ވެކްސިނުން ދިވެހި ޓޫރިޒަމަށް ފަރުވާލިބޭނެތަ؟

ފެބްރުއަރީ 1، 2021: ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ސޯޝަލް ސެންޓަރުގައި ފެށުން: ރާއްޖޭގައި ބޭނުންކުރަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޓޫރިޒަމް ދާއިރާ އެންމެ ޕީކަށް އަރައިގެން ދިޔައީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 1.7 މިލިއަން ޓޫރިސްޓުންގެ ރެކޯޑާއެކު 2020 ވަނަ އަހަރާ ކުރިމަތިލީ އާ އުއްމީދަކާއެކު އެވެ. އެހެން ނަމަވެސް، ކޮވިޑް19ގެ ބިޔަ ރާޅުގެ ދަށުވެ، ޓޫރިޒަމް ދާއިރާ އަށް ކުރިމަތިވީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތިވެފައި ނުވާވަރުގެ ގެއްލުމަކާ އެވެ.

މިދިޔަ އަހަރު ނިމިގެން ދިޔައީ މުޅި ދުނިޔޭގެ އިގްތިސާދުވެސް މި ރާޅުގެ ދަށުވެ، ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ ކުރަމުންދިޔަ ބުރަ މަސައްކަތާއެކު އެވެ. ކޮވިޑުގެ ބަލިމަޑުކަމުން ސަލާމަތްވާނެ އުއްމީދަކަށް ވެކްސިންވެ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވެކްސިން ރޯލް ކުރަން ފެށުމަކީ 2021 ވަނަ އަހަރަކީ ދުނިޔޭގެ އިގްތިސާދަށް، ދަތުރުފަތުރުގެ ދާއިރާ އަށް އަދި ޓޫރިޒަމަށް ދިރުން ގެނައުމަށް ކުރާ މަސައްކަތަށް ލިބުނު އުއްމީދެކެވެ.

ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށްވާއިރު، އެތައް ހާސް ދިވެހި އާއިލާއެއްގެ ދިރިއުޅުން ގުޅިފައި އޮތީ މި ދާއިރާ އިން ލިބޭ އާމްދަނީ އަށެވެ. ކޮވިޑުގެ ރާޅާއެކު އެތައް ހާސް ބަޔެއްގެ ދިރިއުޅުމަށް، އާމްދަނީ އަށް ނޭދެވޭ އަސަރު ކުރިއިރު، މިހާރު އެ ފަރާތްތަކަށް އޮތް އެންމެ ބޮޑު އުއްމީދަކީވެސް ކޮވިޑު ވެކްސިނެވެ.

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަންް ފަށާފައިވާއިރު ޓޫރިޒަމް ސިނާއަތުގައި ކުރީސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދީގެން ވެކްސިން ޖަހަން ފެށުމަކީވެސް ޓޫރިޒަމް ސިނާއަތަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ޓޫރިޒަމް ސިނާއަތުގެ ފްރަންޓްލައިން މަސައްކަތްތެރިންނަށް ވެކްސިން ޖަހަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖޭގެ އިގްތސާދު ކޮޅަށް ޖަހައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ އިސްދައުރެއް އަދާކުރީ ޓޫރިޒަމް ސިނާއަތުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުން ކަމަށެވެ.

ވެކްސިނާއެކު ރާއްޖެ ވެގެންދާނީ ޓޫރިޒަމަށް އޮތް އެންމެ ރައްކާތެރި އެއް މަންޒިލަށް ކަމަށެވެ.

ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފެށުމާއެކު އެފަރާތްތަކަށް ލިބުނު ހިތްހަމަ ޖެހުންވެސް ބޮޑެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންގެ ތެރޭ ހިމެނޭ ގެސްޓްހައުސް މުވައްޒަފަކު ވެސް ބުނީ، މިއީ ގެސްޓުންނާ އެންމެ ގާތުން މަސައްކަތް ކުރާއިރު ރައްކާތެރިކަމުގެ ގޮތުން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ގާތްގަނޑައަކަށް އަހަރެއް މިދިޔައީ މި ޕެންޑެމިކްގައި. އެކަމަކު ވެކްސިންއާއެކު މުޅިން އާ އުއްމީދެއް މި ލިބުނީ،" އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ހިންގާ އެއް ކުންފުނީގައި މަސައްކަތްކުރާ އެ މުވައްޒަފު ބުންޏެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ޓޫރިޒަމް ސިނާއަތުގެ މަސައްކަތްތެރިންނަށް ވެކްސިން ދޭން ފެށިފަހުން އިއްޔެ އާއި ހަމައަށް 562 މީހަކަަށް ވެކްސިން ދީފައިވެ އެވެ.

ވީއައިއޭ ގައި ރެޕުންތަކެއް -- ސަން ފޮޓޯ: އިބްރާހިމް އިފާޒް

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވެކްސިން ޖަހަން ފެށުމަކީ ވެސް ރާއްޖޭގެ ޓޫރިޒަމަށް އޮތް އުއްމީދެކެވެ. ބަލި މަޑުކަމުގެ ސަަބަބުން ދަތުރު ކުރަން ފަސްޖެހިފައި ތިބި މީހުން، އަހަރަކަށްވުރެ ގިނަ ދުވަހު ދަތުރުނުކުރެވި ތިބުމަށްފަހު، ވެކްސިނުން ރައްކާތެރިކަން ލިބިގަނެގެން، އެމީހުންގެ ޗުއްޓީ ދަތުރު ޕްލޭންކުރަން ފެށުމަކީ ރާއްޖެ ފަދަ މަންޒިލުތަކަށް މިވަގުތު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

"އެތައް ބަޔަކު އެބަތިބި ކޮވިޑާއެކު ވެކޭޝަން ކެންސަލް ކުރަން ޖެހުނު. ދަތުރު ކުރަން އެންމެ ރައްކާތެރި ނޫންކަން ގަބޫލުކޮށްގެން ގޭގައި ތިބި. އެމީހުންނަށް ވެކްސިނަކީ ލިބޭނެ ހިތްހަމަ ޖެހުމެއް. ހާއްސަކޮށް ވެކްސިން ޖަހައިގެން ޕީސީއާރު ނެގެޓިވްއަކާ ނުލައި ދަތުރު ކުރެވޭނަމަ، އެއީވެސް ޕްލަސް ޕޮއިންޓަކަށް ވެދާނެ. ރާއްޖެެ ކަހަލަ ޑެސްޓިނޭޝަންތަކަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެެހުމަކީ ވެކްސިން. ދެން ކުރަން ޖެހޭ ކަމަކީ ރަނގަޅަށް ޕްރޮމޯޝަން ޖެއްސުން، ރާއްޖެ ރައްކާތެރިކަމާ، ކީއްވެކަން ރާއްޖެ ރައްކާތެރިވަނީ،" ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހަކު އޭނާގެ ހިޔާލު ހިއްސާކުރިއެވެ.

ވެކްސިނާއެކު ޓޫރިޒަމަށް ދިރުން އަންނާނެ ކަމަށް ލަފާކޮށް މި އަހަރު ރާއްޖެ އަންނާނެ ކަމަށް ކުރިން ލަފާކުރި ޓޫރިސްޓުންގެ އަދަދު ވެސް މިހާރު ވަނީ މަތިކޮށްފައެވެ. މިނިސްޓަރު މައުސޫމް ވިދާޅުވީ މިހާރު ލަފާކުރަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ.

ފެބްރުއަރީ 4، 2021: ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނާއި، ޓޫރިޒަމް ދާއިރާއާއި ގުޅުން ހުރި ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ އަނެއް ވިސްނުމަކީ ރާއްޖެއަށް ވެކްސިން ޓޫރިޒަމް ތައާރަފު ކުރުމެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އާބާދީ އަށް ވެކްސިން ދެވުމުން ވެކްސިން ޓޫރިޒަމް ކޮންސެޕްޓު ތައާރަފު ކުރުމުގެ ވިސްނުންވެސް އެބައޮތް ކަމަށެވެ. މި ކޮންސެޕްޓާއެކު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެކްސިން ދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސް ސޯލިހު ގެންގުޅުއްވާ ވިސްނުންފުޅެއް، އަޅުގަނޑުމެން ވެސް ވަރަށް ތާއިދުކުރާ ވިސްނުންފުޅެއް، ވެކްސިން ޓޫރިޒަމަކީ... ތިން 'ވީ'، ވިޒިޓް، ވެކްސިން، ވެކޭޝަން ޓޫރިޒަމް ކުރިއަށްގެންދިއުމުގެ ވިސްނުން އެބައޮތް،" އިއްޔެގެރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައުސޫމް ވިދާޅުވިއެވެ.

"އެއްބައި ސައިންސުވެރިން އެބަ ބުނޭ ހަތަރު ހަފުތާއަށް ފަހު ދެވަނަ ޑޯޒު ޖަހަން. ބައެއް މައުލޫމާތުގައި އެބަހުރި ތިން ހަފުތާއަށް ފަހު ދެ ވަނަ ޑޯޒު ޖަހާ ވެކްސިން ގެންގުޅޭ ކަމަށް ވެސް. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް ތިން ހަފުތާއަށް ފަތުރުވެރިން ތިބޭނެ. ދިގު މުއްދަތަކަށް ފަތުރުވެރިން ތިބުން ވާނީ ވަރަށް ބޮޑު ފައިދާއަކަށް." މިނިސްޓަރު ވިދާޅުވި އެވެ.

ވެކްސިން ޓޫރިޒަމް ފެށޭ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިސްޓުންނަށް ވެކްސިން ޖަހައިދީގެން އިތުރު އާމްދަނީއެއް ހޯދުމަކީވެސް އޮތް މަގެކެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު އަޑިގަނޑަކަށް ވެއްޓުނު ރާއްޖޭގެ އިގްތިސޯދަށް ދިރުން ލިބޭނެ އެއްޗަކަށް ކޮވިޑް ވެކްސިން ވެދާނެ ކަމަށް އުއްމީދު ކުރެވެމުންދާއިރު މިއީ އިގްތިސޯދުގެ މައި ސިނާއަތް، ޓޫރިޒަމަށް ވެސް އޮތް އެންމެ ބޮޑު އުއްމީދެވެ.

ހާއްސަކޮށް ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވުމަކީ ރާއްޖެ އަށް ލިބޭނެ ހިތްހަމަޖެހުމަކަށް ވާނެ އެވެ.

comment ކޮމެންޓް