އަލީ ފުރި ހަބަރާއެކު މައުމޫނަށް ވެސް މަޑުން ނުހުންނެވުނު

ކުރީގެ ރައީީސް މައުމޫން -- ސަން ފަޔާޒު މޫސާ

އަންހެނުންނަށް ކުރާ ޖިންސީގޯނާގެ މައްސަލައިގައި ކަންބޮޑުވާން ޖެހެނީ ހަމައެކަނި އަންހެނުން ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާގެ ތުހުމަތުވާ އަދި އެ ފަދަ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމާއެކު އޭނާ ރާއްޖެ ދޫކޮށް އިނގިރޭސިވިލާތަށް ފުރައިގެން ދިޔުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ޖިންސީ ގޯނާގެ މައްސަލައާއި ގުޅޭގޮތުން ސަރުކާރު ކޯލިޝަނުގެ ބައިވެރިޔާ ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޖިންސީ ގޯނާ ފަދަ ނުބައި އަމަލުތަކާމެދު އިސްލާމްދީނުގެ މާތް އުސޫލުތަކަށާއި އިންސާނީ ހައްގުތަކަށާއި އިންސާފަށް ލޯބިކުރާ އެންމެހާފަރާތްތައް ކަންބޮޑުވާންޖެހޭ ކަމަށެވެ.

އަލީ ވަހީދުގެ މައްސަލާގައި ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ މައްސަލަތަކުގައި އެންމެންގެ މެދުގައި ގާނޫނު ހިންގަން ޖެހޭނީ ހަމަހަމަކޮށް ކަމަށެވެ.

އަޅާނުލާ ދޫކޮށްލެވޭ ކޮންމެ ކަމަކީ އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމަށާއި މިއީ ސިސްޓަމް އާއި މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕް ކުރަން އުޅުމުގެ ދައުވާއާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އުފުލާފައިވެ އެވެ. އަލީ ވަހީދު ވަނީ އެ ހުރިހާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު އޭނާގެ ޕާސްޕޯޓު ދޫކޮށްފައިވަނީ ހަތަރު މަސް ތެރޭ ތެރޭ އެނބުރި އަންނަ ގޮތަށެވެ.

ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު އަނބުރާ ނައިސްފިނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ އަޑުބަރޭގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް