ފުޓުބޯޅައިގެ އުދަރެސް ބަނަވެ، ކުލަބުތައް ގޮތް ހުސްވެއްޖެ

ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބެއް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- މިހާރު

ގައުމީ ދިވެހި ލީގުގެ ކުޅުމާއި، ކުލަބުތަކުގެ ފަރިތަކުރުންތައް ކުއްލިއަކަށް ހުއްޓާލަން ޖެހުމުގެ ސަބަބުން ދިވެހި ފުޓުބޯޅައަށް ލިބެމުންދާ ހީވެސްނުކުރާ ބޮޑެތި ގެއްލުންތަކުން އަރައިގެނެވޭނެ ގޮތެއް ނޭންގޭ ހާލު، މިގޮތުގައި "ވާނުވާ ނޭންގި" ތިބެން މިޖެހޭ ޖެހުމަށް ހައްލެއް ހޯދައިދިނުމަށް އެދި ކުލަބުތަކުގެ އާދޭސްތައް ބަންޑުން ކޮށްލައިފި އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އަލަށް ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މި މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.

ލީގުގައި ވާދަކުރާ އަށް ކުލަބު ގުޅިގެން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް އެ ކުލަބުތަކުގެ ކަންބޮޑުވުންތައް ހިއްސާ ކުރި އިރު، ކުލަބުތަކުގެ މެނޭޖްމެންޓުގެ އިސްވެރިންގެ ފަރާތުން ފެނުނީ މާޔޫސްކަމާއި، ހާސްކަމެވެ. ފުޓުބޯޅައިގެ މުސްތަގުބަލާ މެދު އެމީހުން ކުރަމުން އަންނަ އުންމީދަށް އެޅެމުންދާ ހިޔަނިން ރެކެވޭނެ ގޮތެއް ނޭންގިތިބެ، ދެއްކި ވާހަކަތަކުގައި ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުން ކުލަބުތަކުން ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ސާފުކޮށް އިނގިގެން ދިޔަ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސެއިން ޝާފިއު (ކޮކީ) ވިދާޅުވީ މިގޮތަށް ލީގު މެދުކަނޑާލާފައި އޮތުމުން ކުލަބުތަކަށާއި ކުޅުންތެރިންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބިގެންދާ ކަމަށެވެ. އަދި ލީގު އަލުން ފެށުމުގެ އެއްވެސް އިޝާރާތެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާތަނަށް ނެތް އެއްވެސް އަލިމަގެއް ފެންނަ ކަހަލަ އިޝާރާތެއް ލިބިފައެއް،" ކޮކޯ ވިދާޅުވި އެވެ. "އަޅުގަނޑުމެން ކުޅެ ކުޅެ ތިއްބާ ދެވަނަ ރާޅު [ކޮވިޑްގެ] ތިރިވެގެން ދިޔައީ. އެހެންވީމާ އަޅުގަނޑުމެންގެ ފަރާތުން ކޮވިޑްގެ އެއްވެސް ކްލަސްޓާއެއް އުފެދިފައެއް ނެތް."

ޓީސީ ސްޕޯޓްސް ކުލަބުގެ އިސް އޮފިޝަލް މުޙައްމަދު އީސަ (މޯ) ވިދާޅުވީ ރާއްޖޭގެ ލީގުގައި ވާދަކުރާ ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޖުމުލަ އަދަދު 500 އާއި ގާތް ކުރާ ކަމަށާއި، އޭގެ ތެރެއިން 60-70 އިންސައްތަ މީހުންނަކީ ފުޓުބޯޅައިން ލިބޭ އާއްމުދަނީއަށް ބަރޯސާ ވެގެން ތިބޭ ބައެއް ކަމަށެވެ. އަދި ކުރިން ފުޓުބޯޅައިގައި އޮތް ސަގާފަތް މިހާރު ބަދަލުވަމުން އައިސް ކުލަބުތަކަކީ ޕްރޮފެޝަނަލްކޮށް ހިންގާ ކުލަބުތަކަށް ވެފައި، އެތައް އާއިލާތަކެއް އޭގެން ލިބޭ އާއްމުދަނީއަށް ބަރޯސާވާކަން މޯ ވަނީ ފާހަގަ ކޮށްފަ އެވެ.

"މީ ވަރުގަދަ އިންޑަސްޓްރީއެއް. މީތި އެކަމު އެވެއާއެއް ނުވޭ. ވޭތުވެ ދިޔަ ދުވަސްތަކުގައި ހިނގާދިޔަ ގޮތަކަށް ނޫން މިހާރު މިކަންކަން މިހިނގަނީ. ފައިނޭންޝިއަލީ މިހުންނަ ބޮޑެތި ކަންތައްތައް ވެސް ފުރިހަމަ ކޮށްގެން އަހަރުމެން އެންމެން މި ކުލަބުތައް ނަގައި ހިންގަނީ. މި އެންމެންނަށް އެބަ އިނގެން ޖެހޭ މިއީ ކިހާވަރެއްގެ ކަމެއްކަން. ރަނގަޅު އިންކަމެއް ލިބޭ ކަމެއްކަން އަންނަން އޮތް ޖީލުތަކައް ވެސް އިނގެން ޖެހޭ." މޯ ވިދާޅުވި އެވެ.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މެނޭޖަރު މުޙައްމަދު ފަސީން ރާފިއު ވިދާޅުވީ އެފްއޭއެމް އަދި ކުޅިވަރުގެ ފަރާތްތަކާ ވާހަކަ ނުދައްކާ ކުއްލިއަކަށް މި ނިންމި ނިންމުމުގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި ކުޅުންތެރިންނަށް ނޫންކަމަށާއި، އެކަމުގެ ސަބަބުން ކުލަބުތަކުގެ ކުޅުންތެރިންނާއި، އޮފިޝަލުންނާއި ގުޅިފައިވާ ބޮޑެތި އާއިލާތަކަށް އެކަމުގެ ގެއްލުން ވަމުންދާ ކަމަށެވެ.

"ހަމައެކަނި މިކަހަލަ ޑިސިޝަނެއް ނަގައި އިރު، އަޅުގަނޑުމެންނާ ވެސް މިކަމުގައި މަޝްވަރާތަކެއް ކޮށްލައި، ރަނގަޅު ގޮތުގައި މިކަންތައް ހައްލުކުރެވޭނެ އުސޫލުތަކެއް ވެސް އޮންނަން ޖެހޭ. ހަަމަ ކުއްލިއަކަށް އިރު އޮއްސި އިރު އަރާއި އިރު މިބުނަނީ ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއް ނުބޭއްވޭނޭ، ޕްރެކްޓިސްތަކެއް ވެސް ނޯންނާނެ އޭ." މުޙައްމަދު ފަސީން ރާފިއު ވިދާޅުވި އެވެ.

ކުލަބުތަކުން މިއަދު ބޭއްވި ޕްރެސްގައި ފުޓުބޯޅައަށް މިހާރު ދިމާވެފައި އޮތް ހާލަތުން އަރައިގަނެވޭނީ އެޗްޕީއޭއިން ކުލަބުތަކަށް ތާރީހެއް ދީގެން ކަމަށެވެ. އަދި މިހާރު މިދާގޮތުން ފެށޭނެ ވަކި ތާރީހެއް ބުނަން ނޭންގޭ ކަމަށާއި، ނުކުޅެ ތިއްބަސް އެންމެންނަށް މުސާރަ ދޭން ޖެހޭ ކަމަށާއި، އަހަރެއްގެ މައްޗަށް އެތައް އެތައް މިލިއަން ރުފިޔާއެއް ކުލަބުތަކުން ހަރަދު ކުރާއިރު، މިކަމަށް އަލިމަގެއް ނުލިބުމަކީ ކުލަބުތައް ބެންކްރަޕްޓްވާ ހިސާބަށް ގޮސްދާނެ ކަމެއް ކަން ވަނީ ފާހަގަ ކޮށްފަ އެވެ.

comment ކޮމެންޓް