިހެއްޔޭ، މިއެވެ.

މި ސުވާލު ކުރާން ޖެހެނީ މި އަހަރުގެ ދުނިޔޭގެ މާދަރީ ބަހާ ގުޅިގެން އަލިފުދާލުގެ ޔުނެސްކޯއިން ކަނޑައަޅައިފައި ވާ ޝިއާރާ ވެސް ގުޅުވައިލައިގެންނެވެ. އެ ޝިއާރުގައި އޮންނަނީ، މުޖުތަމައުގައްޔާއި ތައުލީމުގައި ހުރިހައި ކުދީން އަދި ހުރިހައި އެންމެން ވެސް ޝާމިލު ކުރުމަށް ޓަކައި ގިނަބައްސަކަން ކުރި އެރުވުމުގެ ވާހަކައެވެ. ވީމާ، މި ދަނޑިވަޅުގައި ވިސްނައިލަމާ ހިންގަވާށެވެ! އަޅުގަނޑުމެންގެ އެތައް ދަރީންނެއް ބޮޑެތި ވަމުން އެދަނީ ދިވެހި ބަސް ނޭނގިއެވެ.

މި ކުރެވެނީ ކީއްތޯއެވެ؟

މި ކުރެވޭ ކަމަކީ އެ ކުދީން ދިވެހި މުޖުތަމައާ މުޅީން ވަކި ކޮށްލުން ނޫން ދެން ކޮން ކަމެއްތޯއެވެ؟ ދިވެހި ބަސް ނޭނގި، މާދަމާ އެކުދީން ދިވެހި މުޖުތަމައާ ކުރިމަތި ލައި އެ މުޖުތަމައާ ވާހަކަ ދައްކާނީ ކިހިނެއްތޯއެވެ؟ ދިވެހި މުޖުތަމައުގައި ލިޔުންތެރިޔެއް، މުގައްރިރެއްގެ ގޮތުގައި މަސައްކަތެއް ކުރާނީ ކިހިނެއްތޯއެވެ؟ ދިވެހި ދައުލަތުގެ އޮފީހެއްގައި އެ ކުދީން މަސައްކަތް ކުރާނީ ކިހިނެއްތޯއެވެ؟ ދިވެހި ކުންފުންޏެއްގައި މަސައްކަތް ކުރާނީ ކިހިނެއްތޯއެވެ؟ ދިވެހިރާއްޖޭގެ ސިޔާސީ ދާއިރާ އާއި އިޖުތިމާއީ އެކިއެކި ޚިދުމަތްތަކުގެ ދާއިރާގައި މަސައްކަތް ކުރާނީ ކިހިނެއްތޯއެވެ؟ އެއިން ކުއްޖަކު ޑޮކްޓަރަކަށް ވެގެން ދިވެހި ބަލި މީހުންނާ ވާހަކަ ދައްކާނީ ކިހިނެއްތޯއެވެ؟ ގާނޫނީ ވަކީލަކަށް ވެގެން އައިސް ދިވެހި ޝަރުއީ ކޯޓުތަކުގައި ވަކާލާތު ކުރާނީ ކިހިނެއްތޯއެވެ؟

ނުވަތަ މި ދަންނަވާ ކުދީންގެ މައިންބަފައިން ވިސްނަނީ އެމީހުންގެ ދަރީން ބޮޑެތި ވެގެން ރާއްޖެއިން ބޭރު ވެގަނެގެން ގޮސް އޮސްޓްރޭލިޔާގައި ނުވަތަ ނިއު ޒިލޭންޑުގައި ނުވަތަ އިނގިރޭސި ވިލާތުގައި ނުވަތަ އެނޫންވެސް ބިދޭސީ ގައުމެއްގައި އުޅޭނީ ކަމަށް ބާވައެވެ! މިހެން ކަންތައް ވަނީވިއްޔާ، ދިވެހި ގައުމުގެ މުސްތަގުބަލަކީ ކޮބައިބާވައެވެ!

ގުޅޭ ޓެގު
comment ކޮމެންޓް