މިދިޔަ މަހު ޑޮލަރުގެ އާމްދަނީ 17 ޕަސެންޓް އިތުރުވެއްޖެ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ޖެނުއަރީ މަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނު އާމްދަނީ 17.57 ޕަސެންޓް އިތުރުވެއްޖެ އެވެ.

މީރާ އިން އާންމުކޮށްފައިވާ ޖެނުއަރީ މަހުގެ އާމްދަނީގެެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ވަނީ 46.01 މިލިއަން ޑޮލަރު ލިބިފަ އެވެ. ނަމަވެސް ޑިސެމްބަރު މަހު ލިބިފައި ވަނީ 39.13 މިލިއަން ޑޮލަރެވެ.

ހިސާބުތައް ދައްކާ ގޮތުން ޑޮލަރު އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ޑޮލަރުން ލިބުނީ ގްރީން ޓެކުހުގެ ގޮތުގަ އެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުން ލިބުނު އާމްދަނީ އާއި ބީޕީޓީގެ އާމްދަނީ އަދި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައިވެސް ޑޮލަރުން އާމްދަނީ ލިބިފައިވެ އެވެ.

މީރާ އިން ބުނީ ޖެނުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ ލިބުނު އާމްދަނީ 76.8 ޕަސެންޓް އިތުރު ކަމަށެވެ.

ލަފާކުރި އަދަދަށްވުރެ ޓެކްސް އާމްދަނީ އިތުރުވީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގިނައިން ޓޫރިސްޓުން އައިސްފައިވުމާއި، ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެފައިވާތީ، އެއާޕޯޓު ޓެކްސް އާއި ފީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށް މީރާ އިން ބުންޏެވެ.

https://sun.mv/148972

ރާއްޖޭގައި ހުރި ހައި އެންޑް ރިސޯޓުތަކުން ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި ދެއްކި އަދަދު އިތުރުވުމަކީވެސް އެ މުއްދަތުގައި ލިބުނު އާންދަނީ އިތުރުވި ސަބަބެއް ކަމަށް ބުނެފައިވެއެވެ.

މިދިޔަ މަހު ޖުމްލައާމްދަނީގެ ގޮތުގައި މީރާ އަށް ލިބިފައިވަނީ 1.79 ބިލިއަން ރުފިޔާ އެވެ.

ޑޮލަރު އާމްދަނީ ރަނގަޅުވެފައިވާއިރު، ވިޔަފާރިވެރިންނަށް ރާއްޖެއިން މުދާ ގެނައުމަށް ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބޭރީ އާއި ޑޮލަރު ލިބޭ އަގު ބޮޑުވުމުން އިމްޕޯޓު މުދަލުގެ އަގު ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި އުފުލިފަ އެވެ.

comment ކޮމެންޓް