ލީގު ފެށޭތޯ ކުޅިވަރު މިނިސްޓްރީން މަސައްކަތް ކުރޭ: މަހްލޫފް

ނޮވެމްބަރ 9، 2020: 67 ރަށުގައި ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރުން: މިތަކެތި ރަމްޒީގޮތުން ދިވެހި ސަރުކާރާއި ހަވާލު ކުރުމަށް ގަލޮޅި ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑްގެ ސަބަބުން ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުމުގެ ސަބަބުން މުޅި ފުޓުބޯޅައަށް ލިބިފައިވާ ގެއްލުންތަކަށް ހައްލު ހޯދައިދިނުމަށް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ޔޫތު، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ގައިޑްލައިނާ އެއްގޮތަށް ދިވެހި ޕްރިމިއާ ލީގް ކުރިއަށް ދަނިކޮށް ކުއްލިއަށް ލީގް މެދުކަނޑާލަން އެންގި އެނގުން ބަދަލުކޮށް ލީގް އަލުން ފެށުމުގެ ހުއްދަ ދިނުމަށް އެދި ކުރި މަސައްކަތުން ވެސް އެޗްޕީއޭ އާއި ކަމާ ބެހޭ އިދާރާތަކުން އެކަށީގެންވާ އިޖާބައެއް ނުލިބުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް މައްސަލަ ގެންދިއުމަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން މިހާރު ވަނީ ނިންމައިފަ އެވެ.

ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، މާޒިޔާގެ ޖެނަރަލް ސެކްޓްރީ އަބްދުލް ވައްހާބު ވިދާޅުވީ ލީގު މެދުކަނޑާލައި، ފަރިތަކުރުންތައް ބޭއްވުން މަނާ ކުރުމުން ގެއްލުންވަމުންދާ ކުލަބުތަކުގެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާތަކުގެ ކަންބޮޑުވުން މިހާތަނަށް ސަރުކާރުގެ އެކި އެކި އިސްވެރިންނާ ވެސް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"ޔޫތު މިނިސްޓަރު ވިދާޅުވެފައި އެބައޮތް އެބޭފުޅާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސީޒަން އަލުން ފެށުމަށްޓަކައި ކޮށްދޭނެ ވާހަކަ. އަދި ވެސް ކުރަމުންނޭ މިދަނީ. އެމަނިކުފާނު ވެސް ކުޅިވަރަށް، ހާއްސަކޮށް ފުޓުބޯޅަ އަލުން ފެށުމަށް ވަރަށް ބުރަކޮށް އެބަ މަސައްކަތް ކުރައްވާ." ވައްހާބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ވަރަށް އަދަބުވެރިކަމާ އެކު އެދެން އަޅުގަނޑުމެން މަނިކްފާނުގެ އެޕޮއިންޓްމެންޓެއް ލިބިން. މަނިކުފާނާ އެކު އަޅުގަނޑުމެންގެ ބައްދަލުވުމެއް ކުރިއަށް ގެންދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެބަތިބީމު. މަނިކުފާނުގެ އެންމެ އިޝާރާތަކަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ."

ކުލަބުތަކުގެ ކަންބޮޑުވުމާ ގުޅިގެން މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުލަބުތައް މިކަމުގައި ކަންބޮޑުވާ ފަދައިން އެބޭފުޅާ ވެސް މިކަމުގައި ކަނބޮޑުވާ ކަމަށެވެ. އަދި މިނިސްޓްރީން އެކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށާއި ލީގު ހުއްޓިފައި އޮތުމަކީ އެކި ގޮތް ގޮތުން ކުލަބުތަކާއި ކުޅުންތެރިންނަށް ވެސް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.

comment ކޮމެންޓް