މި އަހަރު ތެރޭ ހަލުވި އިންޓަނެޓް ލިބޭނެކަމުގެ ޔަގީންކަން ދީފި

މާޗް 27، 2020: ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ތެރޭގައި ރާއްޖޭގެ އިންޓަނެޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދިވެހިންނަށް ހަލުވި އިންޓަނެޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

އިންޓަނެޓްގެ އަގު ކުޑަކޮށް، އެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ، މި ސަރުކާރުގެ ރިޔާސީ ރިޔާސީ ވައުދެކެވެ.

ހަތް މަހަށް ފަހު ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޓަނެޓުގެ އަގު ހެޔޮ ކުރުމާ ގުޅޭގޮތުން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ، އިންޓަނެޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

މަބްރޫކު ވިދާޅުވީ، މި އަހަރުތެރޭގައި އިންޓަނެޓު ތުރޮޓުލްވުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"މާނައަކީ، ޕެކޭޖެއް ނެގުމަށްފަހު، ވަކި ސްޕީޑެއްގައި ލިބޭނެ ކަމަށް ބުނެފަ މާ އަވަހަށް ޕެކޭޖް ހުސްވާ މައްސަލަ އަދި އެ ސްޕީޑް ދެމެހެއްޓެނިވި ގޮތެއްގައި ނުލިބޭ ޝަކުވާއަށް އެޑްރެސް ކުރުމުގެ ވިސްނުން މިހާރު ހުރީ. އެއީ ޝޯޓް ޓާމް ހައްލެއް ލިބޭނެ ކަމެއްގެ ގޮތުގައި ވިސްނައިގެން މިއަހަރު ތެރޭ މަސައްކަތް ކުރެވޭނެ،" މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވީ، އިންޓަނެޓުގެ އަގު ހެޔޮކުރުމުގެ ވައުދު ފުއްދުމަކީ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކުރެވޭނެ ކަމެއް ކަމަށާއި ދެ އަހަރެއްހާ ދުވަހުގެ ތެރޭ އިންޓަނެޓްގެ އަގުވެސް ކުޑަ ކުރެވޭނެ ކަމަށެވެ.

"އިންޓަނެޓްގެ އަގު ކުޑަ ކުރުމަކީ މުހިންމު ކަމެއް... އިރާދަކުރެއްވިޔާ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަސްތެރޭ އެކަން ކުރެވޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ،" މަބްރޫކު ވިދާޅުވި އެވެ.

މިދިޔަ އަހަރު ކުރީ ކޮޅު ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ބުނެފައިވަނީ، އިންޓަނެޓް އަގު ކުޑަ ކުރުމަށް އެ މިނިސްޓްރީން ކުރަން ޖެހޭ ކަންކަންކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ންޓަނެޓްގެ އަގު ހެޔޮ ކުރުން ލަސްވަނީ އަގުތައް ހެޔޮ ކުރަން ޓެކްނޮލިޖީ މިނިސްޓްރީން އަދިވެސް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަނާޅާތީ ކަމަށެވެ.

ރައީސް ވިދާޅުވީ، މިނިސްޓްރީން ހުށަހެޅި އަގުތަކަށް ބަދަލު ގެނެވިފައި ހުރި ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ އަދިވެސް އެ އެޕްރޮޕޯސަލްގައި ހުރި އަގުތައްކަށްވުރެ ހެޔޮ އަގުގައި އިންޓަނެޓްގެ ހިދުމަތް ފޮރުކޮށްދިނުން ކަމަށެވެ.

"މިހާރު އަޅުގަނޑާ ހަމައަށް އައިސްފައިވާ ލިޔުމުގައި އެބަހުރި އަގުތަކަށް ބަދަލުތަކެއް އައިސްފައި. ކުޑަ ކުރެވިފައި. އެކަމަކު އަދިވެސް އަޅުގަނޑު މަސައްކަތް މި ކުރަނީ އެޔައްވުރެ ރަނގަޅަށް އެޔަށް [އަގަށް] ބަދަލުތަކެއް ގެނެވޭތޯ،" ރައީސް ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް