ތެލުގެ އަގު ބަލިމަޑުކަމުގެ ކުރިން ހުރި އަގަށް އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް މިއަދު ވަނީ އުފުލިފަ -- ފޮޓޯ: ގެޓީ

ލަންޑަން (ފެބްރުއަރީ 8): ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް މިއަދު އުފުލިއްޖެ އެވެ.

ދުނިޔޭގެ ބާޒާރުގައި މިއަދު ހެނދުނު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުު ވަނީ 60.06 ޑޮލަރަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ފަހުން ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރަށް އެރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ތެލުގެ އަގު ދަށްވާން ފެށީ ޔޫރަޕްގައި ކޮރޯނާވައިރަސް ފެތުރި، އޭގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ބުރޫ އަރާނެކަން ހާމަވުމުންނެވެ. އަދި މިދިޔަ އޭޕްރިލް މަހު އެމެރިކާގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ސުން ޑޮލަރަށް ވުރެ ދަށަށް ދިޔަ އެވެ.

އޭގެ ފަހުން ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 21 އަހަރު ތެރޭ ނުވެއްޓޭ މިންވަރަކަށް، 20 ޑޮލަރަށް ވުރެ ދަށަށް ވެއްޓުނެވެ.

ތެލުގެ ބާޒާރާ ބެހޭ ތަފާސްހިސާބު އެއްކުރާ ސިންގަޕޫރުގެ ކުންފުނި، ވަންދާ އިންސައިޓްސްގެ ބާނީ ވަންދަނާ ހަރީ ވިދާޅުވި ގޮތުގައި ތެލުގެ އަގު އުފުލެމުންދާ މައިގަނޑު ސަބަބަކީ ކޮވިޑް-19 ވެކްސިން ލިބުމުން އިގުތިސާދު އަލުން ރަނގަޅު ވާނެ ކަމަށް މިހާރު ބެލެވިފައިވާތީ އެވެ. އެގޮތުން އޭޝިއާގައި މިހާރު ތެލުގެ ޑިމާންޑު އިތުރުވަމުންދާ ކަމަށް ރޯޔަލް ޑަޗް ޝެލް ކުންފުނިން ބުންޏެވެ. އަދި ސައުދީ އަރަބިއާ ފަދަ ތެޔޮ އުފައްދާ ގައުމުތަކުން ތެޔޮ އުފައްދާ، ބޭރު ކުރާ މިންވަރު މަދު ކުރުމަކީވެސް ތެލުގެ އަގު އުފުލުނު ސަބަބެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

comment ކޮމެންޓް