ޖިހާދު ދައުވާއަށް އިންކާރު ކުރައްވައިފި، ދައުލަތުގެ ހެއްކަކަށް އަދީބު

25 ޖުލައި 2018: ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

ޖިހާދުގެ މައްޗަށް އެ ދައުވާ ކުރީ، ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް، ސަރުކާރަށް ގެއްލުންވާ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދި ކަމަށް ބުނެ އެވެ. އެއީ އޭނާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ފިނޭންސް މިސްޓަރުކަން ކުރެއްވި އިރު ހިނގި ކަމެކެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުން ޖިހާދަށް ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިންކާރުކުރައްވައިފަ އެވެ.

ޖިހާދު ދައުވާއަށް އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސްކަންވެސް ކުރެއްވި އަހުމަދު އަދީބާއި، ވަޒީރުންގެ މަޖިލީހުގެ ކުރީގެ ލިޔުންތަކަކާއި، އޭސީސީގެ ބަޔާންތަކެއް ހިމެނެ އެވެ.

މިއަދު މައްސަލަ މަދަނީ މިންގަނޑުން ބެލޭނެ ކަމަށް ގާޒީ ވަނީ ކަނޑައަޅައިފަ އެވެ. އަދި ދެ ފަރާތުންވެސް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން 14 ދުވަހުގެ މުއްދަތެއް ދިނެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަށް ނުޖެހެ އެވެ.

ނަމަވެސް، ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި ސަރުކާރުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެވެ.

ޖިހާދުގެ އެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމަ އެކަނި ބިމު ކުލީގެ ގޮތުގައިވެސް 604.7 މިލިއަން އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުން އެމައްސަލަ ނިންމި އިރު ބިމުކުލީގެ ގޮތުގައި 50 އަހަރުގެ ތެރޭގައި 411.7 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޕްރައިމް ލޮކޭޝަން ޗާޖުގެ ގޮތުގައި 50 އަހަރު ތެރޭގައި 192.9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޖިހާދު އެއްބަސް ވުމުގައި ސޮއިކޮށްފައި ވަނީ އެއިން އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ކަމަށް ދައުލަތުން ބުނެ އެވެ.

comment ކޮމެންޓް