އަލީގެ ސީރިއަސް ސިއްހީ ހާލަތެއް ހުރިކަމުގެ ލިޔުމެއް ނުލިބޭ: ޕީޖީ

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ޖިންސީގޯނާގެ ތުހުމަތު ކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ރާއްޖެއިން ބޭރުން ފަރުވާ ބޭނުންވާފަދަ ސީރިއަސް ސިއްހީ މައްސަލައެއް ދިމާވެފައިވޭތޯ ބެލުމަށް އައިޖީއެމްއެޗް އިން ހެދި ޓެސްޓުތަކުގެ ލިޔުންތައް މިހާތަނަށް ލިބިފައި ނުވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޓޫރިޒަމްގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރީ މިދިޔަ ޖުލައި މަހު އެވެ.

ނަމަވެސް މި މަހުގެ ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ. އަދި އަމުރު ބާތިލުކުރުމުން އަލީ ވަހީދު ވަނީ އިނގެރޭސިވިލާތަށް ވަޑައިގެންފަ އެވެ. އޭނާ ފުރައިގެން ގޮސްފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ޕީޖީ އަށް އަދި ކޯޓަށް ވަނީ އަމާޒު ވެފަ އެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޭސްފަރުވާއަށް ދިޔުމަށް ޕާސްޕޯޓު ދޫކޮށްލަ ދިނުމަށް އަލީ ވަހީދު އެދުނު ކަމަށާއި އަދި 24 ޖެނުއަރީ ވަނަ ދުވަހު ވެސް އަލީ ވަހީދު އަމިއްލައަށް އެދިގެން ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު މުރާޖައާ ކުރުމުގެ އަޑުއެހުމެއް ބޭއްވި ކަމަށެވެ.

މައްސަލައިގައި ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ޕީޖީ އޮފީހާ ހިއްސާ ކޮށްދިނުމަށް އެދުނު ނަމަވެސް، އެ ދުވަހުގެ އަޑުއެހުމާ ހަމައަށް ވެސް އެލިޔުންތައް ޝަރީއަތުގެ ފަރާތުން ޕީޖީ އޮފީހާ ހިއްސާކޮށްފައި ނުވާކަމަށް އެ އޮފީހުން ބުންޏެވެ.

"އެކަމާ ގުޅިގެން ދައުލަތުން ކޯޓުގައި ދަންނަވާފައިވާނީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައިފިނަމަ، ފިލައިގެން ދިޔުމާއި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ފުރުސަތު އިންތިހާއަށް އޮތުމުން، ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިޢުތިރާޒް ކުރާކަމަށެވެ. އަދި، މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް މި މައްސަލާގައި ފުރިހަމަވާކަމަށެވެ." ޕީޖީ އޮފީހުން ބުންޏެވެ.

ބޭސް ފަރުވާއަށް ދިޔުމަށް އަލީ ވަހީދުގެ ފަރާތުން ހުށަހަޅާފައި ވީނަމަވެސް، ކޮންމެ ސިއްހީ މައްސަލައަކީ ބޭސްފަރުވާއަށް ދިޔުމަށް ޕާސްޕޯޓު ދޫކުރަންޖެހޭ ސަބަބެއް ނޫންކަމަށް ބުނެފައިވާނެ ކަމަށް ވެސް ޕީޖީގެ ބަޔާނުގައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ ފިލާފާނެކަމުގެ އިހުތިމާލު އޮތް މީހެއްގެ ޕާސްޕޯޓު ދޫކުރަންވާނީ، އެކަށީގެންވާ ގޮތުގައި ރާއްޖެއިން ފަރުވާ ނުކުރެވޭނެ ސީރީއަސް ސިއްހީ މައްސަލައެއް ހުރެގެން، އާޖެންޓް މެޑިކަލް އެޓެންޝަން ބޭނުންވާ ފަދަ ހާލަތެއްގައި އެކަނި ކަމަށްވެސް، ކޯޓުގައި ބުނެފައިވާނެ ކަމަށެވެ.

ހަމައެއާއެކު އަލީ ވަހީދު ހުށަހަޅާ މެޑިކަލް ލިޔުންތައް ނުބަލައި، އެފަދަ ހާލަތެއް އޮތްކަމުގައި ބުނަން ދަތިކަމަށް ޕީޖީ އޮފީހުން ފާހަގަކުރުމުން، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ލަފާދީ ޓްރީޓޮޕް ހޮސްޕިޓަލްއިން ޑރ. މުޒުނީ ދޫކޮށްފައިވާ ލިޔުމެއް އެވަގުތު ޝަރީއަތުން ދައްކަވާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"އެހެންނަމަވެސް، އެލިޔުމަކީ ކޮންގޮތަކަށް ހޯދާފައިވާ ލިޔުމެއްކަމާއި، ސައްހަ ލިޔުމެއްކަން ކަށަވަރުކުރުމަކާ ނުލައި، އަދި އެލިޔުމުގައި ގިނަ އަދަދެއްގެ މެޑިކަލް ޓާމްސް ބޭނުންކޮށްފައިވާތީ، ޚަބީރެއްގެ [އެކްސްޕާޓެއް]ގެ ރައުޔެއް ހޯދުމަކާ ނުލައި، އެލިޔުމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތިކަން ދައުލަތުން ޝަރީއަތުގައި ފާހަގަކޮށްފައިވާނެ އެވެ." ބަޔާނުގައިވެ އެވެ.

މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ބަލި ހާލަތެއް ހުރިކަން އެކަށީގެންވާ ހެކީގެ މައްޗަށް ބަޔާންކޮށްދެވޭނަމަ ބޭސް ފަރުވާއަށް ދިނުމަށް ދައުލަތުން އިއުތިރާޒު ނުކުރާނެ ކަމަށާއި، ނަމަވެސް، އަލީ ވަހީދުގެ ކިބައިގައި އެފަދަ ސިއްހީ މައްސަލައެއް ހުރިކަމަށް އެ ލިޔުމުގެ މައްޗަށް ނިންމެން ނެތްކަމަށް ޕީޖީ އޮފީހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ނަމަވެސް އެދުވަހުގެ އަޑުއެހުމުގައި ކޯޓުގެ އަމިއްލަ އިސްނެގުމަށް ކޯޓުން ނިންމަވާފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުން އައިޖީއެމްއެޗްއިން އަލުން ޗެކްއަޕްއެއް ހެދުމަށެވެ. އަދި އެގޮތަށް ނިންމައި އަލުން ޗެކަޕެއް ހެދުމަށް ކޯޓުން އަމުރުކުރި އެވެ.

"މިއީ، މިބާވަތުގެ މައްސަލައެއްގައި، މިހާލަތުގައި އާންމުކޮށް ކޯޓުން ކުރައްވާ ކަމެއް ނޫނެވެ." ޕީޖީން ބުންޏެވެ.

އެދުވަހުގެ އަޑުއެހުމުގައި އެގޮތަށް ނިންމަވާފައިވާތީ، އެކަން ހިނގަމުންދިޔަ ގޮތް ކޯޓު އޮފިސަރުން މެދުވެރިކޮށް ބަލަމުން ދިޔަ ކަމަށާއި އައިޖީއެމްއެޗްގެ ލިޔުންތައް ލިބިފައިވާކަމަށް ކޯޓު އޮފިސަރުން މައުލޫމާތު ދިނުމުން އެލިޔުންތައް ހިއްސާކޮށްދިނުމަށް އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"އެހެންނަމަވެސް، މިހާތަނަށްވެސް އެލިޔުންތައް ދައުލަތަށް ފެނިފައެއް ނުވެ އެވެ،" ޕީޖީން ބުންޏެވެ.

އެންމެ ފަހުން ކޯޓުން ނިންމީ އައިޖީއެމްއެޗްގެ ލިޔުންތަކާ ގުޅިގެން މެޑިކަލް ޑޮކްޓަރެއް ހާޒިރުކުރުމަށް މި މަހުގެ ނުވަ ވަނަ ދުވަހު އަޑުއެހުމެއް ބާއްވާށެވެ.

އެ ދުވަހުގެ އަޑުއެހުމަށް ކޯޓުން އެސްޕާޓެއްގެ ގޮތުގައި ހާޒިރުކުރީ ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޝާން ޔޫސުފް އެވެ. އަޑުއެހުމުގައި ޑރ. ޝާން ވިދާޅުވީ، މެޑިކަލް ލިޔުންތަކުގައި މައިބަދައިގެ ޑިސްކް މައްސަލައަކާ ގުޅިގެން ސާޖަރީއެއް ހެދުމަށް އަލީ ވަހީދަށް ޑޮކްޓަރު ލަފާދީފައިވާކަމަށެވެ.

އަލީ ވަހީދުގެ ހުރި ކޮމްޕްލިކޭޝަންތަކުގެ ސަބަބުން ރާއްޖެއިން އެ ސާޖަރީ ހެދެން އޮތް ނަމަވެސް، އެކަށީގެންވާ އިކުއިޕްމަންޓް ވެސް ނެތުމާއެކު ރާއްޖޭގައި ސާޖަރީ ހަދަން ރެކޮމެންޑް ނުކުރާ ކަމަށާއި، ރާއްޖޭގައި ސާޖަރީ ހަދައިގެން ފޭޓަލް ވެސް ވެފައިވާ ކަމަށާއި، ވަރަށް ފަހުން މީހެއްގެ ފުރާނައަށް ގެއްލުންވެފައިވާ ކަމަށް ވެސް ޑޮކްޓަރު ވަނީ ވިދާޅުވެފަ އެވެ.

ޑޮކްޓަރުގެ ބަޔާނާ ބެހޭ ގޮތުން ދައުލަތުން ދެކެނީ ކޮން ގޮތަކަށްތޯ ޝަރީއަތުން ސުވާލުކުރުމުން، މީހެއްގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށާއި ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށްދިއުމަށް ހުއްދަދިނުމަށް އިއުތިރާޒް ނުކުރާކަމަށް ބުނެފައިވާނެ ކަމަށް ޕީޖީއިން ބުންޏެވެ. ނަމަވެސް އެކަން ކުރުމަށް ދައުލަތުން އެދެނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ޕާސްޕޯޓު ހިފަހައްޓާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓައި، މީހަކު ޖާމިނުކުރުވުމާއެކު ވަކި މުއްދަތަކަށް ބޭސްފަރުވާކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަކުރާ ޓްރެވަލް ޑޮކިއުމަންޓެއް ދޫކުރުމަށް ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.

ދައުލަތުގެ ވާހަކައާ ގުޅިގެން އަލީ ވަހީދުގެ ފަރާތުން ބުނެފައިވަނީ އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއް ނޫން ކަމަށާއި، މީގެ ކުރިން
ޝަރީއަތަށް ފިލާފައި ނުވާނެކަމަށެވެ.

"ޖިންސީ ކުށުގެ ދައުވާ އުފުލިފައިވާ މީހެއްކަން އެނގޭގޮތަށް ޓްރެވެލް ޑޮކިއުމަންޓެއް އޮތުމަކީ އޭނާގެ އަބުރަށް ހުތުރުކަމެއްކަމަށާއި، ޓެރެވެލް ޑޮކިއުމަންޓެއްގެ އެހީގައި އެކަށީގެންވާ ގޮތުގައި ފަރުވާ ހޯދުމަށް ދަތުރު ކުރުމަށް ހުރަސް އެޅޭނެކަމަށް" އަލީ ވަހީދުގެ ފަރާތުން އަޑުއެހުމުގައި ބުނިކަމަށް ބަޔާނުގައިވެ އެވެ.

އަލީ ވަހީދު ދެއްކި ވާހަކަތަކުގެ ޖަވާބުގައި ދައުލަތުން ބުނީ އޭނާގެ ބޭސްފަރުވާއަށް ބޭނުންވަނީ ޕާސްޕޯޓު ނޫން ކަމަށެވެ.

ޖިނާއީ ދައުވާއެއް އުފުލިފައިވާ މީހެއްގެ ހައްގުތައް ރާއްޖޭގެ ގާނޫނުއަސާސީއިން ވެސް ގައިދުކުރެވިފައިވާ ކަމަށާއި، އަދުލް އިންސާފު ގާއިމުވުމުގެ ހައްގަކީ ހަމައެކަނި ދައުވާލިބޭ މީހާގެ ހައްގެއް ނޫންކަމަށެވެ. އެއީ ދައުވާލިބޭ މީހާގެ އިތުރުން މައްސަލައިގައި އަނިޔާލިބުނު މީހުންނާއި، މުޅި މުޖުތަމައުގެ ހައްގެއް ކަމަށާއި، އެހެންކަމުން ކޯޓުން ނިންމާ ނިންމުންތައް ބިނާވާންޖެހޭނީ ހަމައެކަނި ދައުވާލިބޭ މީހާގެ މަސްލަހަތަށް ބުރަވާ ގޮތަކަށް ނޫންކަމަށް ވެސް ޕީޖީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އަލީ ވަހީދަކީ މީގެ ކުރިންވެސް ތަހުގީގަށާއި ޝަރީއަތަށް ހުރަސްއެޅޭނެހެން ފުރައިގެން ދިޔުމަށް ފަހު އެނބުރި ނައިސް ހުރި މީހެއްކަމާއި، ޕާސްޕޯޓު ދޫކޮށްފިނަމަ ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް މަޑުކޮށް ހެކި ނައްތާލާއި، މައްސަލައިގެ ޝަރީއަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްހާ ހިނދަކު އެނބުރި ނައުމުގެ ފުރުސަތު އިންތިހާއަށް އޮތްކަމަށް ވެސް ޕީޖީން ބުނެފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

މީހަކު ޖާމިނުކޮށް ވަކި މުއްދަތަކަށް ޕާސްޕޯޓު ދޫކުރުމަށް ދައުލަތުން އިއުތިރާޒް ކުރީ އަލީ ވަހީދު ރާއްޖެއިން ފުރާ ހިސާބުން ފެށިގެން އެ އަމުރު އަލީ ވަހީދުގެ މައްޗަށް ތަންފީޒު ނުކުރެވޭނެތީ އާއި މީހަކު ޖާމިނުކުރިކަމުގައި ވިޔަސް، އަލީ ވަހީދުގެ ޖާމިނު ޒިންމާކުރެވޭނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތުމުން ކަމަށް ބުނެފައިވެ އެވެ.

"އެހެންކަމުން، ޖާމިނުކޮށް ޕާސްޕޯޓު ދޫކުރުމަށް އިއުތިރާޒްކުރާކަމަށް ދަންނަވާފައިވާނެއެވެ. އަދި، ޖާމިނުކޮށް ވަކި މުއްދަތަކަށް ގައިދުކޮށްފައިވާ ޓްރެވެލް ޑޮކިއުމަންޓެއް ދޫކުރުމަށް ދެންނެވީމެވެ." ޕީޖީގެ ބަޔާނުގައިވެ އެވެ.

ނަމަވެސް، އަލީ ވަހީދަކީ އެހެން ރެކޯޑެއް އޮތް މީހަކަށް ނުވާތީ އާއި، ޑޮކްޓަރު ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލައި މީހަކު ޖާމިނުކޮށް، ހަތަރު މަހަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރުމަށް ޝަރީއަތުން ވަނީ ނިންމައިފަ އެވެ.

އަލީ ވަހީދުގެ ފަރާތުން ޖާމިނުކޮށްފައި ވަނީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ސްޓޭޓް މިނިސްޓަރު، އަސްއަދު އަލީ (އަޑުބަރޭ) އެވެ.

ޕީޖީން ބުނީ އެދުވަހު ޕާސްޕޯޓު ދޫކުރުމަށް ނިންމި ލިޔުމާއި، ޖާމިނުކުރުވި ލިޔުން ހޯދުމަށް ކުރި މަސައްކަތުން އަދި މިހާތަނަށް ކޯޓުން ދައުލަތާ އެ ލިޔުންތައް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

މައްސަލައިގައި، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްފައިވަނީ ދައުލަތުން އެދިގެން ކަމަށް ބުނެ ފަތުރާ ވާހަކަ ޕީޖީ އޮފީހުން ވަނީ ދޮގުކޮށްފަ އެވެ. އެފަދަ ވާހަކަތަކެއް ދައުރުވާން ފެށީ އާންމުވި ކޯޓު އަމުރާ ގުޅިގެންނެވެ. އެ އަމުރުގައި ބުނެފައި ވަނީ ޕާސްޕޯޓު ހިފަހައްޓާން ކުރި އަމުރު ބާތިލް ކުރަން އެދުނީ ދައުލަތުން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނެފައި ވަނީ އެއީ "އިދާރީ އޮޅުމެއް"ގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

އަމުރު ނެރުމުގައި، އާންމުކޮށް އަމަލު ކުރާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ މައްސަލަ، ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ޕީޖީ އޮފީހުން ވަނީ ފަށައިފަ އެވެ.

"ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަކަށް ނުދެކެމެވެ." ޕީޖީ އޮފީހުން ބުންޏެވެ.

އެ ނިންމުން އިސްތިއުނާފު ކުރުމާމެދު މެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާކަމަށް، މައުލޫމާތު ލިބިފައިވާ ކަަމަށާއި ކޯޓު އަމުރުގައި އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު އަނބުރާ ނައިސްފިނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ އަޑުބަރޭގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް