މަޖިލީހުގެ އިދާރާގައި އާންމުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފި

މަޖިލީހުގައި ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަޖިލީހުގައި އާންމުންނަށް ކޮވިޑް ވެކްސިން ދެވޭނެ އިންތިޒާމް ހަމަޖައްސައި، ވެކްސިން ދޭން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ ވެކްސިން ޖެހުން ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއީ ސަރުކާރުން ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަމަޖެއްސި އިންތިޒާމެއް ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ވެކްސިންގެ ޓާގެޓް ހާސިލްކުރަން ކޮންމެ ދުވަހަކު 6000 މީހުންނަށް ވެކްސިން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވާ ކަމަށެވެ.

"އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ގޯތި ތެރޭގަ އާއި އިދާރާގައި ޖާގަ އޮތުމާ އަދި މި އިދާރާ ތެރޭގައި ފިނިކޮށްފައިވާ، އެއާ ކޮންޑިޝަންޑް ޖާގަ ބޮޑުވުމާ ވެސް އެކުގައި، އަދި އަޅުގަނޑުމެންނަކީ ކަންކަން ހިންގޭ ބަޔަކަށް ވެސް ވާތީ މިތަނުން މި މަސައްކަތް ކުރިއަށް މި ގެންދަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލިސް ރައީސް ވިދާޅުވީ މަޖިލިސް އިދާރާގައި ވެކްސިން ދެމުން އަންނަނީ އެކި ކަހަލަ ބަލިތައް ހުންނަ މީހުންނަށް ކަމަށެވެ. އަދި ވެކްސިން ދެނީ އެޗްޕީއޭ އިން އެކުލަވާފައިވާ ލިސްޓުގައިވާ މީހުންނަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް މަޖިލިސް މެމްބަރުންނަށް ވެސް ވެކްސިން ޖެހޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެގޮތުން މަޖިލިސް މެމްބަރުންގެ ތެރެއިން އެއްވެސް ކަހަލަ ބައްޔެއް ހުރި މެމްބަރުން ތިބިތޯ ބެލުމަށް އަމީންއާންމަށް އަންގަވާފައިވާ ކަަމަށާއި، އެއްވެސް މެމްބަރަކު ބަލީގެ ކަންކަން ސިއްރު ނުކުރުމަށް އެދިވަޑައިގަތެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އިއްޔެއާ ހަމައަށް 16،251 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރެއިން 13،418 މީހުންނަކީ މާލެ ސިޓީން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވަނީ، 2،833 މީހުންނެވެ.

މާލެ ސީޓިގައި ހަތް މަރުކަޒެއް ވެކްސިން ޖެހުމަށް ހާއްސަކޮށްފައިވާއިރު، އަތޮޅު ތެރޭގައި 21 މަރުކަޒަކުން އަންނަނީ ވެކްސިން ޖަހަމުންނެވެ.

ރާއްޖޭގައި މިހާތަނަށް ޖަހަމުން ދަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާއިން ހަދިޔާކޮށްފައި ވަނީ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ކޮންމެ މީހަކަށް އޭގެ ދެ ޑޯޒް ދޭން ޖެހޭނެތީ އޭގެއިން ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ވެކްސިން ހަދިޔާ ކުރަން ނިންމާފަ އެވެ. އެގައުމުން ހަދިޔާ ކުރަން ނިންމާފައި ވަނީ ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް އެވެ. އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ.

comment ކޮމެންޓް