އަތޮޅުތެރޭ ކުލަބުތަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދޭން މަޖިލީހުން އަންގައިފި

ފޯކައިދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

އަތޮޅު އަދި ރަށު ފެންވަރުގައި ކުޅޭ ކުލަބުތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ބާރުއަޅައި ކުޅިވަރުގެ ރޫހު ނުގެއްލޭނެ ފަދަ ގޮތަކަށް ކަންތައްތައް ރާވައި، އިންތިޒާމު ކުރުމަށް މަޖިލީހުން އަންގައިފި އެވެ.

މަޖިލީހުން އެގޮތަށް އެންގީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެފްއޭއެމްއާ ގުޅޭ ގޮތުން ހުށަހެޅުއްވި މައްސަލައިގެ ކޮމިޓީ މަރުހަލާގެ ރިޕޯޓް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްގެންނެވެ.

އެ ރިޕޯޓް މަޖިލީހުން ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކު އެވެ. އަދި އެ ނިންމުމަށް ތާއީދު ނޫން ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އާޒިމް އެ އެސޯސިއޭޝަނާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާ އެއް ގޮތަށް މަހަކު އެއް ފަހަރު ހިންގާ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާފައި ނުވާ ކަމަށާއި ކޮމިޓީގައި ހުސްވެފައިވާ މަގާމުތަކުގެ އިންތިހާބު ބާއްވާފައި ނުވާ ކަމަށެވެ. ގަވާއިދުގައި ބުނާ އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް ވެސް އެފްއޭއެމް އިން އުފައްދާފައިވާ ނުވާ ކަމަށް ވެސް އާޒިމް ހުށަހެޅުއްވި އެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނުތަކާއި އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާއިރު ވެސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ގާނޫނުގައި ބުނާ ގޮތަށް އެ އެސޯސިއޭޝަނާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް އާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.

އާޒިމްގެ އެ މައްސަލައާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި އެ އެސޯސިއޭޝަނުގެ އިސްވެރިން އިޖުތިމާއީ ކޮމިޓީއަށް ގެނެސް ސުވާލުކޮށްފައިވާ އިރު، އެފްއޭއެމުގެ އެފަދަ މައްސަލަތަކީ މަޖިލީހުން ބެލޭނެ ކަމެއް ނޫންކަމަށާއި، މަޖިލީހާއި ކޯޓުތަކުން އެކަން އެގޮތަށް ކުރާނަމަ ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމަށް އޭރު އެފްއޭއެމުން ވަނީ ބުނެފަ އެވެ.

މަޖިލީހުން މިއަދު އެ މައްސަލައިގައި ނިންމި ފަހުގެ ނިންމުމުގައި ބުނެފައިވަނީ، އަތޮޅު، އަދި ރަށު ފެންވަރުގައި ކުޅޭ ކުލަބުތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ބާރުއަޅައި ކުޅިވަރުގެ ރޫހު ނުގެއްލޭނެ ފަދަ ގޮތަކަށް ކަންތައްތައް ރާވައި، އިންތިޒާމު ކުރުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން ކުޅިވަރުގެ މައިދާނުގައި އުފެދޭ މައްސަލަތަކާއި ޙިޔާލު ތަފާތުވުންތައް ކުޑަކުރުމަށްޓަކައި، ކުޅިވަރު ގާނޫނު ދަށުން އުފައްދަން ޖެހޭ ސްޕޯޓްސް އާބިޓްރޭޝަން ޕެނަލް އުފެއްދުމަށް މަތިކޮށްފައިވާ ފާރާތްތަކުން އެކަން ގާނޫނުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށާއި، އެކަމާ ގުޅުންހުރި މަސައްކަތްތައް ވީ އެންމެ އަވަހަކަށް ކުރުމަށް ވަނީ އެދިފަ އެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު މައިދާނުގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރުމަށްޓަކައި އާބިޓްރޭޝަން ޕެނަލްއެއް އެކުލަވާލުމާއި އާބިޓްރޭޝަންގައި ބޭނުންކުރާނެ ގަވާއިދުތަކާއި އުސޫލުތައް ހަދައި އެކަމަށް މަގުފަހިކޮށްދިނުމަށް ގާނޫނު އަސާސީގެ ކުޅިވަރާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގެ (ލ) ގައި ބުނެފައިވެ އެވެ.

comment ކޮމެންޓް