ހުޅުމީދޫގެ އުމުރުން ދުވަސްވީ ކޮވިޑު ޕޭޝަންޓެއް ހިތަދޫއަށް ބަދަލުކޮށްފި

އައްޑޫ ސިޓީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ޑޮކްޓަރުންގެ ލަފާގެ މަތިން އައްޑޫ ސިޓީ ހުޅުމީދޫއިން ޕޮޒިޓިވްވި ކޮވިޑް ބަލިމީހެއް ހިތަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފި އެވެ.

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު ޝަރަފް ސާދާތު "ސަން" އަށް ވިދާޅުވިގޮތުގައި މިއަދު އައްޑޫގެ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ބަދަލުކުރި ޕޭޝަންޓްއަކީ އުމުރުން 55 އަހަރުން މަތީގެ މީހެކެވެ. އަދި އެމީހާ ހިތަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރީ ހުޅުމީދޫއިން ނުހެދޭ ޓެސްޓުތަކެއް ހެދުމަށްޓަކަ އެވެ.

"ހާލު ދެރަވެގެންނެއް ނޫން. އިތުރު ޓެސްޓުތަކެއް ކުރުމަށްޓަކައި. ހުޅުމީދޫއިން ނުހެދޭ ޓެސްތުތަކެއް." ޝަރަފް ވިދާޅުވި އެވެ.

އައްޑޫ ސިޓީއިން ގިނަ އަދަދެއްގެ ކޮވިޑު ކޭސްތަކެއް ފެނި މުޅި ސިޓީ ވަނީ މޮނިޓަރިންގްއަށް ލައިފަ އެވެ.

އެ ސިޓީއިން ފެނުނު ކޮވިޑް ކޭސްތަކާ ގުޅޭ ގޮތުން ޝަރަފް އިތުރަށް ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ ހާލަތު މިވަގުތު ރަނގަޅެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިޔަށެވެ.

އައްޑޫއިން މިހާތަނަށް ޖުމްލަ 49 ޕޮޒިޓިވް ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހުޅުމީދޫއިން 26 ކޭސް ފެނިފައިވާއިރު ދެން ހުރި ރަށްތަކުން ވަނީ 23 ކޭސް ފެނިފަ އެވެ.

މި ކޭސްތަކާއެކު އައްޑޫ ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރު ކޮށްފަ އެވެ. އޭގެ ތެރޭގައި އެއް ގެއިން އަނެއް ގެޔަށް މީހުން ނުދިޔުމަށް އަންގައި، ރޭގަނޑު 8:00 އިން ފެށިގެން އެ ސިޓީގައި ކާފިއުވެސް ވަނީ އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް