އިންސާފުވެރިކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ޓްރާންސްޕޭރެންސީއިން ގޮވާލައިފި

އޮގަސްޓް 9، 2020: ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއަކު މަސް ދޯންޏެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19ގެ ވެކްސިން ދިނުމުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އަމަލު ކުރަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.

ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ދޭން ފަށާފައިވާއިރު، އެފަދަ ކެމްޕޭންތައް ރާވާ ގޮތާއި، ވެކްސިންތައް ފޯރުކޮށްދިނުމުގައި ދެ ފުށް ފެންނަ ގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކޮވިޑް-19 ފަދަ އިމަޖެންސީތަކާ ގުޅިގެން އެދެވޭ ގޮތެއްގައި މަސައްކަތް ކުރުމަށް ކޮރަޕްޝަން ހުއްޓުވުމަކީ މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ޓްރާންސްޕޭރެންސީއިން ބުނެފައި ވަނީ ވެކްސިން ދޭނެ ގޮތުގެ ޕްލޭންތައް އެކުލަވާލަން ވާނީ ވެކްސިން ދިނުމުގެ ކަންކަން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކުރިއަށްގެންދެވޭ ގޮތަކަށް ކަމަށެވެ.

ހާއްސަކޮށް، ބިދޭސީ މަސައްކަތްތެރިން ފަދަ ހަވާސާވެފައި ތިބި މީހުންނަށް ވެކްސިން ދެވޭކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައިވެ އެވެ. އަދި ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށްވެސް ތަފާތު ކުރުމެއް ނެތި ވެކްސިން ދެވޭނެކަން ކަށަވަރު ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

ދިވެހި ފްރަންޓްލައިން މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭ ފަދައިން ރާއްޖޭގައި އުޅޭ ބިދޭސީ ފްރަންޓްލައިން މަސައްކަތްތެރިންނާއި އުމުރުން ދުވަސްވީ މީހުންނަށްވެސް އެއް ހަމައެއްގައި ވެކްސިން ދިނުމަށްވެސް ޓްރާންސްޕޭރެންސީއިން ގޮވާލި އެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައި، ވަނީ ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެނަށްވެސް ހަ މަސް ތެރޭ ވެކްސިން ފޯރުކޮށްދީ ނިންމާލެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް