އަލީ ވަހީދު ގަސްތުގައި ފިލުވީތަ؟

ޖެނުއަރީ 24، 2021: ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

ބޮޑެތި ކުށްތަކުގައި ބަންދުކުރާ ބޮޑުންނަށް ދިމާވާ ނަމަވެސް ނިކަމެތި ރައްޔިތު މީހާއަށް ދިމާނުވާ ފަދަ ބޮޑު ސިއްހީ މައްސަލައަކާ ގުޅިގެން ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް މިވަނީ މިހާރު ރާއްޖޭގެ ފަސްގަނޑުން ބޭރުވެފަ އެވެ. ޓަގު ބޯޓެއްގައި ދަންވަރުގެ ވަގުތެއްގައި ފިއްލެވީކީ ނޫނެވެ. ހުއްދަ ލިބިގެން، ޕާސްޕޯޓު ވެސް ހިއްޕަވައިގެން ލަންޑަނަށް ވަޑައިގެންނެވި ކަމަށް ވަނީ ވީވީއައިޕީ އެއްގެ ގޮތުގަ އެވެ.

އާންމުކޮށް ކަންހިނގާ އުސޫލެވެ. މީގައި ހައިރާންވާންޖެހޭ ސަބަބެއް ނެތެވެ. ޖަލަށް ލުމާއެކު ފުރާނައަށް ނުރައްކާވާފަދަ ސިއްހީ މައްސަލައެއް ދިމާވެގެން މިހާތަނަށް ރާއްޖެއިން ބޭރަށް ނުފިއްލަވާ ޖަލުގައި އޮންނެވި ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އެކަންޏެވެ. ފަހަރުގައި އަދި ފުރުސަތު ލިބިނުލައްވަނީ އެވެ. ނަމަވެސް އިދިކޮޅުން ބުނަނީ އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެއަށްވުރެ "ގަޓު" ބޭފުޅެކެވެ.

އަލީ ވަހީދު ވެސް ފެނުނީ އެފަދަ "ގަޓު" ބޭފުޅެއްގެ ގޮތުގަ އެވެ. ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާއަށް ފޯނުން ގުޅުއްވައި ވަރަށް ހުތުރު ވާހަކަތަކެއް ދައްކަވާ އޯޑިއޯތަކެއް ލީކުވުމުން ވެސް މީޑިއާ އާއި ރައްޔިތުންގެ ކުރިމައްޗަށް ނުކުންނެވީ ހަމަ ހިނިތުން ވެލާފައި ހުރެގެންނެވެ. ލަދުވެތިކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެ ހިނިތުންވުމުން އޭނާ ބުނެދޭން އުޅުނީ އޭނާގެ ގައިގައި އަތްނުލެވޭނެ ވާހަކަ ހެން ވެސް އޭރު ހީވި އެވެ.

އެ ކަންތައްގަނޑުގެ ތެރެއިން އޭނާއަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އަލީ ވަހީދަކީ ހަގީގަތުގައި ވެސް ހާދަ ބާރުގަދަ މީހެކޭ ހީވާން ފެށި އެވެ.

ނަމަވެސް ކުއްލިއަކަށް އިވިގެންދިޔައީ އޭނާ އިސްތިއުފާ ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވި ވާހަކަ އެވެ. އަހްލާގީ މައްސަލަތަކެއްގެ ސަބަބުންނެވެ. ނަމަވެސް އެއަށްވުރެ އިތުރަކަށް ސަރުކާރުން އޭރު މައުލޫމާތެއް ނުދިނެވެ.

ރައީސްގެ އެންގެވުމާއެކު "ސަން" އިން އިތުރަށް ބެލި ބެލުމުން އެނގިގެން ދިޔައީ އެއީ ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްގެ އަޑު ހުދު ރައީސް އެ މުވައްޒަފުންގެ ފަރާތުން އެއްސެވުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމެވެ. ރައީސް އެ ނިންމެވުން ނިންމެވީ ކީރިތި ކުރައްވަމުންނެވެ.

އޯޑިއޯތަކުގެ މައްސަލައަކީ ވެސް އަލީ ވަހީދުގެ މައްޗަށް ތުހުމަތުވާ އަހުލާގީ މައްސަލައެކެވެ. ނަމަވެސް ފިޔަވަޅެއް ނާޅަ އެވެ. ކުއްލިއަކަށް އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އެންގެވީ ޖުލައި މަހުގެ އަށް ވަނަ ދުވަހު އެވެ. މި ކުއްލި އެންގެވުން އައި ދުވަސްވަރަކީ، ހަމަ ވަރަށް "ރޯޔަލް" ބޭފުޅުން ކޮޅެއް ހިމެނޭ ޖިންސީ ގޯނާގެ އެހެން މައްސަލައެއް ފެންމަތިވެ، ފުލުހުން އެކަމުގެ މައުލޫމާތު ހާމަކުރުމަށް ދެކޮޅު ހަދަމުން ދިޔަ ދުވަސްވަރެކެވެ.

ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރުން އުޅުނު މައްސަލައެއް ފެންމަތިވި އެވެ. ނަމަވެސް އެންމެން ސިހިގެން ދިޔައީ އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ދެ ދިވެހި ފިރިހެނުން ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ފަހު ހަމަ އެ ދުވަހު ދޫކޮށްލުމުންނެވެ.

އިތުރަށް ބަލައިލިއިރު މައްސަލައިގައި ހައްޔަރުކޮށްގެން މި އުޅެނީ ދެ "ބޭފުޅުން" ނެވެ. އެ މައްސަލައިގައި ހިމެނޭ ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާން އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލުންނެވެ. އެ ދެ ބޭފުޅުން ވަގުތުން ދޫކޮށްލީ ތަންކޮޅެއް މަތިން އައި ފޯން ކޯލަކާ އެކު ކަމަށް ވެސް އަޑު ފެތުރިގެން ދިޔަ އެވެ. އަދި އެ ސަފާރީގައި އެ ރޭ ސަރުކާރުގެ މަތީ ފަންތީގެ އިތުރު ބަޔަކު ތިބި ކަމަށް ވެސް ވެ އެވެ. އެހެންކަމުން ސަފާރީ ތެރޭގައި ހިނގި ކަންތައްތައް ސިއްރުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ފެށި އެވެ.

އެ ދުވަސްވަރަކީ ޖިންސީ ގޯނާގެ އެކި ކުށްތަކުގެ ތުހުހުމަތުގައި ހައްޔަރުކުރާ މީހުންގެ މައުލޫމާތު ފުލުހުން ވަރަށް ރަނގަޅަށް އާންމުކުރަމުން ދިޔަ ދުވަސްވަރެކެވެ. ތުހުމަތުވާ މީހުންގެ ފޮޓޯ އާއެކު ވަނަވަރު ވެސް އާންމުކުރަމުން ދިޔަ އެވެ. ނަމަވެސް ސަފާރީ ކޭސްގައި އަމަލުކުރީ މުޅިން ތަފާތު ގޮތަކަށެވެ. ހަމަ ހިލާ ތުހުމަތުވާ މީހުންގެ އެއްވެސް މައުލޫމާތެއް ފުލުހުން އާންމު ނުކުރި އެވެ. ފުލުހުންގެ މީޑިއާ ގުރޫޕުގައި ކޮންމެ ދުވަހު އެތައް ނޫސްވެރިޔަކު އެ ސުވާލު އެތައް ފަހަރަކު ތަކުރާރުކޮށްގެން ވެސް ފުލުހުން ގުޑާނުލި އެވެ.

އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އަމަލުކުރަމުން ދިޔަގޮތާއެކު، ރައްޔިތުން ރުޅިގަދަވެ، "ރޯޔަލް ރޭޕިސްޓުން"ގެ ނަންތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުން ނުކުތީ މަގުތަކަށެވެ. އެ މައްސަލައިގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ފެށުމާއެކު ސަރުކާރަށް ޕްރެޝަރު ބޮޑުވެގެން ދިޔަ އެވެ. އަދި ކޮންމެސް ގޮތަކުން ރައްޔިތުން ގެއަށް ވަންދަން މަޖުބޫރުވި އެވެ.

އަލީ ވަހީދުގެ މައްސަލަ ފަޅައިގެން ދިޔައީ އެ ހިސާބުންނެވެ. އޭރުވެސް ސަފާރީ މައްސަލައިގައި ހިމެނޭ މީހުން ހާމައެއް ނުކުރެ އެވެ. މުވައްޒަފުން "ސަން" އަށް ކިޔައިދިން ވާހަކަތަކުންނާއި ލީކުވެފައިވާ އޯޑިއޯތަކަށް ބަލާއިރު ވެސް އަލީ ވަހީދަށް ތުހުމަތުކުރެވޭ ކަންކަން އޭނާ ނުކުރާ ކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް އޯޑިއޯތަކުގެ މައްސަލައިގައި ވެސް އެއްވެސް ފިޔަވަޅެއް ނާޅާ، އެކަން ކުށްވެރިކޮށް އެއްވެސް އެއްޗެއް ނުބުނެ، ހަމަ ކުއްލިއަކަށް އަލީ ވަހީދަށް އިސްތިއުފާ ދޭން އެންގި އެންގުމާ، އެ އެންގުން އައީ ޖިންސީ ގޯނާގެ ބޮޑު މައްސަލައެއްގައި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން ދިޔަ ދަނޑިވަޅެއްގައި ކަމަށް ވުމުން، އަނެއްކާ ވެސް އިތުރު ސުވާލުތަކެއް އުފެދިގެން ދިޔަ އެވެ.

އޭރު ވެސް ގިނަ ބަޔަކު އައީ އަލީ ވަހީދު ވަކިކުރުމުގައި ސަރުކާރުގެ ނިޔަތާ މެދު އައީ ސުވާލު އުފައްދަމުންނެވެ. ގިނަ ބަޔަކު ތުހުމަތު ކުރި ގޮތުގައި، ސިޔާސީ ގޮތުން ނުފޫޒުގަދަ މީހަކު "ގުރުބާންކުރީ" މަގުމައްޗަށް އެއްވަމުން ދިޔަ ރައްޔިތުން މައިތިރިކޮށް، ސަފާރީ މައްސަލައަށް އޮތް ސަމާލުކަން އަނބުރާލުމަށެވެ. ސަރުކާރުން ޖިންސީ ގޯނާއާ ދެކޮޅަށް ދައްކާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ދައްކަން، ސަރުކާރަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކުގެ ކުރިމަތީގައި ދިފާއަކަށް ބެހެއްޓީ އަލީ ވަހީދު ކަމަށެވެ.

އެއާއެކު ސަރުކާރުގެ މަގުސަދު ކޮންމެސް ވަރަކަށް ހާސިލްވިކަން ފެންނަން އެބަ އޮތެވެ. ރައީސް ކީރިތި ކުރައްވަމުން އަލީ ވަހީދާ ދޭތެރޭ ވަގުތުން ފިޔަވަޅު އެޅުމުން އެތައް ބައެއްގެ ހިތްތައް މަޑުވެ، ރައީސަށް ތައުރީފު އޮހެން ފެށި އެވެ. ހަގީގަތުގައި ވެސް ޖިންސީ ގޯނާއަށް ސަރުކާރުން ދޭނީ ޒީރޯ ޓޮލަރެންސްކަން ސާބިތުކޮށްދެއްވީތީ ޝުކުރު އަދާކުރަން ފެށި އެވެ. ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ލިބޭނެ ކަމުގެ އުންމީދު އާވެގެން ދިޔަ ކަމަށް ބުނަން ފެށި އެވެ.

ނަމަވެސް މައްސަލައިގެ ތަހުގީގުގައި ފުލުހުން ހާމަކުރި ކަންކަމަށް ބަލާއިރު ވެސް ބޮޑެތި ސުވާލުތަކެއް އުފެދެ އެވެ.

ގާތްގަނޑަކަށް 13 މުވައްޒަފަކަށް ޖިންސީ ގޯނާއާއި ފުރައްސާރަކުރި ކަަމަށް ތުހުމަތުވާ މީހަކީ ނުރައްކާތެރި މީހެކެވެ. ނަމަވެސް ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔަ އިރުވެސް އަލީ ވަހީދު ހުންނެވީ ހަމަ މިނިވަންކޮށެވެ. ނުފޫޒުގަދަ މީހަކު ހެކި ނައްތާލަން އުޅެފާނެ ކަމަށް ގަބޫލުކުރެވެންވީ ސަބަބެއް މި މައްސަލައިގައި ނެތެވެ. އޭނާ ދިރިއުޅުއްވާ ގެއެއް ބަލައި ފާސްކޮށް އޭނާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. މައްސަލައިގައި 15 މީހެއްގެ ބަޔާން ނެގިއިރު އެހާ ހިސާބަށް އަދި އަލީ ވަހީދާ ސުވާލުކުރުން އެހާ މުހިންމު ނޫން ކަމަށް ފުލުހުން ބުންޏެވެ.

ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށް މަގާމުން ދުރުކުރީ، ސިޔާސީ މަގުސަދެއް ހާސިލްކުރަން ބަޔަކު ރާވައިގެން ކަމަށެވެ. މައްސަލައިގެ ތުހުމަތުގައި މަގާމުން ވަކިކުރިތާ 10 ދުވަސް ފަހުން ފުލުހުންނަށް ބަޔާން ދިނުމަށްފަހު ފުލުސް އޮފީހުން ނުކުންނަވައި މީޑިއާއަށް އަލީ ވިދާޅުވީ އެއީ އޭނާ ބަދުނާމުކުރަން ހިންގި ޖަރީމާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި ސިޔާސީ ބައެއްގެ ނުފޫޒު ހިމެނޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިންސާފުވެރިކަމާ އެކު ހިންގޭ ތަހުގީގަކުން މައްސަލަ ބަލައިފި ނަމަ، "ހަގީގަތް' ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ބަޔަކު ރާވައިގެން އޭނާ "ފްރޭމް" ކުރި ސަބަބު ވެސް ތަހުގީގުން އެނގޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު އޭރު ވިދާޅުވި "ހަގީގަތަކީ" ކޮބައިހެއްޔެވެ؟ އޭނާ ފްރޭމް ކުރި ނަމަ، އެހާ ހުތުރު ތުހުމަތުތަކެއް ކޮށް، މަގާމުން ދުރުކުރަން ޖެހޭނީ ވަރަށް ބޮޑު ކަމެއްގައި މަތިޖަހަން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ނޮވެމްބަރު މަހު އަލީ ވަހީދުގެ މައްޗަށް ދައުވާ ވެސް އުފުލި އެވެ. އަލީ ވަހީދުގެ މައްޗަށް އުފުލީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.

މިހާ ހިސާބުން ދެން ފެނިގެން ދިޔައީ ސިޔާސީ ބޮޑުން ކަންބޮޑުވުން ފާޅުކުރަން ފެއްޓެވި ތަނެވެ. އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ސިފަވީ ދެން މާ ބޮޑު ދައުވާތަކެއްގެ ގޮތަށެވެ. އަލީ ވަހީދަށް ތުހުމަތުކުރެވޭ ކުށްތަކަކީ ކުޑަ ކުށްތަކެއް ނޫނެވެ. ނަމަވެސް ހޯމް މިނިސްޓަރު ވެސް މީގެކުރިން ވިދާޅުވީ ސަފާރީގައި ވެސް ހިނގީ އާންމު ތަނެއްގައި ވެސް މީހަކު އެކަން ކުރުމުން، މީހުންނަށް ނުވެސް އެނގޭނެ ފަދަ "ކުޑަ ކުޑަ" ކަމެއް ކަމަށެވެ. އެހެންކަމުން ވެރިންގެ ފަރާތުން މިފަދަ ވާހަކައެއް އައުމަކީ މިހާރު ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

ނަމަވެސް އަލީ ވަހީދަށް "ބޮޑު ދައުވާތަކެއް" ކުރާތީ ކަންބޮޑުވާކަމަށް ނަޝީދު ވިދާޅުވީ، މައްސަލައިގައި އަލީ ވަހީދު ދެއްވާފައި ހުރި ބަޔާންތައް ބެއްލެވުމަށްފަހު އެވެ. އެ ބަޔާންތަކުގައި ހުރި ވާހަކަތަކުން މަޖިލިސް ރައީސް އަށް ގެނުވީ އަޖައިބު ކަމެވެ. އެ ބަޔާންތަކުގައި ހުރި ވާހަކައެއް ނޭނގެ އެވެ. ނަމަވެސް އުފުލާފައިވާ ދައުވާތަކާ އެ ބަޔާނުގައި ހުރި އެއްޗަކާ ދިމާނުވާކަން ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖުން ފަހުމްވެ އެވެ.

ދެން ހައިރާންވާންޖެހޭ އަނެއް ކަމަކީ، އަލީ ވަހީދުގެ ޖިންސީ ގޯނާތައް އަޑުއައްސަވައި، ކަރުނައެޅުއްވި ރައީސް ސޯލިހު ޓީވީ ޕްރޮގްރާމެއްގައި އަލީ ވަހީދާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅެވެ.

ޖުމްހޫރީ ދުވަހު ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އަލީ ވަހީދަށް ރަނގަޅު ގޮތް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އަލީ ވަހީދަކީ ސިޔާސީ "މުސްތަގުބަލެއް" އޮތް ކުޅަދާނަ ސިޔާސީ މީހެއް ކަމަށެވެ.

އޭގެ އިތުރުން "ވަހީދު އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމަށް އަޅުގަނޑުމެން އެންމެން" މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިކްޓިމުންގެ ހައްގު ހިމާޔަތްކުރުމަށް، އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ފެށީ ސިއްރުކޮށްގެންނެވެ. ޝަރީއަތް ފެށުމާއެކު ހުރިހާ އެންމެން ވެސް ތިބީ އަލީ ވަހީދު ކުރިން ވިދާޅުވި "ހަގީގަތް" އަޑުއަހާލުމުގެ އުންމީދުގަ އެވެ.

ނަމަވެސް ހަގީގަތާ ހިސާބަށް ދެވެން ވާއިރަށް އަލީ ވަހީދު މިވަނީ ރާއްޖޭގެ ރާޑަރަށް ގެއްލިފަ އެވެ. ނުވަތަ ރާވައިގެން ގަސްތުގައި ގެއްލުވާލައިފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުރުން މަނާކުރީ މިދިޔަ ޖުލައި މަހު އެވެ. އެ އަމުރު މުރާޖައާކުރަން މިދިޔަ ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި، އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލައިފަ އެވެ. އަދި އެއާއެކު އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ އަމުރު ބާތިލްކުރީ ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭކަން ކަށަވަރު ކުރުމަށް ޑޮކްޓަރު ހާޒިރުކޮށް، ޑޮކްޓަރުގެ ވާހަކަތައް އަޑުއެހުމަށްފަހު ކަމަށެވެ. ޑޮކްޓަރު ވިދާޅުވި ކަމަށްވަނީ، ރާއްޖެއިން އެ އޮޕަރޭޝަން ކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމަށެވެ.

ޑޮކްޓަރުގެ ވާހަކަތަކަށް ފަހު ދައުލަތުން ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފޮނުވަން ކުރި އިއުތިރާޒު ދޫކޮށްލައިފަ އެވެ. ނަމަވެސް ޕާސްޕޯޓު ދޫކޮށްލަން ދައުލަތުން އިއުތިރާޒު ކުރި އެވެ. ދައުލަތުން އެދުނީ ޕާސްޕޯޓު ދޫނުކޮށް، ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައި އަލީ ވަހީދު ފޮނުވައިދިނުމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ފުރުން މަނާކޮށް ނެރުނު އަމުރު ބާތިލް ކޮށްފަ އެވެ. އަދި އޭނާގެ ޕާސްޕޯޓު ހަތަރު މަހަށް ވަނީ ދޫކޮށްލައިފަ އެވެ.

ލަންޑަނަށް ވަޑައިގެން ދެން އަލީ ވަހީދު އަނބުރާ ރާއްޖެ ވަޑައިގަތުމަކީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ. މީގެ ކުރިން ވެސް ބޭސް ފަރުވާއަށް ބޭރަށް ވަޑައިގެންނެވި ސިޔާސީ ބޭފުޅުން އެގައުމުތަކުގައި ރެފިއުޖީންގެ ލަގަބު ހޯއްދަވައިގެން ވަނީ ދިރިއުޅުއްވައިފަ އެވެ.

އަލީ ވަހީދަކީ ޖިންސީ ގޯނާގެ ބޮޑު މައްސަލައެއްގައި ސަރުކާރަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތައް މައިތިރިކޮށްލަން ބޭނުންކުރި ހަތިޔާރެއް ކަމަށް ކުރެވޭ ތުހުމަތުގެ އަޑު އަނެއްކާވެސް މިވަނީ ގަދަވެފަ އެވެ. އަދި އަލީ ވަހީދަށް ދައުވާ އުފުލީ އެ މައްސަލަ ކުރިއަށް ގެންދިއުމުގެ އެެއްވެސް ނިޔަތެއް ނެތި، ރައްޔިތުން ގުނބޯ ހައްދަން ކަމަށް ވެސް އެތައް ވަނީ ތުހުމަތުކުރަން ފަށައިފަ އެވެ. މިއީ މާ ކުރިން ފެށިގެން ވެސް މި މައްސަލަ އަތުރާފައި އޮތް ގޮތް ކަމަށާއި، އަލީ ވަހީދު ފުރީ ނޫން ކަމަށާއި ކުރިން ހަދާފައިވާ "ޑީލް"ގެ ދަށުން އޭނާ ފުރުވާލީ ކަމަށް ބުނެ ސޯޝަލް މީޑިއާ ވަނީ ކެކިގެންފަ އެވެ.

ގިނަ ބަޔަކު ބުނަމުން އަންނަނީ ސަރުކާރަށް ކުރި އިތުބާރު ގެއްލިއްޖެ ކަމަށެވެ. އަދި މި ސަރުކާރަކީ ޖިންސީ ގޯނާއަށް ޒީރޯ ޓޮލަރެންސް ދޭނެ ސަރުކާރެއ ނޫން ކަމަށާއި، ބޮޑުންނަށް މޮޅު ގޮތް ހަދައިދިނުމުގައި އާ ހަރުފަތަކަށް ގޮސްފައިވާ ކަމަށެވެ.

ސަފާރީ މައްސަލަ އޮއްބަން "އުފަންކުރުވި" ކަމަށް ގިނަބަޔަކު ތުހުމަތުކުރާ މި މައްސަލައިގައި ކަންވެގެން ދިޔަ ގޮތުން، އަނެއްކާވެސް ސަރުކާރަށް މިވަނީ ފާޑުކިޔުން އިތުރުވެފަ އެވެ. ދެން ރައްޔިތުން ފިނިކުރަން އަނެއްކާ އިއްޔެ ކުއްލިއަކަށް "ބްރޭކް" ކޮށްލީ މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރުގެ މައްސަލަ ނޫން ބާއެވެ؟

comment ކޮމެންޓް