ސީލިންގެއް ވެއްޓި ހާލު ސީރިއަސްވި ފިރުޝާންގެ ފައެއް ބުރިކޮށްލައިފި

ގދ. ގައްދޫ، މުހައްމަދު ފިރުޝާން، 17އ.: ސީލިންގެއް ގައިމައްޗަށް ވެއްޓި އޭނާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވޭ --

ގދ. ގައްދޫ ކައިރީގައި އޮންނަ، ލޮނަދޫހުއްޓާއަށް ދަތުރުގޮސް އުޅެނިކޮށް ބޮލަށް ސީލިންގެއް ވެއްޓި އަނިޔާވި މުހައްމަދު ފިރުޝާންގެ ކަނާތު ފައި ބުރިކޮށްލަން ޖެހިއްޖެ އެވެ.

ލޮނަދޫހުއްޓާ އަކީ 2005ގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ދޫކުރި ރަށެކެވެ. ނަމަވެސް، މިހާރު އެތަނުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

ލޮނަދޫ ހުއްޓާއަށް ދަތުރުގޮސް އުޅެނިކޮށް، މިދިޔަ ހޮނިހިރު ދުވަހު ހެނދުނު 8:30 އެހާކަންހާއިރު އެ ރަށުގެ ބާ ވޯޓާ ވިލާއެއްގެ ސީލިންގެއް ބޮލަށް ވެއްޓިގެން ފިރުޝާންއަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.

އޭނާގެ ކަނާތު އަތާއި ފައި ހުރީ އެއް ތަނަށް ވުރެ ގިނަ ތަނުން ބިނދިފަ އެވެ. އަދި އޭނާގެ ބޮލަށްވެސް އަނިޔާތަކެއްވެފައިވެ އެވެ.

ރިޒޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ލޮނުދޫހުއްޓާ: އެ ރަށުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ވެއްޖެ --

އޭނާ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔުމަށްފަހު ގެންދިޔައީ ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. އެތަނުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭނާ ގެނައީ މާލެ އަށެވެ.

ފިރުޝާންގެ އާއިލާގެ މީހަކު މިރޭ "ސަން"އަށް ބުނީ، މިހާރު އޭނާގެ އޮޕަރޭޝަންތަކެއް ކުރަމުންދާއިރު، އޭނާގެ ކަނާތު ފައިގެ ބައެއް ބުރުކޮށްލާފައިވާ ކަމަށެވެ. ބުރިކޮށްލީ، ކަކުލު ހުޅުން ކުޑަ ތަންކޮޅެއް މަތިން ކަމަށް އޭނާ ކިޔައިދިނެވެ.

ލޮނަދޫހުއްޓާގައި ސީލިންގް ވެއްޓުނު ހާދިސާ ހިނގި އިރު އެތަނުގައި ހުރި ފިރުޝާންގެ ރައްޓެއްސަކު މީގެ ކުރިން "ސަން"އަށް ކިޔައިދިން ގޮތުގައި، އެ ހާދިސާ ހިނގީ، އެ ވޯޓާ ވިލާގައި ޖަހާފައި ހުރި ލަކުޑި ތަނބެއްގައި ފިރުޝާން ތެޅުމުން އެ ތަނބު ބިންދައިގެން ގޮހެވެ.

އޭނާގެ ގައިމައްޗަށް ވެއްޓުނީ ދަގަނޑު ފްރޭމަކުން ހަދާފައިވާ ސީލިންގެއް ކަމަށާއި އެ ސީލިންގް ވަރަށް ބަރު ކަމަށް އޭނާގެ ރައްޓެހިން ބުނެފައިވެ އެވެ.

ލޮނަދޫހުއްޓާ ހާދިސާ: ބަރު ސީލިންގުގެ ދަށުވެ ފިރުޝާންވީ "ކުދިކުދި"

comment ކޮމެންޓް