މަލީހު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްމެވެ.

އެ މައްސަލަ ހުށަހަޅުއްވާފައިވާކަން އޭނާ ވަނީ ޓްވީޓް ކުރައްވާފައެވެ.

އަލީ އާޒިމް މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުއްވީ 14 މެމްބަރުންގެ ސޮޔާއެކު ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި މަލީހު ވަކިކުރަން އެމްޑީޕީން ހުށަހެޅި އިރު، އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ މީގެ ކުރިން އެމްޑީޕީގެ މަޖިލިސް މެމްބަރުން ފާޑު ކިޔާފައިވެ އެވެ.

މަޖިލިސް ގަވައިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ބޭނުން ވަނީ 10 މެމްބަރުންގެ ސޮއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އައުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ، 65 އެކެވެ. އެހެން ކަމުން އެމްޑީޕީއަށް ވަޒީރަކުން މަގާމުން ދުރުކުރުމަށް ފަސޭހަ ވާނެ އެވެ.

comment ކޮމެންޓް