މަތީ ތައުލީމުގެ ލޯނަށް 770 ފުރުސަތު ހުޅުވާލައިފި

މިނިސްޓާ އޮފް ހަޔަރ އެޑިޔުކޭޝަންޑރ. އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ / އަހްމަދު ސައީދު

ރާއްޖެ އާއި ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް އެދުމުގެ ފުރުސަތު ގައި މިހާރު ތައުލީމު ހާސިލްކުރާ ކުދިންނަށް ގިނަ ސްލޮޓުތައް ކަނޑައަޅާފައިވާނެ ކަމަށެވެ.

"770 ސްލޮޓު މއިަދު މި އިއުލާނު ކުރަނީ. އޭގެ ތެރޭގައި 471 ސްލޮޓު މިވަނީ މިހާރު ކިޔަވާ ދަރިވަރުންނށް ހާއްސަ ކޮށްފައި. އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 290 ސްލޮޓު އަޅުގަނޑުމެން ރިޒާވް ކޮށްފައިވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ މަތީ ތައުލީމާއި ތަމްރީނަށް މި ސަރުކާރުން ހުޅުވާލާ އެންމެ ގިނަ ފުރުސަތު ކަމަށެވެ.

މިއަދުން ފެށިގެން ތިން ހަފްތާގެ މުއްދަތަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި ފުރުސަތު ތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މާޗު ހަތަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލޯނު ފުރުސަތުގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންވެސް ރާއްޖެއަށް ހިދުމަތް ކުރުމަށް މިިސްޓަރު ވަނީ އިލްތިމާސް ކުރައްވައިފަ އެެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ މަތީ ތައުލީމާއި ތަމްރީނުގެ ލޯނުގެ ފުރުސަތު ތަކުގެ ބޭނުން ހިފައިގެން މަތީ ތައުލީމާ ތަމްރީނު ހޯދާ ހުރިހާ ދިވެހި ދަރިވަރުން އެނބުރި ގައުމަށް އައިސް، އަދި ގައުމުގައި މި ތަމްރީނާއި ތައުލީމް ހޯދާ ދަރިވަރުންވެސް ގައުމުގައި ވަޒީފާ އަދާކޮށް ގައުމުގެ އިގްތިސޯދަށް ކޮންޓްރިބިޔުޓް ކޮށްދީ، ކޮންމެ ޒުވާނަކުވެސް އުފާވެރި އަބުރުވެރި ދިރިއުޅުމެއް އުޅޭތަންް ދެކުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ލޯނު ފުރުސަތުތަކުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ހާއްސަ ޖާގަތައް ކަނޑައަޅާފައިވާ ކަމަށާއި ރާއްޖެ އާއި ރާއްޖެ އިން ބޭރުން ޑިޕްލޮމާ އަދި ޑިގްރީ ހާސިލް ކުރުމަށް އެފަދަ ދަރިވަރުންނަށް ހާއްސަ ފުރުސަތު ދޭނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އެކުދިންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް މި ލޯނު ޕްރޮގްރާމުގެ ދަށުން ޖާގަ ދޭން ވެސް ވަނީ ނިންމާފަ އެވެ.

"ފުރަތަމަ ޑިގްރީ ޕްރޮގްރާމުގެ ދަށުން ސަރުކާރުން ޓިއުޝަން ފީ އަށް ދެއްވާ ފައިސާގެ އިތުރުން މި ލޯނު ސްކީމް އިން ދަރިވަރުންގެ އެހެނިހެން ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރުމަތި ލުމުގެ ފުރުސަތު ފަހިވާނެ،" ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކިޔެވެން ހުރި ދާއިރާތަކުން ރާއްޖެ އިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ލޯނު ސްކީމުގެ ދަށުން ނުދޭ ކަމަށައި ނަމަވެސް ބައެއް ދާއިރާތަކަށް އެގްޒެމްޝަންތަކެއް ގެންގުޅޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެމްބީބީއެސް އަދި ޕައިލޮޓްކަން ރާއްޖެ އިން ބޭރުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މީގެ އިތުރުން ޕޯސްޓް ގްރެޖުއޭޓް މެޑިސިން އަށް 20 ސްލޮޓް ހާއްސަ ކޮށްފައިވާނެ ކަމަށައި އެއީ މުޅިން އަލަށް ކިޔަވަން ފަށާ 10 ކުދިންނަށް އަދި މިހާރު ރައްޖެއިން ބޭރުގައި ކިޔަވާ 10 ދަރިވަރަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަމަ އެއާއެކު ރާއްޖޭގައި ތިބެގެން އެކައުންޓިން ކިޔަވާ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ލައިސަންސް ހޯދުމަށްވެސް މި ސްކީމުގެ ދަށުން ލޯނު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ލޯނު ސްކީމުގައި ހިމެނޭ އޯޕަން ކެޓަގަރީ މިއަހަރުގެ ސްކީމުގައި ނުހިމެނޭނެ ކަމަށާއި މިއަހަރު އިސްކަން ދެނީ ސަރުކާރުން ހަދާފައިވާ ޓްރެއިނިން ނީޑް އެނަލިސިސް އަށް ބަލައި ރާއްޖެެ އަށް އެންމެ ބޭނުންވާ ދާއިރާތަކުން މީހުން ބިިނާ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް